ނަމަނަމަ މިކަމުގެ ތެރެއަށް ނުވަންނާތި: ޕުޓިން
ނަމަނަމަ މިކަމުގެ ތެރެއަށް ނުވަންނާތި: ޕުޓިން

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިއަދު ދޭން ފެށި އަސްކަރީ ހަމަލާތަކުގެ ތެރެއަށް ވަންނަން، ބޭރުގެ އެއްވެސް ގައުމަކުން ނުވިސްނުމަށް ރަޝިޔާ އިން ހުޅަނގުގެ ގައުމުތަކަށް މިއަދު އިންޒާރުކޮށްފި އެވެ.

ޔޫކްރޭނަށް ހަމަލާ ދިނުމަށް އަމުރުކުރެއްވިކަން އިއުލާން ކުރެއްވުމަށް ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަގައި ޕުޓިން ވިދާޅުވީ ޔޫކްރޭން ދިފާއުކުރުމުގެ ނަމުގައި ވިޔަސް، މި ކަމުގެ ތެރެއަށް ބަޔަކު ވަންނަ ނަމަ، އެކަމުގެ ނަތީޖާ ވަރަށް ނުބައިވާނެ ކަމަށެވެ.

"މިހާރު ހިނގަމުންދާ ކަންތަކުގެ ތެރެއަށް ބޭރުން ވަނުމަށް ވިސްނަމުންދާ މީހުންނަށް ބުނެލަން އޮތް ވަރަށް މުހިންމު ދެތިން ވާހަކައެއް އެބަ އޮތް. މިކަމުގައި އަހަރެމެންނަށް ހުރަސް އަޅަން، ވަކިން ހާއްސަކޮށް އަހަރެމެންގެ ގައުމަށާއި އަހަރެމެންގެ ރައްޔިތުންނަށް ނުރައްކާތައް ކުރިމަތިކުރުމަށް ބޭނުންވާ ކޮންމެ މީހަކު ދެނެގަންނަންވީ، ވަގުތުން އެބަޔަކާ ދެކޮޅަށް ރަޝިޔާގެ ރައްދު އަންނާނެކަން،" ޕުޓިން ވިދާޅުވި އެވެ. "އަދި ކަލޭމެންގެ ތާރީހުގައި ވެސް ތަޖުރިބާ ކޮށްފައިނުވާ ފަދަ ނަތީޖާތަކަކާ ކުރިމަތިލާންޖެހޭނެކަން. މިކަންތައް ކޮންމެ ގޮތަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ ކަމަށް އަހަރެމެން މިތިބީ ތައްޔާރުވެގެން. މިކަމާ ގުޅޭ ގޮތުން ނިންމަންޖެހޭ ހުރިހާ ނިންމުންތަކެއް އަހަރެމެން މިތިބީ ނިންމައިގެން. އުންމީދުކުރަން އަހަރެންގެ މި ވާހަކަކޮޅު އަޑުއިވޭނެ ކަމަށް."

ޔޫކްރޭންގެ ދާހިލީ ވުޒާރާ އިން ބުނި ގޮތުގައި ރަޝިޔާ ސިފައިން މިއަދު ހެނދުނު ވައިގެ މަގުން އައިސް، ޔޫކްރޭންގެ ހުޅަނގު ދެކުނުގައި އޮންނަ އޮޑެއްސާ އަށް ވަނީ ފައިބައިފަ އެވެ. އަދި ވެރިރަށް ކިއޭވްގައި އޮންނަ ޔޫކްރޭންގެ ވައިގެ ސިފައިންގެ މަރުކަޒަށް މިއަދު ހެނދުނު ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް ހަމަލާ ދޭން މި ފެށީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުގައި އޮންނަ ދެ ޖުމްހޫރިއްޔާއެއް ކަމަށްވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާގެ މިނިވަންކަން ރަޝިޔާ އިން ގަބޫލުކޮށް، ސުލްހަ ބެލެހެއްޓުމުގެ ނަމުގައި އެ ދެ ސަރަހައްދަށް ރަޝިޔާ ސިފައިން ފޮނުވުމަށް ފަހުގަ އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި ވައިގެ މަގުން ހަމަލާތައް ދޭން ފެށުމާ އެކު، އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ވަނީ ފަށައިފަ އެވެ. ޗައިނާ ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކުން ރަޝިޔާ ކުށްވެރިކޮށް ވާހަކަ ދައްކަމުން އަންނަ އިރު، ޗައިނާއިން ގޮވާލާފައިވަނީ ސުލްހަވެރި ގޮތުގައި މައްސަލަ ހައްލު ކުރުމަށެވެ.

ޔޫކްރޭނަށް ރަޝިޔާ ސިފައިން ހަމަލާ ދޭން ފެށުމާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަޝިޔާގެ އުދުވާނީ އަމަލުތަކުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ފުރާނަ އަށް ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި މުޅި ޔޫރަޕާއި އެޓްލާންޓިކް ސަރަހައްދަށް ވެސް ކުރިމަތިވި ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އުދުވާނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، ނޭޓޯގެ މެމްބަރު ގައުމުތަކުގެ ކުއްލި ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެ އެވެ.