ރަޝިޔާގެ ހަމަލާތައް އެމެރިކާގެ ޖާސޫސީ މައުލޫމާތާ ދިމާވޭ
ރަޝިޔާގެ ހަމަލާތައް އެމެރިކާގެ ޖާސޫސީ މައުލޫމާތާ ދިމާވޭ

ރަޝިޔާ އާއި އެމެރިކާ އަކީ އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ބަލާއިރު ވެސް އެންމެ ވާދަވެރި ދެ ގައުމެވެ. ބައިނަލްއަގުވާމީ މައްސަލަތަކުގައި ކޮންމެ ކަމެއްގައި ވެސް އިދިކޮޅު ދެ ވިސްނުން ގެންގުޅޭ، މުޅިން ދެކޮޅުވެރި ދެ ގައުމެވެ.

ދެ ގައުމު ގުޅިގެން ކަމެއް ކުރިޔަސް، އެކަމެއްގައި ވެސް އެއް ގައުމުން އަނެއް ގައުމާ ހިއްސާ ނުކުރާނެ ކިތަންމެ މައުލޫމާތެއް ހުރެ އެވެ. ނަމަވެސް އެ ސިއްރު މައުލޫމާތު ހޯދުމުގައި ފަރުދާގެ ފުރަގަހުން މަސައްކަތް ކުރާ ޖާސޫސުންގެ ދައުރު އޮންނަނީ ހީނުކުރާހާ ބޮޑަށް ފެތުރި ފުޅާވެފަ އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން މިއަދު ފެށި ހަނގުރާމައިގެ ކަންތައް، ވުމުގެ ކުރިން، ވާނެ ކަމަށް އެމެރިކާ ސަރުކާރުން ލަފާކުރި ގޮތަކީ، އެމެރިކާގެ ޖާސޫސީ ވިއުގަ ރަޝިޔާގެ އެންމެ އެތެރެއަށް މޫލާފައިވާ ފުންމިން ވަޒަންކުރެވޭނެ ކަމެކެވެ. އެމެރިކާ ސަރުކާރުގެ ލަފާކުރުންތައް ބިނާވެފައިވަނީ، ރަޝިޔާ އާއި ރަޝިޔާގެ ރަހުމަތްތެރި ގައުމުތަކުގައި ހަރަކާތްތެރިވާ އެމެރިކާ އާއި އެމެރިކާގެ ރަހުމަތްތެރި ގައުމުތަކުގެ ޖާސޫސުން ފޯރުކޮށްދޭ މައުލޫމާތުގެ މައްޗަށެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިއަދު ފެށި އުދުވާނީ ހަމަލާތައް ދެމުން ދާ ގޮތާއި، އެ ހަމަލާތައް ދޭން ރާވާފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ލަފާކޮށްފައިވާ ގޮތާ ދާދި އެއްގޮތެވެ.

ރަޝިޔާ ސިފައިން މިއަދު ޔޫކްރޭނަށް ހަމަލާ ދޭން ފެށުމުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ސެނެޓް މެމްބަރު މާކޯ ރުބިކް ފުލުފުލުގައި ކުރެއްވި ޓުވީޓްތަކެއްގައި ވަނީ، ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާއެއް ދޭން އުޅޭ ކަމާއި ހަމަލާ އަމާޒުކުރާނެ ދާއިރާތައް ހާމަކުރައްވައިފަ އެވެ. އޭނާއަކީ ސެނެޓުގެ އިންޓެލިޖެންސް ކޮމިޓީގެ މެމްބަރެކެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ކުރިއަށް އޮތް ދެތިން ގަޑިއިރުގެ ތެރޭގައި ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭނެ އެވެ. އެ ހަމަލާތަކުގެ މައިގަނޑު އަމާޒަކަށް ވާނީ، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމު ހަލާކުކޮށްލުމެވެ. އަދި ވެރިރަށް ކިއޭވް އާއި ޔޫކްރޭންގެ އިރުމަތީ ސަރަހައްދާ ދެމެދު މުޅިން ވަކިކޮށްލުމެވެ.

އޭގެ އިތުރުން މި ހަމަލާތަކުގައި ރަޝިޔާގެ ވައިގެ ސިފައިންނާއި ކަނޑުމަގުން ގޮސް އެއްގަމަށް އަރާ ސިފައިން ބައިވެރިވާނެ ކަމަށް ވެސް އޭނާގެ ޓުވީޓްތަކުގައި ވިދާޅުވެފައިވެ އެވެ. މިސައިލާއި ބަރު ހަތިޔާރު ބޭނުންކޮށްގެން ދޭ މި ހަމަލާތަކުގެ މަގްސަދަކީ ޔޫކްރޭންގެ ބިމުން ވީހާ ބޮޑު ބައެއް، ހިފުން ކަމަށް ވެސް އޭނާގެ ޓުވީޓްތަކުގައިވެ އެވެ.