19 ޑިސެމްބަރ 2016 - 12:45

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ހުކުމް އިއްވުމަށް މިއަދު މެންދުރަށް ތާވަލްކުރި ޝަރީއަތް ސިއްރުކޮށްފި އެވެ.
ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނެ ރާއްޖެ ޓީވީގެ ދެ ނޫސްވެރިންގެ މައްޗަށް ހުކުމް އިއްވުން އޮތީ މިއަދު މެންދުރު ދޭއް ޖަހާއިރު އެވެ. އެކަމަކު އެ ޝަރީއަތަށް ވަނުމަށް މީހުން ނަން ނޯޓު ކުރި ފަހުން، ކުއްލި ގޮތަކަށް ޝަރީއަތް ސިއްރު ކުރި ސަބަބެއް ނޭނގެ އެވެ.
ވިސާމާއި ލީވާންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގެ ކައިރިން ބޮމެއް ފެނިގެން ބައެއް ސަރަހައްދުތައް ބަންދުކޮށް، ފުލުހުން އުޅުމުގެ ތެރޭގައި، އެއިން ސަރަހައްދެއްގައި ރާއްޖެ ޓީވީގެ ސީއީއޯ ހުސައިން ފިޔާޒު ހުއްޓައި އޭނާ ހައްޔަރުކުރަން ފުލުހުން އުޅުނު ވަގުތު އެ ދެ މީހުން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އެވެ. މި ދެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަހުމަދު ޝަކީލެވެ.
މި މައްސަލައިގެ އިތުރުން ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ ވިސާމްގެ މައްޗަށް އިތުރު ދައުވާއެއް ކުރެ އެވެ. ނަމަވެސް އެ ޝަރީއަތް ނިމުމަކާ ގާތަށް އަދި ނުދެ އެވެ.
މީގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒުގެ މައްޗަށް ވެސް ވަނީ ދައުވާއެއް އުފުލައިފަ އެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
ހަމައެއާ އެކު، މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު ހިނގި މުޒާހަރާއެއްގައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަންނަން މަސައްކަތްކޮށް، ފުލުހުންގެ ޝީލްޑްތައް ކޮއްޕައި ހެދި ކަމަށް ބުނެ ރާއްޖެ ޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށް ބުނެ ޒަރީރުގެ މައްޗަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހުގެ 16 އަށް ވަނީ ތާވަލްކޮށްފަ އެވެ.