24 ފެބުރުއަރީ 2022 - 11:32

ކިޔޭވް (ފެބްރުއަރީ 24) - ރަޝިޔާގެ ފަސް މަތިންދާބޯޓާއި ހެލިކޮޕްޓަރެއް ވައްޓާލާފައިވާ ކަމަށް ޔުކްރޭނުގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
"ޖޮއިންޓް ފޯސަސް ކޮމާންޑުން ބުނި ގޮތުގައި މިއަދު، 24 ފެބްރުއަރީގައި ވަނީ އިރުމަތީގެ ސަރަހައްދުން ފަސް މަތިންދާބޯޓާއި ހެލިކޮޕްޓަރެއް ވައްޓާލާފައި،" ޔުކްރޭން ސިފައިންގެ ޖެނެރަލް ސްޓާފް ވިދާޅުވި އެވެ.
އަނެއްކޮޅުން ރަޝިޔާގެ ނިއުސް އެޖެންސީތަކުން ބުނެފައި ވަނީ ވައިގެ ހަމަލާތަކުގައި ވަނީ ޔުކްރޭނުގެ ވައިގެ މަރުކަޒުތަކަށާއި ވައިގެ ދިފާއީ ނިޒާމުތަކަށް ހަމަލާދީ އެ ތަންތަން ހަލާކުކޮށްލައިފައި ކަމަށެވެ.
ޔުކްރޭނުގެ ވެރިރަށް ކިއޭވްގައި މިއަދު ހެނދުން ފެށިގެން ވަނީ ވައިގެ ހަމަލާގެ ސައިރެން އަޅަން ފަށައިފަ އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ހަމަލާތައް އަމާޒުކޮށްފައި ވަނީ ޔުކްރޭނުގެ އަސްކަރީ އިންފްރާސްޓްރަކްޗާތަކަށް ކަމަށެވެ. ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނީ އެންމެ ޒަމާނީ ހަތިޔާރާ އެކު ހަމަލާތައް ދީފައި ވަނީ ޔުކްރޭނުގެ އެއާ ޑިފެންސް ފެސިލިޓީތަކާއި މިލިޓަރީ އެއާފީލްޑްތަކުގެ އިތުރުން ޔުކްރޭން ސިފައިންގެ އޭވިއޭޝަން އަށް ކަމަށެވެ.
ރަޝިޔާ ސިފައިން އެއްފަހަރާ ހަމަލާ ދޭން ފެށީ، ޔޫކްރޭންގެ އިރުމަތިން ރަޝިޔާއާ ގުޅޭ ސަރަހައްދުންނާއި ޔޫކްރޭންގެ އުތުރުން އޮންނަ ބެލާރޫސްގެ ތެރެއިންނާއި، ޔޫކްރޭންގެ ދެކުނުން ކްރީމިއާގެ ތެރެއިންނެވެ. ކްރީމިއާ އަކީ، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ރަޝިޔާ އިން އެހީތެރިވެގެން، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ސަރަހައްދެކެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ހަމަލާތައް ދިނީ، މިދިޔަ ހޯމަ ދުވަހު ރަޝިޔާ އިން މިނިވަންކަން ގަބޫލުކުރި، ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ ތެރެއިންނެވެ.
ރަޝިޔާ އިން ދިން ހަމަލާތަކަށް ރައްދު ހަމަލާ ދިނުމުގައި ބައިވެރިވީ، ޔޫކްރޭންގެ އެއްގަމު ސިފައިންނާއި، ސަރަހައްދީ ރޮނގު ބަލަހައްޓާ ފައުޖުގެ ސިފައިންނެވެ.