ޒެލެންސްކީ ގައުމުން ބޭރަށް ގެންދަން އެމެރިކާ އިން ހުށަހެޅުމުން ގަބޫލެއް ނުކުރި
ޒެލެންސްކީ ގައުމުން ބޭރަށް ގެންދަން އެމެރިކާ އިން ހުށަހެޅުމުން ގަބޫލެއް ނުކުރި

ކިއޭވް (ފެބްރުއަރީ 26) - ޔުކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ގައުމުން ބޭރަށް ގެންގޮސް ހިމާޔަތް ދިނުމަށް އެމެރިކާ އިން ހުށަހެޅި ނަމަވެސް އެ ހުށަހެޅުން އޭނާ ގަބޫލް ކުރައްވާފައި ނުވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފި އެވެ.

"ޒެލެންސްކީ ވިދާޅުވަނީ މި ގައުމުގައި ހަނގުރާމަ ހިނގާ ކަމަށް. ބޭނުން ވަނީ ހަތިޔާރު ކަމަށް. ގައުމުން ބޭރަށް ގެންދިއުން ނޫން ކަމަށް،" ޔުކްރޭނުގެ އިންޓަލިޖެންސް އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކޮށްފައިވެ އެވެ.

ވޮޝިންޓަން ޕޯސްޓުން ވެސް ބުނެފައިވާ ގޮތުގައި ޒެލެންސްކީ އަށް އެހީވުމަށް އެމެރިކާ އިން ވަނީ ހުށަހަޅައިފަ އެވެ.

ރަޝިޔާގެ ހަމަލާތަކާ ދެކޮޅަށް ޒެލެންސްކީ ދައްކަވަމުން ގެންދަވާ ހިތްވަރަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ އޭނާ އަށް ތައުރީފް ކުރަމުންނެވެ. ވެރިރަށް ކިއޭވްގެ މަގުތަކަށް ނުކުންނަވާ ކުރީގެ ކޮމެޑީ ބަތަލް ގެންދަވަނީ ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެ ޓްވީޓްތައް ކުރައްވަމުންނެވެ.

"ހަމަލާތަކާ އަހަރެމެން ކުރިމަތިލާނީ ކުރިމަތިން. ފަހަތަކުން ނޫން،" އެއް ޓްވީޓެއްގައި ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ އިއްޔެ ވިދާޅުވީ ރަޝިޔާގެ ހަމަލާތަކުގެ އަމާޒަކީ އޭނާ ކަމަށާއި އެކަމަކު ގައުމު ދޫކޮށް ފިއްލަވައިގެން ވަޑައިނުގަންނަވާނެ ކަމަށެވެ.

އަމާން ދިނުމަށް ފަހު ގައުމު ދޫކުރައްވައި ވަޑައިގަންނަވަން އުޅުއްވާ ކަމަށް މިއަދު ފެތުރި ވާހަކަތައް ވެސް ޒެލެންސްކީ ވަނީ ދޮގު ކުރައްވައިފަ އެވެ.