25 ފެބުރުއަރީ 2022 - 12:47

ކިއޭވް (ފެބްރުއަރީ 25) - ރަޝިޔާގެ ހަމަލާތައް ވަރުގަދަވުމުން ދިފާއީ ހިޔާވަހިކަމެއް ހޯދުމުގެ ގޮތުން ޔުކްރޭނުގެ ގިނަ ރައްޔިތުން ރޭ ހޭދަކޮށްފައި ވަނީ މެޓްރޯ ސްޓޭޝަންތަކުގެ ބިންގަރާސްތަކުގަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އުމުރުން ދުވަސްވީ މީހުންނާއި ތުއްތު ކުދިން ވެސް ރޭ ހޭދަކުރީ މެޓްރޯ ސްޓޭޝަންތަކުގަ އެވެ. ބިންގަރާސްތަކަށް ވަދެފައި ވަނީ ހަމަލާތަކުގެ އަމާޒަކަށް ހަދާފައިވާ ވެރިރަށް ކިއޭވް އާއި ކަރްކިވްގައި ދިރިއުޅޭ މީހުންނެވެ.

ބައެއް މީހުން ބިންގަރާސްތަކަށް ވަދެފައި ވަނީ އެ މީހުން އާއްމުކޮށް ބޭނުންކުރާ ސާމާނުތައް ވެސް ހިފައިގެންނެވެ.
ޔުކްރޭނުގައި ރޭ ވަނީ ކާފިއު ހިންގައިފަ އެވެ. އަދި ބޮމުގެ ހަމަލާތަކުން ރައްކާތެރިކަން ހޯދަން ބޭނުންވާ އެންމެންނަށް މެޓްރޯ ސްޓޭޝަންތައް ވަނީ ހުޅުވާލައިފަ އެވެ.
ރަޝިޔާގެ ހަމަލާތަކުގައި ޔުކްރޭނުން މިހާތަނަށް 137 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އާއްމުން ވެސް ހިމެނެ އެވެ. އަދި 316 މީހުން ވަނީ ޒަޚަމްވެފަ އެވެ.
ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދުމާ އެކު ޔުކްރޭނުގެ ގިނަ ރައްޔިތުން ވަނީ އަވަށްޓެރި ގައުމުތަކަށް ހިޖުރަކުރަން ފަށައިފަ އެވެ. ޔޫއެން ހައި ކޮމިޝަނާ އޮފް ރެފިއުޖީސް އިން ހާމަކޮށްފައިވާ ގޮތުގައި ޔުކްރޭން ދޫކޮށް ދިޔަ މީހުންގެ އަދަދު ލައްކައަކަށް އަރާނެ އެވެ.
ޔުކްރޭނުގެ ހުޅަނގުން އިންވެގެން އޮންނަ ޕޮލެންޑުން މިހާރު ވެސް ވަނީ ބޯޑަރުގައި ރިސެޕްޝަން ސެންޓަރުތަކެއް ގާއިމްކޮށްފަ އެވެ. ބޭނުމަކީ ޔުކްރޭނުން ބޭރުވާ ރެފިއުޖީންގެ ކަންކަން ހަމަޖެއްސުމަށެވެ.