19 ޑިސެމްބަރ 2016 - 13:31

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ކުށް ސާބިތުވެ، ދެ ދިވެއްސަކު 100،000ރ. އިން ޖޫރިމަނާކޮށް އުމުރުން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި ހުކުމް އައިސްފައިވަނީ ސ. ހިތަދޫ ދެކުލައަރާގޭ އަބްދުއްލަތީފްގެ މައްޗަށާއި ފުވައްމުލައް، މޯޝަން ހަދީޖާ އަހުމަދުގެ މައްޗަށެވެ.
އަބްދުއްލަތީފާއި ހަދީޖާގެ މައްޗަށް ހުކުމް އިއްވީ މެއި 1، 2013 ގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ދެ މީހުން ރާއްޖެ އައިއިރު، ލަގެޖު ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އެގޮތުން އެ މީހުން އަތުން ފެނުނު ދަޅުތަކުން 571 ގްރާމް ޑައިމޯފިން ހުރި ކަމަށް ތަހުލީލް ރިޕޯޓުތަކާއި ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ދެ މީހުން ކުށްވެރިވާ ކަމަށް ކަނޑައަޅައި، ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަކީ އުމުރަށް ޖަލަށްލުމާ އެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކުށެކެވެ.