ބޭސްފަރުވާ އަށް ޕެެސްޓް ބަންދުން ދޫކޮށްލައިފި
ބޭސްފަރުވާ އަށް ޕެެސްޓް ބަންދުން ދޫކޮށްލައިފި

މަސްތުވާތަކެތީގެ ބޮޑެތި ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާ އަށް ބަންދުން މިއަދު ދޫކޮށްލައިފި އެވެ.

އޭނާ ބަންދުން ދޫކޮށްލަން ނިންމި ނަމަވެސް ދައުލަތުން ކޯޓުގައި އެ ކަމާ ދެކޮޅު ހެދި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓާއި އިތުރު ބަޔަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ބޮޑެތި ދައުވާތަކެއް ކުރި އެވެ. ކުށް ސާބިތުވެއްޖެ ނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ހުކުމެއް އަންނަ ދައުވާތަކެއް ޕެސްޓްގެ މައްޗަށް ކުރާއިރު، އޭނާ މިހާތަނަށް ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާގެ ބަންދު ހައި ކޯޓުން ވެސް މިދިޔަ އަހަރު ދެމެހެއްޓި އެވެ.

ޕެސްޓް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އެންގީ އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ. ބޭސްފަރުވާ އަށް ޝަރުތުތަކާ އެކު އޭނާ ދޫކޮށްލީ ދެ މަހަށެވެ.

އޭނާގެ އިތުރުން އެ މައްސަލާގައި އިތުރު ތިން މީހަކަށް ވެސް ދައުލަތުން ދައުވާކުރެ އެވެ.

ޕެސްޓްގެ މައްޗަށް ދައުލަތުން ކުރަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އާއި ކުށް ކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމުގެ ދައުވާ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 50 އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ.