ސްރީލަންކަން އާއި މަންޓާ ގުޅިގެން ވައިގެ މަގުން ދެކުނު ގުޅާލަނީ
ސްރީލަންކަން އާއި މަންޓާ ގުޅިގެން ވައިގެ މަގުން ދެކުނު ގުޅާލަނީ

ސްރީ ލަންކަން އެއާލައިނުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރު ކުރާ މީހުން، މަންޓާ އެއާ މެދުވެރިކޮށް ދެކުނުގެ އެހެން ބައެއް މަންޒިލްތަކަށް ދަތުރުކުރެވޭ ގޮތް ހަދައިިފި އެވެ.

އަންނަ މާޗު މަހުގެ ފަހުކޮޅު ފަށަން ނިންމާފައިވާ ކަނެކްޓިވިޓީގެ ހިދުމަތާ އެކު ސްރީ ލަންކަން އިން ގަމަށް ދަތުރު ކުރާ މީހުންނަށް މަންޓާ އެއާ މެދުވެރިކޮށް ގއ. ކޫއްޑޫ އަށް ދަތުރު ކުރެވޭނެ އެވެ. މީގެ ސަބަބުން ދެކުނަށް ދާ ޓޫރިސްޓުންނާއި ދިވެހިންނަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް މަންޓާ އިން ބުނެ އެވެ.

މިކަން އިއުލާން ކުރައްވައި ސްރީ ލަންކަންގެ ރީޖަނަލް މެނޭޖަރު ޖަޔަންތާ އަބޭސިންހަ ވިދާޅުވީ މިއީ އެ އެއާލައިނުން ވަރަށް ގިނަ ފަހަރުމަތިން ކުރަން ބޭނުންވެ، ނުކުރެވި އޮތް ކަމެއް ކަމަށެވެ. އަދި މި ވަގުތު ހަފުތާއަކު ދެ ދަތުރު ކުރަން ނިންމާފައި އޮތް ނަމަވެސް އެ އަދަދު އިތުރު ކުރަން މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެހާސް ސާދާގައި ވެސް އަޅުގަނޑުމެން މަސައްކަތް ކުރިން މިގޮތަށް ދަތުރު ކުރެވޭތޯ. އަދި 2021 ގައި ވެސް މަސައްކަތް ކުރިން. އެކަމަކު އެކަށީގެންވާ ސަޕޯޓް ނުލިބުމުން އެކަން ކުރަން ދަތިވީ. މަންޓާއިން އަޅުގަނޑުމެންނާ ގުޅިގެން މި ކަނެކްޝަން ގުޅައިދޭތީ އަޅުގަނޑުމެންގެ އެއާލައިނުން ރާއްޖޭގެ ދެކުނަށް މި އަންނަ ޓޫރިސްޓުންނާއި ދިވެހިންނަށް ވެސް ވަރަށް ފަސޭހަވާނެ،" ޖަޔަންތާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ގަމަށް ދަތުރުކުރާ ސްރީ ލަންކަން އެއާލައިނުން ދަތުރު ކުރާ މީހުންނށް މަންޓާ އެއާ އިން ކޫއްޑޫގެ ކަނެކްޝަން ވަގުތުން ލިބޭނެ އެވެ. އަދި އެއާޕޯޓުގައި ފަސިންޖަރުން ހޭދަ ކުރަން ޖެހޭ ވަގުތު ކުޑަވާނެ އެވެ.

މަންޓާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ ގިނަ ޓޫރިސްޓުންނަށް ރާއްޖޭގެ ދެކުނަށް ދަތުރުކުރުމުގައި ދިމާވާ ދައްޗަކީ ކަނެކްޓިވީ ކަމަށެވެ. އެހެންވެ، މި ދަތުރުތައް ފެށުމާ އެކު ދެކުނުގެ ޓޫރިޒަމަށް ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެކުނުގައި ހިންގާ ގެސްޓްހައުސްތަކާއި ހޯމްސްޓޭ ފަދަ ތަންތަނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ކަނެކްޓިވިޓީ ނުލިބުން. އެކަމަކު މިހާރު އައްޑޫއިން ސީދާ ކަނެކްޓިވިޓީ ލިބޭނެ،" ޚަލީލް ވިދާޅުވި އެވެ.

ސްރީ ލަންކަން އިން ކޮލަމްބޯ އިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް އަންނަ މަހުގެ ފަހުކޮޅު ފެށި ނަމަވެސް މަންޓާ އިން ވަނީ މާދަމާ ގަމަށް ދަތުރުތައް ފަށަން ތައްޔާރުވެފަ އެވެ. އެ އެއާލައިނުން ކޮންމެ ދުވަހަކު ގަމަށް ދަތުރު ކުރާނެ އެވެ.