ރަޝިއާގެ ހަމަލަތަކުގެ ސަބަބުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރައިފި
ރަޝިއާގެ ހަމަލަތަކުގެ ސަބަބުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރައިފި

ދުނިޔޭގެ ބާޒާރުގައި ބްރެންޓުގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 101.23 ޑޮލަރު (1560ރ.) އަށް މިއަދު އަރައިފި އެވެ.

ކުއްލިއަކަށް ތެލުގެ އަގު މިހާ ބޮޑަށް އުފުލުނީ ރަޝިއާ އިން ޔުކްރެއިނަށް ހަމަލާދޭން މިއަދު ފެށުމުންނެވެ. އެ ހަމަނުޖެހުންތައް ފެށުނު ދުވަހުން ފެށިގެން ލަފާކުރި ވަރަށް ވުރެ އަވަހަށް ތެލުގެ އަގު ދަނީ ބަދަލުވަމުންނެވެ.

މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރީ 99.38 ޑޮލަރު (1532ރ.) އަށެވެ.

ބައިނަލްއަގްވާމީ ބާޒާރުގައި ތެލުގެ އަގު ކަނޑައަޅާ އެއް މިންގަނޑު، ބްރެންޓުގެ އަގު ބޮޑުވިއިރު، ޑަބްލިއުޓީއައި ތެލުގެ އަގު ވެސް ވަނީ އުފުލިފަ އެވެ. ޑަބްލިއުޓީއައިގެ ސާފުނުކުރާ ތެޔޮ ފީފާއެއްގަ އަގު ހުރީ 96.36 ޑޮލަރު (1485ރ.)ގަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ވެސް ދަނީ ކުރަމުންނެވެ. މި ވަގުތު އެސްޓީއޯ އިން ޕެޓްރޯލް ލިޓަރެއް ވިއްކަނީ 12.98ރ. އަށެވެ. އަދި ޑީސަލް ލިޓަރެއް 13.04ރ. އަށެވެ. މި މަހުގެ މިހާތަނަށް ވެސް ދެ ބުރެއްގެ މަތިން ވަނީ ރާއްޖޭގައި ތެލުގެ އަގު ބޮޑުކޮށްފަ އެވެ.

ރަޝިއާ އާއި ޔުކްރެއިންގެ ހަމަނުޖެހުންތަކުގެ ކުރިން ވެސް މިއަހަރު ފެށުނީއްސުރެ ތެލުގެ އަގު ދަނީ އުފުލެމުންނެވެ. ނަމަވެސް 100 ޑޮލަރަށް އަގު އަރާނެ ކަމަށް ކުރިން ލަފާކުރީ މި އަހަރު ނިމޭ ހިސާބުގަ އެވެ.

ދުނިޔޭގެ ބާޒާރުގައި މި އަހަރު ތެލުގެ އަގު އުފުލިފައިވަނީ ފާއިތުވި ހަތް އަހަރު ނުއުފުލޭ ވަރަށެވެ. ތެލުގެ އަގު އެންމެ ފަހުން ކަންބޮޑުވާ ވަރަށް އުފުލުނީ 2014 ވަނަ އަހަރު އެވެ. އެއީ ފީފާއެއް 115 ޑޮލަރަށެވެ.