24 ފެބުރުއަރީ 2022 - 11:27

ޔޫކްރޭނަށް ހަމަލާ ދިނުމަށް އަމުރުކުރެއްވި ކަން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އޭނާގެ ރައްޔިތުންނަށް އެންގެވިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި، ރަޝިޔާ ސިފައިން ވަނީ މައިގަނޑު ދިން ދިމާލަކުން ޔޫކްރޭނަށް ހަމަލާތައް ދޭން ފަށައިފަ އެވެ.
ޔޫކްރޭންގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ފައުޖުން ބުނި ގޮތުގައި ރަޝިޔާގެ ހަމަލާތައް ފެށިގެން ދިޔައީ، މިއަދު ފަތިހު 5:00 ގަ އެވެ. އެއީ އިރު އެރުމުގެ ދެ ގަޑިއެއްހާއިރު ކުރި އެވެ. ރަޝިޔާ ސިފައިން އެއްފަހަރާ ހަމަލާ ދޭން ފެށީ، ޔޫކްރޭންގެ އިރުމަތިން ރަޝިޔާއާ ގުޅޭ ސަރަހައްދުންނާއި ޔޫކްރޭންގެ އުތުރުން އޮންނަ ބެލާރޫސްގެ ތެރެއިންނާއި، ޔޫކްރޭންގެ ދެކުނުން ކްރީމިއާގެ ތެރެއިންނެވެ.
މީގެ ތެރެއިން ކްރީމިއާ އަކީ، ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކަށް ރަޝިޔާ އިން އެހީތެރިވެގެން، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފާފައިވާ ޔޫކްރޭންގެ ސަރަހައްދެކެވެ. ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ހަމަލާތައް ދިނީ، މިދިޔަ ހޯމަ ދުވަހު ރަޝިޔާ އިން މިނިވަންކަން ގަބޫލުކުރި، ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ ތެރެއިންނެވެ.
ބޮޑަށް ލަފާކުރެވޭ ގޮތުގައި އިރުމަތީ ސަރަހައްދުން ޔޫކްރޭންގެ ތެރެއަށް ހަމަލާ ދިނީ، އެ ދެ ޖުމްހޫރިއްޔާގައި ސުލްހަ ގާއިމުކުރުމުގެ ނަމުގައި ރަޝިޔާ އިން އެ ދެ ޖުމްހޫރިއްޔާ އަށް ފޮނުވި ސިފައިންނެވެ. ރަޝިޔާ ސިފައިން މިއަދު ފަތިހު ދިން ހަމަލާތައް އެންމެ ފުރަތަމަ އަމާޒުކުރީ، ޔޫކްރޭންގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ސިފައިންގެ މަގާމުތަކަށާއި، ދެ ގައުމުގެ ސަރަހައްދީ ރޮނގު ކައިރިން ޔޫކްރޭންގެ އެތެރޭގައި ހުރި ޗެކްޕޮއިންޓްތަކަށެވެ.
އެ ތަންތަނަށް ބަރު ހަތިޔާރުން ހަމަލާ ދިން އިރު، ދެ ގައުމު ގުޅޭ ސަރަހައްދީ އިމުގައި ފޯރިމަރަން ދުއްވި ޔޫކްރޭންގެ ސިފައިންގެ އެއްގަމު އުޅަނދުތަކަށް ވެސް، ރަޝިޔާ ސިފައިން ހަމަލާ ދިނެވެ. ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށުމާ އެކު، ޔޫކްރޭންގެ ހަތިޔާރު އެޅި ލަޝްކަރުތަކުން ވެސް ރައްދުގައި ހަމަލާ ދެމުންދާ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.
މިއަދު ހެނދުނު ރަޝިޔާ އިން ދިން ހަމަލާތަކަށް ރައްދު ހަމަލާ ދިނުމުގައި ބައިވެރިވީ، ޔޫކްރޭންގެ އެއްގަމު ސިފައިންނާއި، ސަރަހައްދީ ރޮނގު ބަލަހައްޓާ ފައުޖުގެ ސިފައިންނެވެ. ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް އަދި ނުލިބެ އެވެ.
ބެލަރޫސްގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި ޔޫކްރޭނަށް ހަމަލާ ދިނުމާ ގުޅޭ ގޮތުން ރައީސް ޕުޓިން ވަނީ މިއަދު ފަތިހު ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އަދި ޔޫކްރޭނަށް ހަމަލާތައް އަމާޒުކުރާނެ ގޮތުގެ ބައެއް ތަފްސީލު ވެސް ދެ ބޭފުޅުން ހިއްސާކުރެއްވި ކަމަށްވެ އެވެ.