23 ފެބުރުއަރީ 2022 - 14:39

ބިދޭސީން ގެންނަން ވެގެން އެކްސްޕެޓް އޮންލައިން ސިސްޓަމުގެ ތެރެއިން ޑިޕޮޒިޓްގެ ގޮތުގައި މިހާތަނަށް ބަހައްޓާފައިވާ ފައިސާގެ ތެރެއިން 549.2 މިލިއަން ރުފިޔާ މިހާތަނަށް އޭގެ ވެރިފަރާތްތަކާ އެކު ހަވާލު ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
މި ހަފުތާގައި އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ބިދޭސީން ގެންނަން ޑިޕޮސިޓް ކުރާ ފައިސާ އަނބުރާ ދިނުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. މިގޮތަށް ރިފަންޑު ކޮށްދެނީ ޖުލައި 12، 2019 އިން ފެށިގެން މިހާތަނަށް ޑިޕޮޒިޓް ކޮށްފައިވާ ފައިސާ އެވެ.
އެކްސްޕެޓް އޮންލައިން ސިސްޓަމް ތައާރަފު ކުރުމުގެ ކުރިން ޑިޕޮސިޓް ކޮށްފައިވާ ފައިސާ ވެސް އޭގެ ހައްގުވެރި ފަރާތްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެހެންވެ، ބިދޭސީންގެ ކަންކަން އެކި ދުވަސްވަރު ބެލެހެއްޓި އިދާރާތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
މި ފައިސާ އަނބުރާ ހޯދަން ބޭނުންވާ ފަރާތްތަކުން މި އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން https://refunds.trade.gov.mv މެދުވެރިކޮށް ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާގެ ތަފްސީލް ފޮނުވަން ޖެހޭނެ އެވެ. ސުންގަޑި ހަމަވުމަށް ފަހު ފައިސާ އަނބުރާ ހޯދަން އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ފައިސާ އަނބުރާ ހޯދަން އެދޭ ފަރާތްތަކަށް އެ ފައިސާ ދޭން ފަށާނީ އަންނަ ޖުލައި މަހުގެ 20 އިން ފެށިގެންނެވެ.