24 ފެބުރުއަރީ 2022 - 12:49

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވުޖޫދުވެގެން އައިއިރު އިސްކޮށް ހަރަކާތްތެރިވި މެންބަރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަޝިޕްގައި ތިއްބަސް އެ ޕާޓީ ހަރަކާތްތެރިވާނީ އިދިކޮޅު ޕާޓީއެއް ގޮތުގައި ކަމަށް އެމްއެންޕީން ބުނެފި އެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސަދަން ރީޖަންގެ ނައިބު ރައީސް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވީ މި ސަރުކާރުގެ އެޖެންޑާ 19 މެނިފެސްޓޯގައި ވެފައިވާ ވައުދުތައް ފުއްދާނެ ކަމަށް އުންމީދުކުރި ކަމަށާއި ނަމަވެސް މިއަދު ފެންނަނީ ސަރުކާރުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ މަންޒަރު ކަމަށެވެ.
އެ ވައުދުތައް ފުއްދަމުންދާ ވަރު ބެލުމަށް އެމްއެންޕީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ސުވާލުކޮށް އެކަންކަން ކައިރިން ބަލަމުން ގެންދާނެ ކަމަށާއި މަޝްވަރާކޮށް ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އިދިކޮޅު ޕާޓީއެއް. އަޅުގަނޑުމެން އިދިކޮޅު ޕާޓީއެއް ވީމަ ދެއްތޯ ތިބޭފުޅުންނަށް ފެނިގެން ދިޔައީ ކޮމަންޑޫގައި އަޅުގަނޑުމެން ގޮސް ސަރުކާރުގެ އުނގަކަށް ނުވެއްޓޭ. އަޅުގަނޑުމެން ވަކިން ކެމްޕެއިން ކުރީ،" އޭނާ ވިދާޅުވި އެވެ.
އެހެން ބޮޑެތި ސިޔާސީ ޕާޓީތަކުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރިޔަސް އެމްއެންޕީ އޮންނާނީ މިނިވަންކޮށް ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ވެސް ބުނަންޖެހޭ އެއްޗެއް ބުނާނެ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީއެއް ގޮތުގައި އޮތުމަކީ ސަރުކާރަށް އެއްޗެހި ކިޔުމެއް ވެސް ނޫނެވެ. އެ އިރަކު އޮންނަ މައްސަލައެއް ނަގައިގެން އެ ދާއިރާއަކުން ވާހަކަ ދައްކައިގެން ހައްލުކުރަން ޖެހޭ ކަމަށާއި މިހާތަނަށް ވެސް އެމްއެންޕީން އަމަލު ކުރަމުން އަންނަނީ އެ އުސޫލުން ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ތަފާތު ގޮތް ދައްކަން ވަކި ޕާޓީއެއް ހަދައިގެން މި އުޅެނީ. މިހާރު ދިޔަޔަސް އެހެން ޕާޓިތަކަށް ވެސް ވައްދަފާނެ، މަގާމްތައް ވެސް ލިބިދާނެ. ނަމަވެސް އަޅުގަނޑުމެން ވިސްނޭ ގޮތުގައި އެއީއެއް ނޫން ސިޔާސީ ޕާޓީތައް ހިނގަން ޖެހޭނެ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.
މިވަގުތު އިދިކޮޅު އެންމެ ބޮޑު ޕާޓީއެއް ގޮތުގައި ހިނގަނީ ޕީޕީއެމް/ޕީއެންސީ އެވެ. ނަމަވެސް ފަހަކަށް އައިސް އެމްއެންޕީގެ މެމްބަރުން ވެސް ބައެއް މައްސަލަތަކުގައި ސަރުކާރުގެ ސްޓޭންޑަށް ފާޑު ކިޔަ އެވެ. އަދި މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާ އެއްކޮޅަށް ވޯޓު ދެއްވަ އެވެ.
ނަމަވެސް އެ ޕާޓީ އުފެދިގެން އައިއިރު އެންމެ ބޮޑަށް ދެކެވުނީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާ އެކު އުފެއްދި ޕާޓީއެއް ކަމަށެވެ.