ޕެޕްސީގެ އާ ފްލޭވާއެއް އަންނަ މަހު ބާޒާރަށް ނެރެނީ
ޕެޕްސީގެ އާ ފްލޭވާއެއް އަންނަ މަހު ބާޒާރަށް ނެރެނީ

ދިވެހިންގެ މެދުގައި ވެސް މަގުބޫލު ފިނި ބުއިމެއް ކަމަށްވާ ޕެޕްސީގެ އާ ފްލޭވާއެއް އަންނަ މަހު ބާޒާރަށް ނެރެން ތައްޔާރުވާން ފަށައިފި އެވެ.

ޕެޕްސީ އުފައްދާ އެމެރިކާގެ ޕެޕްސިކޯ ކުންފުނިން ތައްޔާރުކުރާ ޕެޕްސީގެ އާ ފްލޭވާގެ ބުއިމަށް ކިޔަނީ "ނައިޓްރޯ ޕެޕްސީ" އެވެ. އެ ބުއިން ބާޒާރަށް ނެރެނީ އަންނަ މަހު 28 ގަ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ނައިޓްރޮޖެން އިންފިއުޒް ކޮށްގެން ތައްޔާރުކޮށްފައިވާ އެ ބުއިމުގެ ދެ ވައްތަރެއް ނެރޭނެ އެވެ. އެއް ބުއިމުގައި ހުންނާނީ ކްރީމީ ވެނީލާ ރަހައެކެވެ. އަދި ދެވަނަ ބުއިމުގައި ހުންނާނީ މަޑު ފޮނި ރަހައެކެވެ.

ނައިޓްރޮޖެން ބޭނުންކޮށްގެން ދަޅެއްގައި ބުއިމެއް ބަންދުކުރި މިއީ ފުރަތަމަ ފަހަރަށް ވުމުން، އެ ކުންފުންޏަށް ވީ ވަރަށް ޗެލެންޖިން ކަމަކަށެވެ. އާންމުކޮށް ނައިޓްރޮޖެން ބޭނުންކުރަނީ ކޮފީ ކަހަލަ ބުއިންތައް ބަންދުކުރުމަށެވެ.

އެ ކުންފުނިން ބުނީ މި ބުއިމަކީ ފިޒީ ޑްރިންކްސް ކަމުނުދާ މީހުންނަށް ރަނގަޅު އިހުތިޔާރަކަށް ވާނެ ކަމަށެވެ.

ޕެޕްސީން ވަނީ 2020 ގައި ޗޮކްލެޓްގެ ރަހަ އެކުލެވޭ ފްލޭވާއެއްގެ ބުއިމެއް ވެސް ނެރެފަ އެވެ.