ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!
ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!

ދަރިންނާ ވަކިން ރަށުގައި ދިރިއުޅެނިކޮށް ބަލި ހާލު ބޮޑުވެ އައިޖީއެމްއެޗުގައި އެޑްމިޓްކުރީ އެވެ. ހަތް ދަރިން ތިބެ، މުސްކުޅި މަންމައާ އަޅައިލާނެ މީހަކު ނުވި އެވެ. ހޮސްޕިޓަލުގައި މަޑުކުރާނެ ވަގުތެއް އެއްވެސް ދަރިއަކަށް ނެތެވެ. އެކަމަކު ދުނިޔެ ދޫކޮށްފައިދާއިރު ވާރުތަވާން އޮތް ބިން އެންމެން ބޭނުންވެ އެކަމުގައި އުޅުނެވެ.

ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!
ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!

މި ހިތްދަތި ހާލުގައި އޭނާގެ ހަޔާތުގެ ފަހު ދުވަސްތައް ގުނާތީ ކަމާ ބެހޭ އިދާރާތަކުން ހޯދަން ޖެހުނީ ދަރިން ޒިންމާކުރުވޭނެ ގޮތެވެ. ކޯޓަށް މައްސަލަ ހުށަހެޅުމުން އޭނާ ބެލެހެއްޓުމާއި ހަރަދުކުރަން ހުރިހާ ދަރިންނަށް މަޖުބޫރުވާ ގޮތަށް ތާވަލެއް ހަދައި އަމުރުކުރި އެވެ. ފުލުހުންނަށް އެންގީ އެ މީހުން އެކަން ކުރޭތޯ ބެލުމަށެވެ. އެ ވަރުން ވެސް ބަލާނެ ދަރިއަކު ނުވެ އެކަނި އޮވެ ދިރިއުޅުން ނިމިދިޔައީ އެވެ.

ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!
ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!

ދެން، މި ހިތްދަތިކަން ހިތުއަޅަން ޖެހުނު އެހެން މީހެކެވެ!

ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!
ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!

އެޑްމިޓް ކުރުމުން އޭނާއަށް އެހީވާން ޖެހުނީ ނަރުހުންނަށެވެ. ދަރިންގެ ގެއިން ޖާގައެއް ނެތިގެން ހޮސްޕިޓަލަށް ދޫކޮށްލީ އެވެ. ނެޕީ ބަދަލުކޮށް, ކާންދީ, ހަމްދަރުދީގެ ބަހެއް ބުނެލައި އެކަނިވެރިކަން ފިލުވައިދިނީ މަރުވެގެން ދިއުމާ ހަމައަށް ވެސް އައިޖީއެމްއެޗުގެ ނަރުހުންނެވެ. ހައެއްކަ މަސް އެކަނިވެރިކަމާއި ހިތްދަތިކަމުގައި އޭނާ ހޭދަކުރި އެވެ.

ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!
ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!

ދެން އޮތީ، ހަޔާތުގެ ފަހު ދުވަސްތައް ދަރިންނާ އެކު ހޭދަކުރަން ބޭނުންވި ދެމަފިރިއެކެވެ.

ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!
ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!

ގޯތި ބަހާފައި ދެ ދަރިންނަށް ތަނަވަސްކަމާ އެކު ދިރިއުޅެވޭނެ ގޮތް ހޯދައިދިނެވެ. އެކަމަކު ކާއެތިކޮޅެއް ދިއްކޮށްލާނެ, ދުނިޔޭގައި ތިބިތޯ ބަލާނެ މީހަކު ނެތިގެން ޒިންމާ އުފުލީ ދައުލަތުންނެވެ. ކާން ލިބުނުތޯ ގައިން ތާހިރުވިތޯ ބަލައި ހެދީ ޖެންޑާ މިނިސްޓްރީގެ ކެއާ ވޯކަރުންނެވެ.

ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!
ދަރިން ބިޒީ: މައިންބަފައިން އެކަނިވެރިކަމާއި ވޭނުގައި!

ރާއްޖޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވިއިރު, ހުޅުމާލެ ފެސިލިޓީ ތެރޭގައި ހިތްފަޅައިގެންދާ ވަރުގެ އެތައް ހާދިސާއެއް ހިނގި އެވެ.

ކޮވިޑް ޖެހުމުން އެތަނަށް ދޫކޮށްލީ އެވެ. އޮކްސިޖަން ގުޅާފައި އޮންނަ ބައްޕަ ނުވަތަ މަންމަ ބެލުމަކީ ނަރުހުންނާއި ޑޮކްޓަރުންގެ ޒިންމާއެއްގެ ގޮތުގައި ދެކިގެންނެވެ. ކަމެއް ބޭނުންވެގެން ގުޅިޔަސް ގިނައީ ފޯނު ވެސް ނުނަގާ ފަހަރުތަކެވެ. ކާނެ އެއްޗެއް ސާފުތާހިރު ވާނެ ގޮތެއް ނެތި ބައެއް މީހުން މަރުވީ ވަރަށް ނިކަމެތި ހާލުގަ އެވެ.

މިއީ, އަޑުއަހަން އުނދަގޫ, ގަބޫލުކުރަން ދަތި މުޖުތަމައުގެ މިއަދުގެ ހަގީގަތުން ކުޑަ މިންވަރެކެވެ!

މުސްކުޅިވާ ދުވަހު ވަރަށް ނިކަމެތި ހާލުގައި ދިރިއުޅުން ވޭތުކުރަން ޖެހިއްޖެ އެވެ. އެކަނިވެރި ކަމުގަ އެވެ. ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އެންމެ ބޭނުންވި ދުވަހު ވަށާލާފައި ވަނީ ބިކަވެ ބާކީވެފައިވާ ކަމުގެ އިހްސާސްތަކެވެ.

އެކަމަކު މިއީ އެންމެން އުޅެން ޖެހިފައިވާ ހާލަތެއް ނޫން ކަން ވެސް ގަބޫލުކުރަން ޖެހެ އެވެ. ކިތަންމެ ދަތި ހާލުގައި ވެސް މައިންބަފައިންނަށް އަޅާލައި އިހްތިރާމާ އެކު ވަރަށް ރަނގަޅަށް ބަލަހައްޓާ ދަރިންނާއި އާއިލާތައް އެބަތިއްބެވެ. އެކަމަކު އުމުރުން ދުވަސްވީ މީހުންގެ ބޮޑު ޕަސެންޓެއް ތިބީ ހިތްދަތިކަމާއި މާޔޫސްކަމުގައި ކަމަށް ބުނެވޭނެ ވަރުގެ ގިނަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

އުމުރުން ދުވަސްވީ މީހުންގެ މައްސަލަތަކުގައި އުޅުއްވި ހިއުމަން ރައިޓްސް ކޮމިޝަނުގެ ކުރީގެ މެމްބަރަކު ވިދާޅުވީ ރަށްރަށުގައި އޭނާއެކު ހާލަތު ބެލި ޓީމުތަކުން ކަރުނަ އަޅައި ރުއި ކަމަށެވެ. މާޔޫސްކަމާއި އެކަނިވެރި ދިރިއުޅުމެއްގައި ހިތް ކުދިކުދިވެފައި ތިބި މީހުން ކިޔައިދިން ވާހަކަތަކުންނެވެ.

"ގަބޫލުކުރަން ދަތި މިންވަރަށް ވަރަށް ވަރަށް ހާލުގައި އުޅޭ މީހުން އެބަތިބި," އޭނާ ވިދާޅުވި އެވެ.

އުމުރުގެ ފަހު ދުވަސްތައް ބައެއް މީހުން ގުނަމުންދަނީ ހާލަތު ހުރި ގޮތުން މާލެ އަށް ބަދަލުވި ދަރިންގެ އިންތިޒާރުގަ އެވެ. އެއްވެސް ކަމެއް ނުކޮށްދިނަސް ބައެއް މީހުންގެ އޮތް އާދޭހަކީ ކުޑަމިނުން ދަރިންގެ ފޯނު ކޯލެކެވެ.

