24 ފެބުރުއަރީ 2022 - 21:55

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމްއާ ހަވާލުކުރައްވާނެ ކަމަށް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާ އެކު އެމަނިކުފާނު މާދަމާ ހެނދުނު ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. މި އެޕޮރޭޝަނާ ގުޅިގެން ރައީސްކަމުގެ މަސްއޫލިއްޔަތުތައް ފައިސަލްއާ ހަވާލުކުރައްވައި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރަސްމީކޮށް އަންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއީ ނައިބް ރައީސް ފައިސަލް، ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ ޒިންމާއެއްގެ ގޮތުގައި މީގެ ކުރިން ހަވާލުކުރައްވާފައި ވަނީ އިޖުތިމާއީ ދާއިރާއާ ގުޅޭ ކަންކަމުގައި ހައްލު ހޯއްދެވުމެވެ.
ރައީސް އޮޕަރޭޝަނަށް އިއްޔެ ފުރާވަޑައިގަތީ ސިންގަޕޫރުން މިދިޔަ ހަފުތާގައި ފަރުވާ ހޯއްދަވައި އެނބުރި މާލެ ވަޑައިގަތުމަށް ފަހު އެވެ.
މި މަހުގެ 10 އިން 15 އަށް ފަރުވާއަށް ސިންގަޕޫރުގައި ހުންނެވުމަށް ފަހު އެނބުރި ވަޑައިގެން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތެވެ.