23 ފެބުރުއަރީ 2022 - 13:53

ސެޕްޓެމްބަރު މަހު ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަކަށް އިންޓަނޭޝަނަލް ބީޗް ވޮލީބޯލް ރެފްރީ ހުސައިން މުހައްމަދު ހަމަޖައްސައިފި އެވެ.
އޮލިމްޕިކް ކޮމިޓީން މިއަދު ވަނީ ހުސައިން ޗެފް ޑި މިޝަނަކަށް ހަމަޖެއްސި ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. ދެކުނު އޭޝިއާގެ އެންޓި ޑޯޕިން އޮގަނައިޒޭޝަންގެ މެނޭޖަރުކަން ވެސް ކުރައްވާ ހުސައިން ވަނީ 2010 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވެސް ރާއްޖޭގެ ޗެފް ޑި މިޝަންކަން ކުރައްވައިފަ އެވެ.
ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ކުރިން އަދާކުރެއްވި ހުސައިން ވަނީ ސްޕޯޓްސް މެނޭޖްމެންޓް އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ. ހުސައިން އަކީ މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ވެސް މެ އެވެ.
ޗެފް ޑި މިޝަންގެ ޒިންމާ އަކީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުންނާއި މުޅި ދިވެހި ކޮންޓިންޖެންޓާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އޭގެ ތެރޭގައި ލޮޖިސްޓިކް އާއި ދިވެހި އެތުލީޓުންނާ ގުޅޭ އިދާރީ އެންމެހާ ކަންތައްތަކެއް ވެސް ހިމެނެ އެވެ.
ޗައިނާގެ ހެންގްޖޯގައި ސެޕްޓެމްބަރު 10-25 އަށް ބާއްވާ ގޭމްސްގައި ރާއްޖޭގެ 100 ވަރަކަށް އެތުލީޓުން ބައިވެރިވާނެ ކަމަށް އެމްއޯސީން ލަފާކުރެ އެވެ. އެ އިދާރާ އިން ބުނީ ރާއްޖެ އިން މިހާތަނަށް އެންމެ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވާ ގޭމްސް އަށް މި ފަހަރުގެ އޭޝިއަން ގޭމްސް ވާނެ ކަމަށެވެ.