24 ފެބުރުއަރީ 2022 - 17:57

ކިއޭވް (ފެބްރުއަރީ 24) - ޔުކްރޭނުގައި ހަތިޔާރު ބޭނުންވާ އެންމެންނަށް ހަތިޔާރު ފޯރުކޮށްދެއްވާނެ ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ރަޝިޔާ އިން ޔުކްރޭނުގެ ބޯޑަރަށް ހަތިޔާރު ޖަމާކޮށް އެ ގައުމަށް އަރައިގެންފާނެހެން ހީވުމުން ޔުކްރޭނުގެ އާއްމުންގެ އެތައް ބަޔަކު ނުކުމެ އަސްކަރީ ތަމްރީނުތަކުގެ އަސާސީ ބައިތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އެހެންވެ ތަމްރީނު ފުރިހަކޮށްފައިވާ މީހުން ބޭނުން ނަމަ ހަތިޔާރު ފޯރުކޮށްދެއްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިޔާ އިން ޔުކްރޭނަށް ދޭން ފެށި ހަމަލާތަކުގައި ޔުކްރޭން ސިފައިންގެ 40 މީހުންނާއި އާއްމުންގެ 10 މީހުން މަރުވެފައިވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިޔާ އިން ހަމަލާ ދޭން ފެށުމާ އެކު ޔުކްރޭނުގެ ވެރިރަށް ކިއޭވްގެ ގިނަ ބަޔަކު ވަނީ ހިމާޔަތް ހޯދުމަށް ރައްކާތެރިކަމުގެ ތަންތަނަށް ވަންނަން ފަށައިފަ އެވެ. އެންމެ ގިނަ ބަޔަކު ވަދެފައި ވަނީ މެޓްރޯ ސްޓޭޝަންތަކަށެވެ.
ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި މިސައިލް ވެސް ވަނީ ބޭނުންކޮށްފަ އެވެ.
ޔުކްރޭނުން ބުނެފައި ވަނީ ރަޝިޔާގެ ފަސް މަތިންދާބޯޓާއި ހެލިކޮޕްޓަރެއް ވައްޓާލާފައިވާ ކަމަށެވެ.