ހައި ކޯޓުގެ އަމުރެއް ހިތަދޫ ކޯޓުން ސަސްޕެންޑް ކުރުން: ހިތަދޫ ކޯޓުގެ ބަހުގެ ހަމަލާތައް ޕީޖީއަށް
ހައި ކޯޓުގެ އަމުރެއް ހިތަދޫ ކޯޓުން ސަސްޕެންޑް ކުރުން: ހިތަދޫ ކޯޓުގެ ބަހުގެ ހަމަލާތައް ޕީޖީއަށް

ހައި ކޯޓުގެ އަމުރެއްގެ ދަށުން މީހަކު ބަންދު ކޮށްފައި ވަނިކޮށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އޭނާ ދޫކޮށްލި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ވިދާޅުވުމަކީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ އަމަލެއް ކަމަށް ހިތަދޫ ކޯޓުން ބުނެފި އެވެ.

އައްޑު އަށް ކަނޑުމަގުން 2020 ވަނަ އަހަރު 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ދައުވާލިބޭ ސ. ހިތަދޫ މަންދޫބުގޭ، ރުޝާން އަހުމަދު ދީދީ ހައި ކޯޓުގެ އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ނިންމެވީ ހައި ކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު 90 ދުވަހަށް އޭނާ ދޫކޮށްލުމަށެވެ.

މިއީ ރާއްޖޭގައި މަތީ ކޯޓެއްގެ އަމުރެއް ދަށު ކޯޓަކުން ސަސްޕެންޑްކުރި ފުރަތަމަ ފަހަރެވެ. އަދި ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން އެކަން ކުރުމުގެ ފުރުސަތެއް ގާނޫނީ ގޮތުން ނުވެސް އޮވެ އެވެ. މަތީ ކޯޓުތަކުގެ އަމުރުތަކަށް ތަބާވުމަކީ ގާނޫނު އަސާސީން ވެސް ދަށު ކޯޓުތަކަށް ލާޒިމްކުރާ ކަމެކެވެ.

އެ މެޖިސްޓްރޭޓްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅާނެ ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް، ޓްވީޓް ކުރައްވާފައިވާތީ އެކަމާ ގުޅިގެން ހިތަދޫ ކޯޓުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ އެގޮތަށް ޓްވީޓްތައް ކުރުމަކީ އޭނާގެ މަގާމުގެ ހައިސިއްޔަތުން ކުރުން އެކަށީގެންނުވާ ކަމެއްް ކަމަށެވެ. އަދި އެގޮތަށް ބުނުމަކީ ފަނޑިޔާރުންނަށް ފިކުރީ އަދި ނަފްސާނީ ގޮތުން ބިރުދެއްކުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކޮށްފައިވާ ޓްވީޓަކީ އެ ފަރާތް ނިސްބަތްވާ މަގާމުގެ ހައިސިއްޔަތުން ކުރުން އެކަށީގެންވާ ކަމެއް ކަމުގައި ނުދެކެމެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ އެފަދަ ކަންކަމަކީ ފަނޑިޔާރުންނަށް ބިރުދައްކަން ދެވޭ ހިތްވަރެއް ކަމަށާއި އަދި އޭގެ ސަބަބުން ފަނޑިޔާރުންގެ އަގު ވެއްޓި، ޝަރުއީ ދާއިރާގެ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ. އަދި އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ރުޝާންގެ ބޭސްފަރުވާގެ ކަންކަން ބަންދުގައި ހުންނައިރު ހަމަނުޖެހޭތީ ބަންދު މުރާޖާ ކުރުމުގެ ތެރޭގައި ހައި ކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލެވިދާނެ ކަމަށް ދައުލަތުން ވަނީ ހިތަދޫ ކޯޓުގައި ބުނެފަ އެވެ. އަދި ދައުލަތުން އެގޮތަށް ބުނެފައި ވަނިކޮށް ޝަމީމް ޓްވީޓް ކުރެއްވީ އޭނާއަށް އެނގިވަޑައިނުގެން، ހިނގި ކަމެއްކަން ދެއްކުމަށް ކަމަށް އެ ބަޔާނުގައިވެ އެވެ.