19 ޑިސެމްބަރ 2016 - 13:25

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މި ދައުރުގެ ރައީސަކަށް އަބްދުލް މުއީދު ހަސަން، އަދި ނައިބަކަށް އަހުމަދު އަބީރު އިސްމާއިލް މިއަދު އިންތިހާބުކޮށްފި އެވެ.
އެމްއެމްސީގެ ހަތަރުވަނަ ދައުރުގެ ރައީސަކަށް ވާދަކުރި ހަމައެކި ކެންޑިޑޭޓް މުއީދު، އެ މަގާމަށް އިންތިހާބުކުރީ 13 ވޯޓުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރެކެވެ.
ނައިބު ރައީސް ކަަމަށް އަބީރު އިންތިހާބުވީ ނުވަ ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ސަން އޮންލައިންގެ އަހުމަދު މުޖުތަބާ އަށް ލިބުނީ ހަ ވޯޓެވެ.
މީޑިއާ ކައުންސިލްގެ ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރަނީ، އެ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
1- އަބްދުލް މުއީދު ހަސަން
2 އަހުމަދު އަބީރު އިސްމާއިލް
3- އަހުމަދު ރިފާއު
4- އަހުމަދު މުޖުތަބާ
5- މިސްބާހް އައްބާސް
7- ހަސަން ޝާކިރު މުހައްމަދު
8- މުހައްމަދު ހަމްދޫން
9- ޝައުފާ ހުސެއިން
10- މުހައްމަދު އާޒިމް
11- އަންވަރު އިބްރާހިމް
12- އަސްއަދު ޝަރީފް
13- މަރިޔަމް ހަލީލް
މުއީދަކީ އެމްއެމްސީގެ މި ދައުރުގެ އިންތިހާބުގައި މީޑިއާތަކުން ވާދަކުރެއްވި ބޭފުޅެކެވެ. އެމްއެމްސީ އަށް އޭނާ ހޮވިވަޑައިގަތީ 44 ވޯޓުންނެވެ. އަމިއްލަ ގޮތުން އެމްއެމްސީ އަށް ކުރިމަތިލެއްވި އަބީރު، އެ ކައުންސިލަށް އިންތިހާބުކުރީ 81 ވޯޓުންނެވެ. އެހެންވެ އަބީރު ވެފައި ވަނީ އެމްއެމްސީގެ މި ދައުރުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ބޭފުޅާ އަށެވެ.
މީޑިއާ ކައުންސިލްގައި 15 މެމްބަރުން ތިއްބަވަން ޖެހޭއިރު، މިދިޔަ ތިންވަނަ ދައުރުގެ ވަކި ހިސާބަކުން، ދެ ގޮނޑި ހުސްވުމުން އެ ދެ މަގާމަށް ދެ ބޭފުޅަކު ވަނީ އިންތިހާބުކޮށްފަ އެވެ. އެއީ މީޑިއާތަކުގެ ފަރާތުން އިންތިހާބުކުރި މުހައްމަދު އަފްޒަލް އާމިރު އަދި އަމިއްލަ މީހުންގެ ކެޓަގަރީން މުހައްމަދު ހައްސާނެވެ. މީގެ ތެރެއިން އަފްޒަލް ވަނީ، ތިންވަނަ ދައުރު ނިމި، ހަތަރުވަނަ ދައުރަށް މެމްބަރުން އިންތިހާބު ނުކުރަނީސް އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. އެކަމަކު އޭނާގެ އިސްތިއުފާއާ މެދު ގޮތެއް ނިންމާނީ މީޑިއާ ކައުންސިލްގެ ބައްދަލުވުމަކުންނެވެ.
މީޑިއާ ކައުންސިލްގެ ދައުރަކީ ދެ އަހަރު ދުވަހެވެ.