ޔަމަނާ ދެކޮޅަށް ނުކުންނައިރު ރާއްޖެ އުނދަގޫ ހާލަތެއްގައި
ޔަމަނާ ދެކޮޅަށް ނުކުންނައިރު ރާއްޖެ އުނދަގޫ ހާލަތެއްގައި

އޭޝިއަން ކަޕްގެ ކޮލިފައިން ޕްލޭ އޮފް ދެ ވަނަ ލެގުގައި މާދަމާރޭ ޔަމަނާ ދެކޮޅަށް ކުޅެން ޖެހޭއިރު ގައުމީ ޓީމަށް ވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފަ އެވެ.

ޔަމަނާ ދެކޮޅަށް ނުކުންނައިރު ރާއްޖެ އުނދަގޫ ހާލަތެއްގައި
ޔަމަނާ ދެކޮޅަށް ނުކުންނައިރު ރާއްޖެ އުނދަގޫ ހާލަތެއްގައި

ގަތަރުގެ ދޯހާގައި ގައުމީ ޓީމު ޔަމަނާ ދެކޮޅަށް ކުޅޭއިރު ޓީމުގެ ކޯޗުކަމުން ނިއު ޒީލެންޑުގެ ރިކީ ހާބަޓް ވަކިކުރުމުން މި މެޗުގައި އިރުޝާދުދޭނީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމަށް އިރުޝާދު ދިން އެސިސްޓަންޓް ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) އެވެ.

ފުރަތަމަ ލެގުގައި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ޔަމަން ވަނީ ރާއްޖެ 2-0 އިން ބަލިކޮށްފަ އެވެ. އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ބޭނުން ނަމަ މި މެޗުން ރާއްޖެ ތިން ލަނޑުގެ ތަފާތުން މޮޅުވާން ޖެހެ އެވެ. އެހެން ނޫނީ ޖެހެނީ ޕްލޭ އޮފް ދެ ވަނަ ބުރުގައި އިންޑިއާ އާއި ލާއޯސް ކުޅެގެން ބަލިވާ ޓީމަކާ ދެކޮޅަށް ކުޅޭށެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިންމަ ވަނީ އިއްޔެ ޕްރެކްޓިސް ކޮށްލަން ފުރުސަތު ނުލިބުމުން އެކަމާ ޝަކުވާ ކޮށްފަ އެވެ.

"މިރޭ ޕްރެކްޓިސްގައި ލިބޭ އެއްގަޑިއިރު ބޮޑަށް ބަލާނީ ޓީމް ލައްވައި ކުޅުވާނެ ގޮތެއް ނިންމައި އެކަން ކުޅުންތެރިންނަށް ބުނެދޭނެ. ލިބޭ މަދުވަގުތުކޮޅުގެ ބޭނުން ހިފަން. ދެ ލަނޑު ފަހަތުގައި އޮތުމުން އުނދަގޫވާނެ. އެހެން ނަމަވެސް އުއްމީދު ކަޑައެއް ނުލަން،" ކުރިން ގައުމީ ޓީމަށް ކުޅުނު އިންމަ ބުންޏެވެ.

އަނިޔާގެ ސަބަބުން އީގަލްސްގެ މިޑްފީލްޑަރު އަހުމަދު ޒާދު އާއި ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އާއި ޒުވާން ފޯވާޑް ނާއިޒު ހަސަން (ދާދު) އަދި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) މި މެޗުގައި ނުކުޅޭއިރު، އާއިލީ ޒިންމާއެއް އަދާކުރަން ޖެހޭތީ ޓީމުގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ވެސް ޓީމާ އެކު ނުދެ އެވެ.

އިންމަ ބުނީ މި ކުޅުންތެރިން ނުލައި ކުޅެން ޖެހުމަކީ ވެސް ލިބުނު ގެއްލުމެއް ކަަމަށާއި އުއްމީދުކުރަނީ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށް ކަމަށެވެ.

"މި ކުޅުންތެރިން ނުލައި ވެސް ޕްރެކްޓިސް ކުރަން ލިބުނު އެއް ގަޑިއިރު ތެރޭގައި ބަލާނީ ކުޅޭނެ ގޮތެއް ރޭވުމަށް ފަހު ޓީމެއްގެ ގޮތުގައި ކުޅެވޭނެ ގޮތްތަކެއް ހޯދަން،" އިންމަ ބުންޏެވެ.

ޓީމުގައި މުހިއްމު މެޗަކަށް ނުކުންނައިރު ތިބީ ހަތަރު ޑިފެންޑަރުންނެވެ. އެއީ ސަމޫހު އަލީ (ސަމުއްޓޭ)، ޝާފިއު އަހުމަދު (ޝާފީ)، މުހައްމަދު ސަމްދޫހު އަދި އަހުމަދު އަބްދުﷲ (ލިލީ) އެވެ.

ގަތަރުގެ ދޯހާގައި މާދަމާރޭ އޭޝިއަން ކަޕްގެ ޕްލޭ އޮފްގައި ރާއްޖެ އާއި ޔަމަނާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.