25 ފެބުރުއަރީ 2022 - 09:42

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހާލުކޮޅު ސާޖަރީއަށް ފަހު މިހާރު ރަނގަޅު ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ތައިރޮއިޑްގެ އާލާސްކަންފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން މިއަދު ސާޖަރީ ހެއްދެވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ސާޖަރީ މިހާރު ނިމިއްޖެ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ. ސާޖަރީއަށް ފަހު މިހާރު އޮންނެވީ ރިކަވަރީގައި ކަމަށާއި އެ މަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގެން ސާޖަރީ ހެއްދެވި އިރު މިއަދު ހެނދުނު ވަނީ ވެރިކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުުކުރައްވައިފަ އެވެ. އެއީ ގާނޫނުއަސާސީގައި ބުނާ ގޮތުން، ވެރިކަމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ކަން ކުރަން އޮންނަ އުސޫލުންނެވެ.
ގާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން އުޒުރުވެރިވެއްޖެ ކަމަށް ގަބޫލުކުރެވިއްޖެ ނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކުރަން ޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގަ އެވެ.
މިފަދަ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ހަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައި ކަމަށް ވެސް ގާނޫނުއަސާސީގައި އޮވެ އެވެ.
ނައިބު ރައީސްއާ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ހަވާލުކުރައްވައި ނައިބު ރައީސް އެކަމުގެ ހުވާކުރެއްވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގަ އެވެ.