24 ފެބުރުއަރީ 2022 - 22:41

ގައުމީ ސާފިން ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ 2022" ގެ ނަމުގައި ގދ. ގައްދޫގައި މިއަދު ފެށި މުބާރާތުގެ މެންސް އޯޕަން ޝޯޓް ބޯޑް އިވެންޓްގައި އެންމެ ފަހުގެ ޗެމްޕިއަން އިސްމާއީލް ރަޝީދު (ސްމައިލީ) އެންމެ ގިނަ ޕޮއިންޓް ހޯދައިގެން މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ރައުންޑް 1 ގެ ކޮންމެ ހީޓަކުން އެންމެ ގަދަ ދެ އެތުލީޓުން ވަނީ ރައުންޑް 3 އަށް ކޮލިފައި ވެފަ އެވެ. ކޮންމެ ހީޓެއްގެ ތިންވަނަ އަދި ހަތަރުވަނަ އަށް ދިޔަ އެތުލީޓުންނަށް ޕްލޭއޮފް ބުރެއްގެ ގޮތުގައި ރައުންޑް 2 ގައި ވާދަކުރުމުގެ ފުރުސަތު ދިނެވެ. އެވެ. އެބުރުގައި ހީޓްގެ 1 ވަނަ އާއި ދެވަނަ ހޯދި އެތުލީޓް ވެސް ވަނީ ރައުންޑް 3 އަށް ކޮލިފަ ވެފަ އެވެ.
ކުރިން ގައްދޫ ޕްރޯގެ ނަމުގައި 2020 ގައި ބޭއްވި މުބާރާތް ރީބްރޭންޑް ކުރުމަށް ފަހު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށްގެންދާ ގޮތަށް ފެށި ގައުމީ ސާފިން ލީގުގެ މިއަދު ސްމައިލީ ވަނީ ފުރަތަމަ ބުރުގެ ހީޓް 3 ގައި ވާދަކޮށް 14.84 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ސްމައިލީ އަކީ ގައްދޫ ޕްރޯގެ އެންމެ ފަހުގެ ޗެމްޕިއަން އެވެ.
ހީޓް 3 ގައި އޭނާއާ ދެން ވާދަ ކުރީ އަހްލާމް އަލީ، ނާޖިހް ރަޝީދު އަދި މުހައްމަދު ރިފާސް އަބްދު ރައްޒާގް އެވެ. ދެވަނަ ހޯދީ އަހްލާމް އެވެ އޭނާ އަށް ސްކޯ ކުރެވުނީ 6.67 ޕޮއިންޓެވެ. ތިންވަނަ ހޯދި ނާޖިހް އަށް ލިބުނީ 5.83 ޕޮއިންޓެވެ. ރިފާސް އަށް ލިބުނީ 4.46 ޕޮއިންޓެވެ.
ސްމައިލީ 14.84 ޕޮއިންޓް ސްކޯ ކުރީ ތިން ރާޅުންނެވެ. ފުރަތަމަ ރާޅުގައި އޭނާ ވަނީ 6.67 ޕޮއިންޓް ސްކޯކޮށްފަ އެވެ. ދެވަނަ ރާޅުގައި 8.17 ސްކޯ ކުރި އެވެ. ތިންވަނަ ރާޅުގައި 5.17 އެވެ.
ރައުންޑް 1 ގައި ސްމައިލީގެ ފަހަތުން ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދީ ހީޓް 6 ގައި ވާދަކުރި އަބްދުﷲ އަރީފް އެވެ. އޭނާ ވަނީ 13.33 ޕޮއިންޓް ހޯދައިފަ އެވެ. އެހީޓުން ދެވަނަ ހޯދި އަލީ އަހްމަދު އަށް ލިބުނީ 9.66 ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ މުހައްމަދު އާޒިމް އަށް ލިބުނީ 3.90 ޕޮއިންޓެވެ.
ގައުމީ ޗެމްޕިއަން ހޫދު އަހްމަދު ވެސް ވަނީ ވާދަ ކުރި ހީޓްގައި އެއްވަނަ ހޯދައިގެން ތިން ވަނަ ރައުންޑަށް ކޮލިފައި ވެފަ އެވެ. މިއަދުގެ 1 ވަނަ ހީޓްގައި ވާދަކޮށް ހޫދު ވަނީ 10.34 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އެހީޓުން ދެވަނަ ހޯދި އިސްމާއީލް ޒަހީން އަށް ލިބުނީ 3.84 ޕޮއިންޓެވެ. އިބްރާހިމް އާއިޝް އަށް 0.50 ޕޮއިންޓެވެ.
