20 ޑިސެމްބަރ 2016 - 06:25

ގިނަ ބަޔަކު ގަބޫލުކުރަނީ ހަނީމޫންއަކީ މުޅި އުމުރު ދުވަހަށް ނުފިލާނެ ވަރުގަދަ ހަނދާންތަކެއް ކަމަށެވެ. އެހެންވެ އާ ކައިވެންޏަށް ފަހު ކޮންމެ މީހަކު ވެސް ހަނީމޫން ގޮސްލަން ބޭނުންވެ އެވެ. ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކުގެ ހަނދާންތައް ރައްކާކުރުމަށެވެ. ބައެއް މީހުން ހަނީމޫނަށް ދަނީ އެންމެ ހަފުތާއަކަށެވެ. އަނެއް ބަޔަކު ދެ ހަފުތާ އަށެވެ. ނަމަވެސް މުޅި އުމުރަށް ހަނީމޫންގައި އުޅެވޭނެ ނަމައޭ ހިތަކަށް ނާރާ ހެއްޔެވެ؟ މިކަން ވެސް ހަގީގަތަކަށް ވޭތޯ ދެމަފިރިއަކު ވަނީ މަސައްކަތް ފަށާފަ އެވެ.

އެމެރިކާގެ ނިއު ޔޯކްގެ މައިކް އާއި އޭން ހޯވާޑް ކައިވެނިކުރީ 2011 ގަ އެވެ. އެ ކައިވެނި ކުރީއްސުރެ ދެމަފިރިން އުޅެނީ ހަނީމޫންގަ އެވެ. ދެ މީހުން މަސައްކަތްކުރާ ތަނުން ޕްރޮމޯޝަން ވެސް ލިބިއްޖެ އެވެ. އަދި އެކުގައި ދިރިއުޅޭނެ ރީތި ގެއެއް ވެސް ގަތެވެ. ނަމަވެސް ގޭގައި ހުރި އެއްޗެހި ވިއްކާލާފައި ގެ ކުއްޔަށް ދިނުމަށް ފަހު ދެމަފިރިން ހަނީމޫނަށް ފުރީ އެވެ.

ވޮޝިންޓަން ޕޯސްޓަށް މައިކް، 39، ދީފައިވާ އިންޓަވިއުއެއްގައި ބުނީ އޭނާ އާއި އަންހެނުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދަން އުމުރުން 65 އަހަރުވެ ރިޓައާ ވަންދެން މަޑުކުރުމަކީ ކުޑަކޮށް ނުރައްކާ އޮތް ކަމެއް ކަމަށް އެމީހުންނަށް ގަބޫލުކުރެވުނީ ކަމަށެވެ. އޭގެ ބަދަލުގައި ޒުވާންކަމާއި ސިއްހަތު ސަލާމަތުން ތިބި ވަގުތު ހުވަފެން ހަގީގަތަކަށް ހެދުމުގެ މަސައްކަތް ކުރުން އެމީހުން މާ ހިތްހަމަޖެހެ އެވެ.
މިހާތަނަށް އެމީހުން 50 ގައުމަކަށް ޒިޔާރަތްކޮށްފި އެވެ. އޭގެ ތެރޭގައި ހަންގޭރީ، މިޔަންމާ އަދި އިންޑޮނޭޝިއާ އާއި މެކްސިކޯ ފަދަ ގައުމުތައް ހިމެނެ އެވެ. އުސް ފަރުބަދަތަކާއި ރީތި ވާދީތަކަށް ދަތުރުކޮށްފި އެވެ. އެންމެ ފަހުން އެމީހުން ތިބީ ކްރޮއޭޝިއާގަ އެވެ. އެމީހުންގެ ދަތުރުގެ ފޮޓޯތައް އެމީހުންގެ އިންސްޓަގްރާމް ޗެނަލް، ހަނީޓްރެކްގައި ދަނީ ޕޯސްޓް ކުރަމުންނެވެ. އަދި މިހާރު އެ އެމީހުން ފޮލޯކުރާ މީހުންގެ އަދަދު ވަނީ 13،000 އަށް އަރާފަ އެވެ.
މި ދަތުރުތަކުގެ ޚަރަދުތައް އެމީހުން ބަލަހައްޓަނީ ކިހިނެއް ހެއްޔެވެ؟ މައިކް އާއި އޭން ވަނީ މިކަމަށް ބަޖެޓެއް ކަނޑައަޅާފަ އެވެ. ދުވާލަކަށް އެންމެ 31 ޕައުންޑެވެ. އެމީހުންގެ ދިރިއުޅުން އެހާ ވެސް ޚަރަދު ކުޑަ އެވެ. އަދި މިހާރު މި އަދަދު 20 ޕައުންޑަށް ކުޑަކުރިތާ ވެސް ދުވަސްކޮޅެއް ވެއްޖެ އެވެ. އެމީހުންގެ ޓްރެވެލް ބްލޮގް "ހަނީ ޓްރެކް" އިން ލިބޭ ފަންޑުން ވެސް އެމީހުންގެ ދަތުރަށް އެހީއަކަށް ވެ އެވެ.
މިހާރު ވެސް އެންމެ ދިގު ހަނީމޫނެއް ހޭދަކުރި ދެމަފިރިންގެ ރެކޯޑް ލިބިފައިވަނީ މައިކް އާއި އޭން އަށެވެ. ނަމަވެސް މިހާ ހިސާބުން ވެސް އަދި ހަނީމޫން ނިމޭކަށް ނޫޅެ އެވެ. އަތުގައި އެންމެ ފައިސާ ފޮއްޗެއް އޮއްވާ ވެސް އެމީހުން އެނބުރި ރަށަކަށް ނުދާނެ އެވެ.