24 ފެބުރުއަރީ 2022 - 11:14

ސަފާ ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް ފޮނުވަން އުޅުނު 100 މީހުން، ދަތުރުކުރުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް ޓެސްޓުގެ ވަގުތު ހަމަވެފައި އޮތުމުން ފުރޭ ގޮތް ނުވެ ދަތުރު ފަސްކުރަން ޖެހިއްޖެ އެވެ.
އުމްރާވެރިން ފުރަން ރޭ 8:00 ހާއިރު އެއާޕޯޓަށް ދިޔައީ ދަތުރުކުރުމުގެ ބޭނުމަށް، ކޮވިޑަށް ޓެސްޓުކޮށް ހަދާ ޕީސީއާރް ޓެސްޓު ހަދައިގެންނެވެ. ނަމަވެސް މިހާރު ސައޫދީއަށް ދާއިރު 48 ގަޑިއިރު ހަމަނުވާ ޕީސީއާރް ނަތީޖާއެއް އޮންނަންޖެހޭކަން ނޭނގި އެންމެން ވެސް ތިބީ 72 ގަޑިއިރު ނުވާ ނަތީޖާއެއް އޮންނަން ޖެހޭ ކަމަށް ބަލައި ޓެސްޓު ހަދައިގެންނެވެ.
އެހެންވެ ފުރޭ ގޮތް ނުވެ ރޭ 11:00 ގެ ވެސް ފަހުން އެންމެން އެނބުރި ދާންޖެހުނީ އެވެ.
ސަފާގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މީހުންގެ ހުރިހާ އުމްރާވެރިން ވެސް ތިބީ 72 ގަޑިއިރުގެ ޕީސީއާރު ނެގެޓިވް ނަތީޖާއާ އެކު ކަމަށާއި ސައުދީ ސަރުކާރުން މި ފަހުން އާންމުކުރި ގައިޑްލައިނުގެ ދަށުން އެ ގައުމަށް އެތެރެވެވެނީ 48 ގަޑިއިރު ހަމަނުވާ ޓެސްޓަކާ އެކުގައި ކަމަށެވެ.
"ސައުދީ ސަރުކާރުން ބަދަލު ގެނައިކަން އަޅުގަނޑުމެންނަށް ވެސް ނޭނގި އޮތީ. އުމްރާވެރިން ތިބީ 72 ގަޑިއިރުގެ ޓެސްޓް ހަދައިގެން. އެހެންވެ ނުފުރުނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަން މިހެން ދިމާވުމުން ގްރޫޕްގެ ހަރަދުގައި އެންމެން އަލުން ޓެސްޓުކޮށް މިރޭ ފުރުމަށް ހުރިހާ އިންތިޒާމްތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.