ހީޓް 2 ގެ އެއްވަނަ ހޯދީ އާދަމް މުއީން އިބްރާހިމް އެވެ. އޭނާ އަށް ހޯދުނީ 8.0 ޕޮއިންޓެވެ. ދެވަނަ ހޯދީ ޖައިލަމް ނިޒާރު އަށް ލިބުނީ 7.20 ޕޮއިންޓެވެ. ނާޒިމް އަހްމަދު އަށް ލިބުނީ 3.27 ޕޮއިންޓެވެ. އަބްދުﷲ ސާމިހް އަށް އަށް 2.96 ޕޮއިންޓެވެ. ހީޓް 4 ގައި ވާދަކޮށް އެއްވަނަ ހޯދި މުހައްމަދު އަތޫފް ވަނީ 11.17 ޕޮއިންޓް ހޯދައިފަ އެވެ. އެހީޓުން ދެވަނަ ހޯދި ޝަރޫފް ޝާއިރު އަށް ލިބުނީ 8.17 ޕޮއިންޓެވެ. ތިންވަނަ އަށް ދިޔަ މުހައްމަދު ޒަޔާން އަށް 4.43 ޕޮއިންޓެވެ. ހަތަރުވަނަ ހޯދި އަހްމަދު ސާއިފް ވަހީދު ވަނީ 4.43 ޕޮއިންޓް ހޯދައިފަ އެވެ.
ހީޓް 5 ގައި ވާދަކޮށް ޖިނާން އަހްމަދު ވެސް ވަނީ ތިންވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އޭނާ އެއްވަނަ ހޯދީ 9.34 ޕޮއިންޓް ހޯދައިގެންނެވެ. އެހީޓުން ދެވަނަ ހޯދީ ސޮބާހް މުހައްމަދު އަށް ލިބުނީ 8.67 ޕޮއިންޓެވެ. ހީޓް 7 ން އެއްވަނަ ހޯދީ ނަޖާހް މުހައްމަދު އެވެ. އޭނާ ވަނީ 7.84 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ދެވަނަ ހޯދި އަބްދުﷲ އަރުޝަދު ވަނީ 6.94 ޕޮއިންޓް ހޯދައިފަ އެވެ. ހީޓް 8 ން އެއްވަނަ ހޯދީ ޖީހާން އަހްމަދު އެވެ. އޭނާ ސްކޯކުރީ 10.66 ޕޮއިންޓެވެ. އެހީޓްގެ ދެވަނަ ހޯދި ހަސަން ނާސިހް ވެސް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. ހީޓް 9 ން އެއްވަނަ ހޯދި މުހައްމަދު ފަޔާޒު އަށް ލިބުނީ 10.50 ޕޮއިންޓެވެ. އެހީޓުން ދެވަނަ ހޯދީ އަޔާން ނޫރައްދީން އެވެ. އޭނާ އަށް ހޯދުނީ 4.37 ޕޮއިންޓެވެ. ހީޓް 10 ގައި އަހްމަދު އާގިލް (އަންމަޑޭ) ވަނީ އެއްވަނަ ހޯދައިފަ އެވެ. އޭނާ އަށް ސްކޯ ކުރެވުނީ 8.33 ޕޮއިންޓެވެ. އެހީޓުން ދެވަނަ ހޯދި އަހްމަދު ހިޝާމް ޝަހީމް ވަނީ 7.70 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ކަޅެގަލެކޮޑާ 2022 ފިރިހެން އޯޕަން ޑިވިޝަނުގައި 37 ސާފަރުން ބައިވެރިވެފައިވާއިރު، ޖޫނިއާ ޑިވިޝަނުގައި 18 ބައިވެރިން ވާދަކުރާނެ އެވެ. އަދި އަންހެން ޑިވިޝަން ވެސް ގައްދޫގައި މުޅިން އަލަށް މި އަހަރު ކުރިޔަށް ގެންދާނެ އެވެ. އަންހެން އޯޕަން ޑިވިޝަނުގައި ތިން ސާފަރުން ވަނީ ބައިވެރިވެފަ އެވެ.
ގައްދޫގައި ބާއްވާ މުބާރާތަށް ފަހު ދެން އޮންނާނީ މެއި މަހު މ. މުލީގައި ބާއްވާ ރާޅު މުބާރާތެވެ. އޭގެ ފަހުން ޖުލައި މަހު ރ. ކިނޮޅަހުގައި ބާއްވާ މުބާރާތަށް ފަހު، އޮކްޓޯބަރު މަހު މުބާރާތް ބާއްވާނީ ކ. ހިންމަފުށީގަ އެވެ. އަދި ގައުމީ ރާޅު ލީގު ނިންމާލާނީ ނޮވެމްބަރު މަހު މާލޭގައި ބާއްވާ "ރަންނަމާރި ޗެލެންޖް" އިންނެވެ.