މާލޭގެ ކުދި ތަންކޮޅުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ދަރިންގެ ގެތަކުން މައިންބަފައިންނަށް ޖާގައެއް ނޯވެ އެވެ. އެކަން އެނގި ތިބެ ވެސް ދަރިން ދެކެ ވާ ލޯބިން ބައެއް މީހުން ރަށްރަށުގެ އަރާމު ދިރިއުޅުން ދޫކޮށްލަނީ އެވެ. ދަރިންގެ ގާތުގައި ތިބެން ބޭނުންވެގެން ދެމަފިރިންގެ އިނާޔަތުގެ 10,000ރ. ކުލިން ބައެއްގައި ހިފައި ސިޓިން ރޫމްގައި ދިރިއުޅުން ވޭތުކުރުމުގައި ވެސް ޝަކުވާއެއް ނެތި އެވެ.

ދިމާވާ ކަންކަމުގެ ވާހަކަތައް އަޑު ނޭހިއަސް ނުވަތަ ދޭ ނަސޭހަތަކީ މުސްކުޅިވުމުން ދައްކާ "އެއްވެސް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް" ގަބޫލުކުރިއަސް ހިތުގައި އެކަން ނުބާއްވަ އެވެ. ދަރިން ދެކެ ވާ ލޯތްބަތް ވެސް ބަދަލެއް ނާދެ އެވެ.

އެ އުމުރުގައި އޮންނަ ހިތްދަތިކަމަކީ ބަލިވިޔަސް ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާނެ ވަގުތެއް ވެސް ދަރިންނަށް ނުވުމެވެ. މަންމަ އާއި ބައްޕަ ބަލަން ޖެހޭނީ ކޮން ދަރިއެއްތޯ ސުވާލު އުފެދޭ ހިސާބަށް އާއިލާ ތެރޭގައި މަސްލަހަތު ގެއްލި އެކަކު އަނެކަކަށް ރުޅިވެރިކަން އޮތުމެވެ.

ބައެއް ހާލަތްތަކުގައި ނުބެލިގެން ނުވަތަ މައިންބަފައިންނާ އެކު ދިރިއުޅުން ވޭތުނުކުރަންވެގެން ދައުލަތުގެ ބެލުމުގެ ދަށުން ގުރައިދޫ މަރުކަޒަށް ގެންގޮސްދޭން އެދޭ ފަހަރުތައް މަދެއް ނޫނެވެ. ދަރިންގެ އަޑުއަހާލަން ބޭނުންވެފައި، ބަލާ އަންނާނެތޯ ސުވާލުކޮށް އެ އިންތިޒާރުގައި ތިއްބައި މަރުވެފައި ވެސް އެބަތިއްބެވެ.

އަނެއް ބަޔަކު މައިންބަފައިން ބަލަހައްޓަން ހަވާލުކުރަނީ ބިދޭސީންނާ އެވެ. ރަށްރަށުގައި ވެސް މިކަން އާއްމުވަމުން އަންނައިރު އެ މީހުންގެ ފަރާތުން އަނިޔާ ލިބިގެން ފެންމަތިވާ މައްސަލަތައް މަދެއް ނޫނެވެ.

ދަރިންނަށްޓަކައި ގުރުބާންވި މައިންބަފައިންނެވެ.

އެންމެ އަޅާލުމާއި އޯގާތެރިކަން ބޭނުންވި ދުވަހު ހައްގު މަގާމަކީ މީއީ ހެއްޔެވެ؟

"ދަރިން އުޅޭ ޔުނިފޯމް އަޅައިގެން ރަނގަޅު ވަޒީފާތަކުގައި. ތައުލީމީ ތަންދޮރު ދަންނަ މީހުން. ހިތްދަތިކަމަކީ އެފަދަ ބައެއް މީހުންގެ ހަމްދަރުދީއެއް ރަހުމެއް ކުލުނެއް މަންމަ އަށް ބައްޕަ އަށް ކާފަ އަށް މާމަ އަށް އޮތް ތަން ނުފެނުން," އެޗްއާރުސީއެމްގެ މެމްބަރު ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒްނާ ޝާކިރު ވިދާޅުވީ ދިރިއުޅުމުގެ ހާލަތު މުޖުތަމައުގައި ގަބޫލުކުރެވޭ ވަރަށް ވުރެން ދަށްކޮށް ހުރި އުމުރުން ދުވަސްވީ މީހުން އެބަތިބި ކަމަށެވެ.

