19 ޑިސެމްބަރ 2016 - 14:53

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެކަމަކު އަދަބު ކަނޑައެޅުން އޮންނާނީ ޖެނުއަރީ 24 ގަ އެވެ.
ދެ ނޫސްވެރިންނަށް ދޭނެ އަދަބެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު ދެ ނޫސްވެރިންގެ ވަކީލު އަބްދުﷲ ހަސީން ހުށަހެޅުއްވީ ޖޫރިމަނާއަކުން ނިންމާލުމަށެވެ.
ސިއްރުކޮށްގެން ބޭއްވި ޝަރީއަތުގައި އޭނާ ވިދާޅުވީ އަދަބު ކަނޑައަޅުއްވާ އިރު ކުށުގެ ރެކޯޑަށް ބައްލަވަން ޖެހޭނެ ކަމަށާއި އެގޮތުން މިއީ ދެ ނޫސްވެރިންގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމުން، 12،000ގެ ޖޫރިމަނާއެއް ކުރުމަށެވެ.
ހަސީން ވިދާޅުވި ގޮތުގައި ދެ ނޫސްވެރިންނަކީ ޒިންމާދާރުކަމާ އެކު މަސައްކަތްކުރަމުން އަންނަ ބައެކެވެ. އެހެންކަމުން މަސައްކަތުން އެކަހެރިކޮށްފައި ބޭތިއްބުން ރަނގަޅު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ވިސާމާއި ލީވާންގެ މައްޗަށް ދައުލަތުން ދައުވާ ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގެ ކައިރިން ބޮމެއް ފެނިގެން ސިފައިންނާއި ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދެއްގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ހުންނަވަނިކޮށް އޭނާ ހައްޔަރުކުރަން ފުލުހުން އުޅުނު ވަގުތު އެ ދެ މީހުން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އެވެ.
އާ ގާނޫނުލްއުގޫބާތު ބުނާ ގޮތުން ހުކުމް އިއްވުމާއި ދޭނެ އަދަބު ކަނޑައެޅުމުގެ ޝަރީއަތަކީ ތަފާތު ދެ ޝަރީއަތެކެވެ. ދޭނެ އަދަބު ގާޒީ ކަނޑައަޅުއްވާނީ، ދައުލަތުންނާއި ދިފާއީ ވަކީލުން ހުށަހަޅާ އަދަބުތަކާ މެދު ވިސްނެވުމަށް ފަހު އެވެ.
މިއީ ފަހުގެ ތާރީޚެއްގައި ނޫސްވެރިންގެ މަައްޗަށް ޖިނާއީ ދައުވާއެއް އުފުލައި، ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ. އާ ގާނޫނުއަސާސީގެ ދަށުން ނޫސްވެރިކަމުގެ މިނިވަންކަން ލިބުނު ފަހުން، ކުރީގެ ސަރުކާރުތަކުން ނޫސްވެރިންގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެ އެވެ.
ވިސާމާއި ލީވާންގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންދަން އެކި ފަރާތްތަކުން ޕީޖީ އަށާއި ސަރުކާރަށް ގޮވާލި އެވެ.
މި ދެ ނޫސްވެރިންގެ އިތުރުން ފިޔާޒާއި ރާއްޖެ ޓީވީގެ އެހެން ނޫސްވެރިއެއްގެ މައްޗަށް ވެސް ޖިނާއީ ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.