ރަންބީރު ފުރަތަމަ ފަހަރަށް ލޯބީގެ ގަނޑުވަރު ދެކިލަން ދިޔައީ އަރްޖުންއާ އެކު
ރަންބީރު ފުރަތަމަ ފަހަރަށް ލޯބީގެ ގަނޑުވަރު ދެކިލަން ދިޔައީ އަރްޖުންއާ އެކު

ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރު ހަޔާތުގައި އަލަށް ތާޖު މަހަލް އަށް ގޮސްފި އެވެ. "ލޯބީގެ ގަނޑުވަރު" ގެ ގޮތުގައި މަޝްހޫރު އެތަނަށް ފުރަތަމަ ފަހަރަށް ރަންބީރު ދިޔައީ އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓްއާ އެކު އެއް ނޫނެވެ.

އަރްޖުން ކަޕޫރު އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯގައި ފެންނަނީ ތާޖު މަހަލް ފެންނަ ހިސާބުގައި ރަންބީރު ހުންނަ ފޮޓޯ އެކެވެ. މިއީ އާގަރާގައި އޮންނަ ފިލްމު އުފެއްދުންތެރިޔާ ލަވް ރަންޖަންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާން ގޮސް ރަންބީރާއި އަރްޖުން އެކީގައި އެތަނަށް ގޮސް ނަގާފައިވާ ފޮޓޯއެކެވެ.

އެ ފޮޓޯ ލުމާއެކު ބަތަލާ ރާކުލް ޕްރީތު ސިންގް ވަނީ "ދެ މީހުންނަށް އެންމެ ފަހުން ތާޖު މަހަލް ފެނިއްޖެދޯ" އޭ ބުނެ ސަމާސާ ކޮމެންޓެއް ކޮށްފައި އެވެ. އެ ކޮމެންޓަށް ދިން ރިޕްލައިގައި އަރްޖުން ބުނީ ރަންބީރު އާލިއާއާ އެކު ދިއުމުގެ ބަދަލުގައި ފުރަތަމަ ފަހަރަށް ތާޖު މަހަލް ބެލީ އޭނާއާ އެކު ކަމަށެވެ. އަރްޖުން އާއި އާލިއާއަކީ ވެސް ގާތް ދެ ރަހުމަތްތެރިންނެވެ.

އަރްޖުން އާއި އާލިއާ އެކުގައި "ޓޫ ސްޓޭޓްސް" އިން ވެސް ކުޅުނެވެ.

ރަންބީރާއި އާލިއާގެ ކައިވެނީގެ އަޑުތައް ވެސް ގަދަވި އެވެ. އެކަމަކު އަދި އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.