24 ފެބުރުއަރީ 2022 - 19:03

އައްޑު އަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ފަށަން އުޅޭ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ހުއްޓުވައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލަ ސ. މީދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ބަލައިގެންފި އެވެ.
ބިން ހިއްކަނީ ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ، ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް އެ މައްސަލަ ކޯޓަށް ހުށަހެޅީ ސ. މީދޫ، މުރިގު، އަބްދުﷲ ނުޒައިރު އެވެ. އޭނާގެ ފަރާތުން އެ މައްސަލައިގައި ކޯޓުގައި ވަކަލާތުކުރަނީ ޕްރައިމް ސްޓްރެޓެކީ އެޓާނީސް އެންޑް ކޮންސަލްޓަންޓްސް އިންނެވެ.
އެ ލޯފާމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ބިން ހިއްކުމުގެ ޕްރޮޖެކްޓް ޕްލޭންކޮށްފައިވާ ގޮތަށް އައްޑޫގެ އެތެރެވަރިން ވެލިނައިގެން އެ މަސައްކަތް ކުރިއަށް ގެންގޮސްފި ނަމަ އެކަމުގެ ސަބަބުން އިއާދަ ވެސް ނުކުރެވޭ ވަރުގެ ގެއްލުންތަކެއް އާންމުން ރައްޔިތުންނާއި ތިމާވެއްޓާއި އަދި އަންނަ އޮތް ޖީލުތަކަށް ކުރާނެ ކަން ދިރާސާއިން ހަމާވެފައި ވާތީ އެވެ.
އެ މަޝްރޫއު އަކީ ގާނޫނާ ހިލާފަށް ކުރިއަށް ގެންދާ ގެއްލުން ބޮޑު ކަމަކަށް ވާނެތީ އާންމު މަސްލަހަތު ހިމާޔަތްކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އެ މައްސަލަ ހުށަހެޅީ ކަމަށެވެ.
މީދޫ ކޯޓުން އެ މައްސަލަ ބަލައިގަތްއިރު، އެ މަޝްރޫއުގެ ސަބަބުން އައްޑޫ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލައިފަ އެވެ.
އައްޑޫން 236.5 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވެ އެވެ. އެ މަޝްރޫއު މިހާރު ވެސް އޮތީ ބަޔަކަށް އެވޯޑުކޮށް މަސައްކަތް ފަށައިގަންނަ ހިސާބުގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއު އަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންވާ އިރު، މިކަމަށް ބޭނުންވާ ވެލި ނަގަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ. އެއީ މުޅި އެތެރެވަރީގެ 42 ޕަސެންޓް ސަރަހައްދަކަށް ވުމުން، އޭގެ ސަބަބުން އައްޑޫ އަތޮޅު ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެ އެވެ.
އައްޑޫން ބިން ހިއްކަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫން ހިއްކަން ހަމަޖެހިފައިވާ 90 ހެކްޓަރު، މަރަދޫ/މަރަދޫފޭދޫން 75 ހެކްޓަރު އަދި ހުޅުދު އާއި މީދޫން 38 ހެކްޓަރުގެ ބިމެވެ. މީގެ އިތުރުން ޓޫރިޒަމަށް އައްޑޫ ހުޅުވާލަން ބޭނުންވާ ބިން ހިއްކުމުގެ ޕްލޭންގެ ދަށުން އެކި ސަރަހައްދުތަކުން 25 ހެކްޓަރުގެ ބިން ހިއްކުން ވެސް ހިމެނެ އެވެ.