24 ފެބުރުއަރީ 2022 - 15:06

މަންޓާ އެއާގެ ދަތުރުތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ފަށައިފި އެވެ.

އެ އެއާޕޯޓުން މަންޓާގެ ފުރަތަމަ ފްލައިޓަށް ވަނީ ފެނުގެ ސެލިއުޓާއެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މާލެ އިން ގަމަށް ކުރި މި ދަތުރުގައި މަންޓާގެ އިސްވެރިން ބައިވެރިވެވަަޑައިގެންނެވިއިރު، ގަން އެއާޕޯޓުން މަރުހަބާ ވިދާޅުވީ އައްޑޫގެ މޭޔަރު އަލީ ނިޒާރާއި އައްޑޫ އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
މަންޓާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ، އެ އެއާލައިނުގެ މި ދަތުރުތަކަށް އައްޑޫގައި ޑިމާންޑް އެބައޮތް ކަމަށެވެ. އަދި މި ދަތުރުތަކުން ޑޮމެސްޓިކް ދަތުރުތަކުގެ ތަޖުރިބާ މުޅިން ބަދަލު ކޮށްލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވީ، މަންޓާގެ ދަތުރުތަކާއެކު ގަމަށް ދަތުރުކުރާ އެހެން އެއާލައިންތަކުން ވެސް ހިދުމަތް ރަނގަޅުކުރަން ޖެހޭ ކަމަށާއި މިހާރު ވެސް އެ ކަން ފެންނަން ފަށައިފި ކަމަށެވެ. އަދި މިއީ ގަމަށް ދަތުރު ކުރާ ފަސިންޖަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ދަތުރުތައް ފެށީމާ އެހެން އެއާލައިންތަކުން ވެސް ހިދުމަތްތައް ރަނގަޅު ކުރަން ޖެހޭނެ. އަޅުގަނޑުމެން ވެސް ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރަން ޖެހޭނެ. މީގެ ސަބަބުން ފައިދާވާނީ ދަތުރުކުރާ މީހުންނަށް،" ޚަލީލް ވިދާޅުވި އެވެ.
މޭޔަރު އަލީ ނިޒާރު ވިދާޅުވީ، މަންޓާގެ ދަތުރުތަކާއެކު އައްޑޫގެ އިތުރުން މުޅި ދެކުނަށް ވެސް ފައިދާވާނެ ކަމަށެވެ. އަދި މަންޓާ އިން ކަނޑައަޅާފައިވާ ޓިކެޓު އަގުތަކުގެ ސަބަބުން ވެސް އައްޑު އަށް އަންނަ ޓޫރިސްޓުންނާއި ދިވެހިންނަށް ލުއި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އައްޑޫ ޔުނީކް ޑެސްޓިނޭޝަނެއްގެ ގޮތުގައި އަޅުގަނޑުމެން މާކެޓް ކުރުމަށް ކުރަމުން އަންނަ މަސައްކަތައް އިތުރުވާ ބޮޅެއް. މަންޓާއާއެކު މި ސަރަހައްދުގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" އަލީ ނިޒާރު ވިދާޅުވި އެވެ.
މަންޓާއިން ވަނީ އައްޑުއަށް ދަތުރުތައް ފެށުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން އެ އެއާލައިނުގެ ކޮމްފަޓް ކްލާހުގެ ޓިކެޓެއް 1،250ރ. އަށް ލިބޭނެ އެވެ. ސަފަޔާ ކްލާހުގެ ޓިކެޓެއްގެ އަގަކީ 1،850ރ. އެވެ.
އެ އެއާލައިނުގެ ކޮމްފަޓް ކްލާހުގައި ދާ ފަސިންޖަރުންނަށް 22 ކިލޯގެ ލަގެޖް ހިލޭ ގެންދެވޭއިރު ސަފަޔާ ކްލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް 35 ކިލޯގެ ލަގެޖް ގެންދެވޭނެ އެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ މަހުގެ 23 ގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ ފަހުން ވެސް ފެއާގެ ދަށުން ހެޔޮ އަގުތަކެއްގައި ޓިކެޓް ލިބެން ހުންނާނެ ކަމަށް މަންޓާއިން ބުނެ އެވެ.
އެ އެއާލައިނުން މިއަދުން ފެށިގެން ކޮންމެ ދުވަހަކު އެއް ދަތުރު އައްޑު އަށް ބާއްވާނެ އެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާ އޭޓީއާރު 72-600 މަރުކާގެ ބޯޓުތަކެވެ. މިއީ ދަތުރުކުރާ މީހުންނަށް ރަނގަޅު ފެންވެރެއްގައި ހިދުމަތް ދެވޭ އަދި ކެބިންގައި އެކަށީގެންވާ ޖާގަ ލިބޭ ގޮތަށް ގޮނޑިތައް އަތުރާލެވިފައިވާ ބޯޓުތަކެކެވެ.
މަންޓާއިން ވަނީ އެ އެއާލައިނުގެ ބޯޓުތަކުގައި ޖާގަ ބޮޑުކުރުމަށް ބައެއް ސީޓުތައް ނަގައިފަ އެވެ.
އެ އެއާލައިނުން މިހާރު ވަނީ ސްރީ ލަންކަން އެއާލައިންސާ ގުޅިގެން ދެކުނު ގުޅައިލުމަށް ވެސް އެއްބަސްވެފަ އެވެ. މި އެއްބަސްވުމުގެ ދަށުން އަންނަ މަހުގެ ފަހުކޮޅުން ފެށިގެން ސްރީ ލަންކަން އިން އައްޑުއަށް ދާ ފަސިންޖަރުންނަށް ކާޑެއްދޫ އެއާޕޯޓުން ކަނެކްޓިވިޓީ ލިބޭނެ އެވެ.