އެ މީހުންނާ ގުޅޭ 62 މައްސަލަ 2020 ގައި ހުށަހަޅާފައިވެ އެވެ. ޖެހިގެން އައި އަހަރު 49 މައްސަލަ އެވެ.

"މީގެތެރޭގައި ގިނައީ އަޅާލާނެ ފަރާތެއް ނެތިގެން ހުށަހެޅިފައި ހުރި މައްސަލަތައް. ޖިސްމާނީ ނަފްސާނީ މައްސަލަތައް ދިމާވާކަން އަޅުގަނޑުމެންނަށް ކުރެވޭ އެޑްވޮކަސީ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިފައި އެބަހުރި," އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު އޭނާ ސިފަކުރެއްވީ ދެ ގޮތަކަށެވެ.

"ކިތަންމެ ދަތި ހާލުގައި އުޅެން ޖެހުނަސް ވަރަށް ރަނގަޅަށް އާއިލާތަކުން ބަލަހައްޓާ އުމުރުން ދުވަސްވީ އެބަތިބި. އެނދުމަތިވެފައި ތިބި މީހުންނަށް ހާއްސަ ޕްރޮގްރާމެއް ހިންގިއިރު އެކަން ފެނުނު. ދެން މިއޮތީ ބަލާނެ ފަރާތެއް ނެތިގެން މަރުކަޒުކުރަން އަންނަ ފަރާތްތައް."

ދިރިއުޅެން މަޖުބޫރުވި ގޮތުން ނުވަތަ ވިސްނުމެއް ނެތި ފަރުވާކުޑަކޮށްލެވިފައިވާ މުޖުތަމައުގެ މި ހާލަތު ބަދަލުކުރުމުގެ މަސައްކަތް ކުރުން މާ ލަސްވެއްޖެ އެވެ. ފަށަންވީ ގޭތެރެއިންނެވެ. ސްކޫލް މާހައުލުންނެވެ. ގާނޫނީ ނިޒާމްގެ ތެރޭގައި ބަދަލުތައް ގެނެސްގެންނެވެ.

މައިންބަފައިން ބެލެން ހުރެ، އަޅާނުލައި މަރުކަޒަށް ދޫކޮށްލާ މީހުން ގާނޫނީ ގޮތުން ޒިންމާއެއް ނުކުރެވެ އެވެ. އެކަމަކު އެ ބަދަލު އަންނަން ޖެހޭ ވަރުގެ މައްސަލަތައް އެބަ ހުށަހަޅަ އެވެ.

މުޖުތަމައުގައި ދިމާވަމުންދާ މައްސަލަތަކަށް ބަލައި މިހާތަނަށް މުޅި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ހާލަތު އެއްވެސް ވަރަކަށް އެނގޭނެ އެސެސްމެންޓެއް ނެތެވެ. މިނިސްޓްރީން އެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މި އަހަރުގެ މެދެއްހާ ތަނުގައި އެ ރިޕޯޓް ނިމޭނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ގާނޫނުއަސާސީން ރައްކާތެރިކަން ލިބިދިނަސް ހާއްސަ ގާނޫނެއް އުމުރުން ދުވަސްވީ މީހުންނަށް ނެތުމުން ގޮންޖެހުންތައް ދިމާވެ އެވެ. އެ ގާނޫނު ވެސް ޑަބްލިއުއެޗްއޯގެ އެހީއާ އެކު އަންނަނީ ވުޖޫދުކުރަމުންނެވެ.

