25 ފެބުރުއަރީ 2022 - 10:29

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހެދުނު ސާޖަރީއެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާތައް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކުރެއްވިތާ 3:30 މިނެޓް ފަހުން އަލުން ޒިންމާތަކާ ހަވާލުވެވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ހެނދުނު 6:00 ގައި ނައިބު ރައީސްއާ ޒިންމާތައް ހަވާލުކުރެއްވުމަށް ފަހު ރައީސް އަލުން ޒިންމާތަކާ ހަވާލުވެވަޑައިގަތީ ހެނދުނު 9:30 ގައި ކަމަށެވެ.
ގާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގަ އެވެ.
ރައީސް އޮފީހުން ބުނީ ގާނޫނުއަސާސީގައި ބުޏާ ގޮތަށް، އަލުން ޒިންމާތަކާ ހަވާލުވެވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެކަން 9:30 ގައި އަންގަވާފައިވާ ކަމަށެވެ. އެހެންވެ އެ ހިސާބުން ނައިބު ރައީސްގެ ކިބައިން ރައީސްގެ ޒިންމާތައް ވަކިވެ އަލުން ރައީސަށް ބާރުތައް ލިބިވަޑައިގަންނަވާނެ އެވެ.
ވަގުތީ ގޮތުން ރައީސް ކަމާއި ނައިބު ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން ވެސް ގާނޫނީ ހުވައެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ ނައިބު ރައީސް މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު 6:00 ގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ހުވާކުރައްވައިފަ އެވެ.
ތައިރޮއިޑްގެ ސާޖަރީއަށް ފަހު ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށެވެ. އެ ޓްވީޓްގައި ރައީސް ވަނީ އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.