24 ފެބުރުއަރީ 2022 - 23:23

ޔުކްރެއިންގައި ރަޝިއާ އިން މިއަދު ހަނގުރާމަ ފަށާފައިވާއިރު، ރާއްޖެ ނާދެވި އެ ގައުމުގައި ތާށިވެފައި ތިބި ދިވެހި ދަރިވަރުންނަށް ސަރުކާރުން މާލީ އެހީތެރިކަން މިއަދު ދީފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ ރާއްޖެ ނާދެވި ޔުކްރެއިންގައި ތާށިވެފައި ތިބި 21 ދަރިވަރަކަށް ސަރުކާރުން މާލީ އެހީ ދީފައިވާ ކަމަށާއި އަދި އެ ދަރިވަރުންނަށް ބީއެމްއެލްގެ ކާޑުތައް މެދުވެރިކޮށް ކުރެވޭ ޓްރާންސެކްޝަންތަކުގެ ލިމިޓް ވެސް މިހާރު ބޮޑުކޮށްދީފައި ވާނެ ކަމަށެވެ.
އެ ފަސޭހައިގެ ދަށުން އަންނަ މަހު ތިން ވަނަ ދުވަހާ ހަމައަށް އެ ދަރިވަރުންނަށް ބޭންކް މުއާމަލާތްކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޔުކްރެއިންގައި ތިބި ދިވެހިންނާ ގުޅިގެން އެންމެފަހުން ދިން އަޕްޑޭޓްގައި ފޮރިން މިނިސްޓްރީން މިރޭ ބުނީ، ހަނގުރާމަ ފެށިއިރު ރާއްޖެ ނާދެވި އެ ގައުމުގައި ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އެ އެ ސަރަހައްދާއި ރަހުމަތްތެރި އެހެން ގައުމުތަކުގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އެ ގައުމުގައި ތިބި ހުރިހާ ދަރިވަރުން މިއަދު ރާއްޖެ އަންނަން ނިންމާފައި ވިޔަސް، ހެނދުނު ހަނގުރާމަ ފަށައި އެއާޕޯޓް ދަތުރުތައް ހުއްޓުމަކަށް އައުމާ ގުޅިގެން ޔުކްރެއިން ދިވެހި 21 ދަރިވަރަކު ވަނީ ތާށިވެފަ އެވެ. އެ ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މިނިސްޓްރީން ބުނެ އެވެ.
ޔުކްރެއިން އިތުރުން އެ ގައުމާ ކައިރި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ހާލު ވެސް ސަރުކާރުން އަންނަނީ ބަލަމުންނެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ހެނދުނު ޔުކްރެއިންގައި ހަނގުރާމަ ފެށިކަން އިއުލާންކުރެއްވި އިރު، ރާއްޖެ އަންނަން އަދި ދަތުރު ނުފެށޭ ގިނަ ދިވެހިންތަކެއް އެ ގައުމުގައި ތިބި ކަމަށް ބެލެވޭއިރު، ޔޫކްރެއިންގެ ވައިގެ ދަތުރުފަތުރުތަކަށް ރަޝިއާއިން ހުރަސްއަޅާ، ބައެއް އެއާޕޯޓްތައް ވަނީ ބަންދުކުރަން ފަށައިފަ އެވެ.