24 ފެބުރުއަރީ 2022 - 09:09

މޮސްކޯ (ފެބްރުއަރީ 24) - ޔުކްރޭނުގައި އަސްކަރީ އޮޕަރޭޝަން ފެށިކަން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއުލާން ކުރައްވައިފި އެވެ.

"ޔުކްރޭނުގައި އަސްކަރީ އޮޕަރޭޝަން ފެށުމަށް އަޅުގަނޑު ނިންމައިފިން،" ރަޝިޔާ ގަޑިން ހެނދުނު 6 ޖެހުމުގެ ކުރިން (ރާއްޖޭ ގަޑިން ގާތްގަނޑަކަށް 8 ޖެހިއިރު) ވަރަށް ކުއްލި ގޮތަކަށް ޓީވީ މެދުވެރިކޮށް ޕުޓިން އިއުލާން ކުރެއްވި އެވެ.
ޕުޓިން ވަނީ ޔުކްރޭން ސިފައިން ހަތިޔާރު ބެހެއްޓުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި ޔުކްރޭނުގެ އިރުމަތީގައި ހިންގަނީ "ގަތުލްއާއްމެއް" ކަމަށް ސިފަކުރައްވައި ޕުޓިން ވަނީ އެ ގައުމަށް ރަޝިޔާ ސިފައިން އަރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އިރުމަތީ ޔުކްރޭނުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ލީޑަރުން ވަނީ ޔުކްރޭނާ ދެކޮޅަށް ރަޝިޔާގެ އަސްކަރީ އެހީއަށް އެދިފައި ކަމަށް ޕުޓިން ކުރިން ވިދާޅުވެފައިވެ އެވެ.
ޔުކްރޭނުގެ ވެރިރަށް ކިއޭވްގައި ހުރި އޭއެފްޕީގެ ރިޕޯޓަރަކު ބުނީ އަސްކަރީ އޮޕަރޭޝަން ފެށިކަން ޕުޓިން އިއުލާންކުރެއްވިތާ 30 މިނިޓް ފަހުން ބާރުގަދަ އެއްޗެހިތަކެއް ގޮވި އަޑު އިވިފައި ކަމަށެވެ. އިރުމަތީގެ ސިޓީއެއް ކަމަށްވާ މަރިއުޕޯލް އާއި ކަޅު ކަނޑުގެ ބަނދަރެއް ކަމަށްވާ އޮޑެއްސާ އިން ވެސް ގޮވާތަކެތީގެ އަޑު އިވިފައިވާ ކަމަށް އޭއެފްޕީގެ ރިޕޯޓަރުން ބުނެ އެވެ.
ޔުކްރޭނުގައި ހަނގުރާމަ ފެށިކަން އިއުލާންކުރުމާ އެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެކަމުގެ ހިތި ނަތީޖާ ރަޝިޔާ އަށް ފެންނާނެކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. އަދި ރަޝިޔާގެ މި އަމަލަށް އެ ގައުމު ޖަވާބުދާރީ ކުރުވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވީ ޔުކްރޭނުގައި ހަނގުރާމަ ފެށުމަކީ އެތައް ބައެއްގެ ފުރާނަ ގެއްލި އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
އދ. ގައި ޔުކްރޭނުން ވަނީ ހަނގުރާމަ ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެދިފަ އެވެ.
އަނެއްކޮޅުން ޔުކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސް ވަނީ ޔޫރަޕްގައި ހަނގުރާމައެއް ފެށުމަށް ރަޝިޔާގެ ރައްޔިތުން ތާއީދު ނުކުރުމަށް ވަރަށް އަސަރާ އެކު ރޭ އެދިވަޑައިގެންފަ އެވެ. ރަޝިޔާ ބަހުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ޔުކްރޭނާ ބެހޭ ގޮތުން ރަޝިޔާގެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށެވެ.
ޒެލެންސްކީ ވިދާޅުވީ ޕުޓިންއާ ފޯނުން ގުޅުމަށް އެތައް މަސައްކަތެއްކޮށްފައިވާ ކަމަށާއި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި ޔުކްރޭނުގެ ބޯޑަރާ ކައިރިއަށް ރަޝިޔާގެ 200،000 ސިފައިން ޖަމާކޮށްފައިވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ އިން އަމިއްލަ އަށް މިނިވަންކަން އިއުލާންކުރުމާ އެކު ޕުޓިން ވަނީ އެ ސަރަހައްދަށް ރަޝިޔާ ސިފައިން ފޮނުވުމަށް ނިންމަވައިފަ އެވެ. ނަތީޖާއެއްގެ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާ އިން ވަނީ އަޅައިފަ އެވެ.
ލުހާންސްކް އާއި ޑޮނެޓްސްކްގެ ވަކިވެގަތުމަށް މަސައްކަތްކުރާ ލީޑަރުން ވަކިވަކިން ވަނީ ރައީސް ޕުޓިން އަށް ސިޓީއެއް ފޮނުވައި ޔުކްރޭނުގެ އުދުވާނާ ދެކޮޅަށް ރަޝިޔާގެ އެހީއަށް އެދިފައި ކަމަށް ޕުޓިންގެ ތަރުޖަމާން ޑިމިތުރީ ޕެސްކޯފް ވަނީ ވިދާޅުވެފަ އެވެ. އެ ދެ ސިޓީ ވަނީ ރަޝިޔާގެ ރަސްމީ މީޑިއާގައި މި މަހު 22 ވަނަ ދުވަހު ޝާއިއުކޮށްފަ އެވެ.
ލުހާންސްކް އާއި ޑޮނެޓްސްކްގެ ލީޑަރުން ސިޓީ ފޮނުވާފައި ވަނީ އެ ދެ ޖުމްހޫރިއްޔާގެ މިނިވަންކަން ޕުޓިން ގަބޫލް ކުރައްވާފައި ވަނިކޮށެވެ. އަދި ރަހުމަތްތެރިކަމުގެ މުއާހަދާތަކުގައި ވަނީ އެ ދެ ޖުމްހޫރިއްޔާއާ އެކު ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ދިފާއީ އެއްބަސްވުންތައް ވެސް ހިމެނެ އެވެ.
އަސްކަރީ ގޮތުން ބަލާއިރު ޔުކްރޭނަށް ވުރެ ރަޝިޔާގެ ބާރު އެތައް ގުނައެއް ބޮޑެވެ. ޔުކްރޭނުގައި އަސްކަރިއްޔާގައި 200،000 އެއްހާ ސިފައިން ހަރަކާތްތެރިވާ އިރު ރަޝިޔާގެ އެކްޓިވް-ޑިއުޓީ ސިފައިންގެ އަދަދު ވެސް މިލިއަނަކަށް ވުރެ އިތުރެވެ. ރަޝިޔާގެ އަސްކަރިއްޔާގައި ބޭނުންކުރަނީ އެންމެ ޒަމާނީ ހިތިޔާރެވެ. ނޭޓޯގެ ބައެއް މެންބަރު ގައުމުތަކުގެ ފަރާތުން ޔުކްރޭނަށް ވަނީ އެންމެ ފަހުގެ އެންޓި-ޓޭންކް ހަތިޔާރާއި ޑްރޯން ފޯރުކޮށްދީފަ އެވެ.