އޭގެއިތުރުން ރަންވޭލާ ކެމްޕޭންގެ ނަމުގައި ރަށްރަށުގައި ކެމްޕޭނެއް ކުރިއަށް ގެންގޮސް ދޮށީ އުމުރަށް ތައްޔާރުވާން ހޭލުންތެރިކުރުވައި މައްސަލަތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެ އެވެ.

- އުމުރުން ދުވަސްވީ މީހުންގެ ދަފްތަރެއް އެކުލަވާލުން.

- ދަފްތަރު ކުރެވޭ މީހާއާ ޒިންމާވާނެ ފަރާތެއް ކަނޑައެޅުން.

- އުމުރުން ދުވަސްވީ މީހަކު އެކަހެރިކޮށްގެން ގެންގުޅެވޭނެ އަދި ނުގެންގުޅެވޭނީ ކޮން ހާލަތްތަކެއްގައިތޯ ކަނޑައަޅަން

- އުމުރުން ދުވަސްވީ މީހުންގެ ސިއްހަތާއި ހައްގުތައް ކަށަވަރުވޭތޯ ބެލުމުގެ ޒިންމާ ނަގާނެ ބަޔަކު ކަނޑައެޅުން

- ދަރިންނާއި ކާފަ/މާމަ ދަރިން ތިބެ މައިންބަފައިން ބެލުން ބިދޭސީއެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރެވިދާނެ ކަމެއްތޯ ގާނޫނީ ގޮތުން ކަނޑައެޅުން.

- އުމުރުން ދުވަސްވުމުން ދޭ 5،000ރ.ގެ އެލަވަންސް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަ އަށް ހައްލު ހޯދުން.

- ހިދުމަތްތައް ލުއި ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުން.

- އުމުރުން ދުވަސްވީ މީހުންގެ ހާލަތު ރަނގަޅު ކުރުމުގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ ދައުރު ފުޅާކުރުން.

މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަންގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ މައްސަލަތަކަށް އަޅާލާކަން ސިޔާސަތުތަކުން ފެންނަން އެބަޖެހެ އެވެ. ދައުލަތާއި މުޖުތަމައުން އޯގާތެރިވެ އުޅެވޭނެ ގޮތް ހޯދަން ޖެހެ އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ފެންނަ ހަގީގަތްތަކާ އެކު ހާލަތު ބަދަލުކުރަން ސަރުކާރުން ގޮތްތަކެއް ހޯދަން ޖެހެ އެވެ. އެއް ކަމަކަށް ކައުންސިލްތަކަށް ބާރުއެޅިދާނެ އެވެ. އަދި ކައުންސިލްތަކުން އިސްވެ މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

"ހާލަތުގެ ވާހަކަ ދައްކަން ފަށަން ޖެހިއްޖެ. ހައްލު ހޯދަން ވެއްޖެ. ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން ރަށްރަށުގައި ނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޒިންމާއެއްގެ ގޮތުގައި ގާނޫނީ ގޮތުން އޮތް އެކަމުގައި އިސްނެގިދާނެ ކަމަށް," އޭނާ ވިދާޅުވި އެވެ.

ފަޒްނާ ވިދާޅުވި ގޮތުގައި ގޭތެރެއިން އެ މީހުންނާ މެދު އަޅާލުމާއި އޯގާތެރިކަން އަދި މިހާރަށް ވުރެ ކަންކަމުގައި ބައިވެރިކުރުން އިތުރުކުރެވިއްޖެ ނަމަ އުފާވެރި ބަދަލެއް ފެނިދާނެ އެވެ. އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

މިހާރުގެ ހާލަތަކީ މައިންބަފައިންނަށް ހައްގު މަގާމެއް ނޫނެވެ! އެ މީހުން ބޭނުން ވަނީ އަޅާލުމާއި އޯގާތެރިކަމާއި އިހްތިރާމާއި ލޯތްބާއި ކުލުނުން ފުރިގެންވާ ގަދަރުވެރި ދިރިއުޅުމެކެވެ.