24 ފެބުރުއަރީ 2022 - 22:14

ޕީޓާސްބާގް (24 ފެބްރުއަރީ) - ރަޝިއާ އާއި ޔޫކްރޭންއާ ދެމެދު އުފެދިފައިވާ އަރާރުމާ ހެދި, މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ރަޝިއާގައި ނުބާއްވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަންނަ މެއި މަހުގެ 28 ވަނަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ ރަޝިއާގެ ޕީޓާސްބާގް ގޭޒްޕްރޮމް އެރީނާގަ އެވެ. ނަމަވެސް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމުރަށް އެ ގައުމުގެ ސިފައިން ޔޫކްރޭނަށް އަރައި ހަނގުރާމަ ފަށާފައި ވާއިރު، ފައިނަލް މެޗު ބާއްވާނެ އެހެން ގައުމަކާމެދު ގޮތެއް ނިންމަން ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވަން، ޔޫއެފާގެ ރައީސް އެލްގްޒެންޑާ ކެފެރިން ވަނީ މާދަމައަށް ތާވަލުކޮށްފަ އެވެ.
މާދަމާގެ ބައްދަލުވުމުގައި ޔޫއެފާއިން ޔޫކްރޭންގެ ކްލަބް ފުޓުބޯޅައިގެ ހާލަތާ މެދު ވެސް މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ. ފިނި މޫސުމުގެ ބްރޭކަށް ފަހު މި ހަފްތާގައި އެގައުމުގެ ކްލަބް ފުޓުބޯޅަ އަލުން ފަށަން ތާވަލް ކުރި ނަމަވެސް ހަނގުރާމައާ ހެދި ލީގު އޮތީ މަޑުޖެހިފަ އެވެ. އެންމެ ފަހުން ނެގި ޔޫކްރޭންގެ 23 ކުޅުންތެރިންގެ ގައުމީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން 15 ކުޅުންތެރިންނަކީ އެ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ.
ފީފާއިން ވެސް އަންނަނީ ދެ ގައުމުގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ދެ ގައުމުން ވެސް އަންނަ މާޗު މަހުގެ 24 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕް ޕްލޭއޮފް ކުޅެން ހަމަޖެހިފައި ވާއިރު، ޔޫކްރޭނުން ކުޅޭނީ ރަށުން ބޭރުގައި ސްކޮޓްލެންޑާ ދެކޮޅަށެވެ. ނަމަވެސް ރަޝިއާ ކުޅެން ހަމަޖެހިފައި ވަނީ އެ ގައުމުގައި ޕޮލެންޑާ ދެކޮޅަށެވެ.
މިއާ އެކު ވެސް ޔޫއެފާ ޔޫރޮޕާ ލީގުގައި މިރޭ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގް ކުޅެން ހަމަޖެހިފައިވާ ނޮކައުޓް ބުރުގެ ޕްލޭއޮފް ދެވަނަ ލެގު ކުރިޔަށް ދާނެ އެވެ. ސްޕެއިންގެ ރެއާލް ބެޓިސްއާ ދެކޮޅަށް މިދިޔަ ހަފްތާގައި ޕީޓާސްބާގުގައި ފުރަތަމަ ލެގު ކުޅުނު އިރު، މިރޭގެ މެޗު ކުޅޭނީ ސްޕެއިންގަ އެވެ. ފުރަތަމަ ލެގުން ޒެނިތު ބަލިވީ 3-2 އިންނެވެ.