ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް ދެން ހާމަކުރާނީ ހަފުތާއަކު އެއްފަހަރު
ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް ދެން ހާމަކުރާނީ ހަފުތާއަކު އެއްފަހަރު

ކޮންމެ ދުވަހަކު ކޮވިޑް ކޭސްތަކުގެ ޕޮޒިޓިވިޓީ ރޭޓް ހާމަކުރުމުގެ ބަދަލުގައި ހަފުތާއަކު އެއް ފަހަރު އެ އަދަދު އާންމުކުރަން މިއަދު ނިންމައިފި އެވެ.

އެޗްޕީއޭއިން މިރޭ މި މައުލޫމާތު ދެން އާންމުކުރަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭގައި ކަމަށެވެ. އެޕްރީލް 15، 2020 ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ކޭސްއެއް ފެށުނީއްސުރެ، އެ އިދާރާއިން އައީ ކޮންމެ ދުވަހެއްގެ ކޭސްތައް ވަކިވަކިން އާންމުކުރަމުންނެވެ. އަދި ޕޮޒިޓިވިޓީ ރޭޓް ވެސް ވަކިން ހާމަކުރެ އެވެ.

ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް ހާމަކުރުން މިގޮތަށް ބަދަލުކުރީ ކޮންމެ ދުވަހެއްގެ ނަތީޖާ އާންމުކުރާއިރު ވެސް، ލޮކޭޝަން ޔަގީންނުކުރެވޭ ގިނަ ކޭސްތަކެއް ހުރުމުން ކޮވިޑްގެ ޕޮޒިޓިވިޓީ ރޭޓް އަންދާޒާކުރަން އުނދަގޫވަމުން ދާތީ އެ މައްސަލަ އަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނުއިރުން ފެށިގެން ވެސް ކޮންމެ ހަފުތާއެއްގެ ކޭސްތައް ވަކިވަކިން މޮނީޓާކުރަމުން އައިސްފައިވާ ކަމަށް ވެސް ބުންޏެވެ.

މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މުޅި ރާއްޖެއިން 628 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ. މިހާރު އެކްޓީވް ކޭސްތަކުގެ އަދަދު ހުރީ 15،000 އިން މަތީގަ އެވެ. އަދި މާލޭގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މިހާރު ހުރީ 10 ޕަސެންޓްގަ އެވެ.

މިދިޔަ މަހު ރާއްޖޭގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް، މާލެއިން ރަށްރަށަށް ދަތުރުކުރާއިރު ޕީސީއާރު ހަދަން މަޖުބޫރުކުރި އެވެ. އެކަމަކު މިދިޔަ ހަފުތާގައި ވަނީ އެ ފިޔަވަޅު އުވާލައިފަ އެވެ. ކޭސްތައް މައްޗަށް ދިޔަ ނަމަވެސް، އެ ބަލީގައި ހާލުބޮޑުވާ މީހުން މިހާރު ވަރަށް މަދެވެ.