24 ފެބުރުއަރީ 2022 - 06:43

ކައިވެނި ކުރި ވައިންޔާޑް ވިއްކާލުމާ ގުޅިގެން ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީ ގޮވައިގެން އޭނާގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓް ކޯޓަށް ދާން ނިންމައިފި އެވެ.
އެންޖެލީނާ އާއި ބްރެޑް އަކީ ހޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޖޯޑުގެ ގޮތުގައި މީހުން ސިފަކުރި ދެމީހުންނެވެ. އެއާއެކު ދެމީހުންގެ ކައިވެނި ވެގެން ދިޔައީ ވެސް ވަރަށް ބޮޑު ކަމަކަށެވެ.
އެ ދެމީހުން ކައިވެނިކުރުމުގެ ކުރީން 2008 ވަނަ އަހަރުގައި ދެމީހުން އެކުގައި ވަނީ ދެކުނު ފްރާންސްގެ ސަރަހައްދެއް ކަމަށްވާ ޝަޓޫ މިރަވާލް އިން ވައިންޔާޑެއް ގަނެފަ އެވެ.
އެންޖެލީނާ އާއި ބްރެޑް 2016 ވަނަ އަހަރުގައި ވަރިވުމަށް ފަހު ދެމީހުން އަދިވެސް އަންނަނީ ކޯޓު ދަތުރުތައް ކުރަމުންނެވެ. ދެމީހުންގެ ހަ ދަރިންގެ ކަސްޓަޑީގެ މައްސަލަތަކުން ފެށިގެން އެކި ކަހަލަ މައްސަލަތަކާ ގުޅިގެން ކޯޓުގައި ގިނަ މައްސަލަތަކެއް ދަނީ ހިނގަމުންނެވެ.
ކެލިފޯނިއާ އަށް ބްރެޑް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ ވައިންޔާޑް އަކީ ދުވަހަކު ވެސް ވިއްކާ ނުލުމަށް ދެމީހުން އެއްބަސްވެފައިވާ ތަނެއް ކަމަށެވެ. އަދި ވިއްކާލާނަމަ އެކަކު އަނެކަކުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އެކަންތައް ކޮށްފައިވަނީ ބްރެޑްގެ ހުއްދައާ ނުލާ ކަމަށް އޭނާގެ މައްސަލައިގައި ބުނެފައިވެ އެވެ.
އެ ދެމީހުން އެ ވައިންޔާޑް ގަތީ 28 މިލިއަން ޑޮލަރަށެވެ. އަދި ބްރެޑް ހުށަހެޅި މައްސަލައިގައި ބުނާގޮތުން އެ ވައިންޔާޑު ގަތުމުގެ ހަރަދުގެ 60 ޕަސެންޓު ދެއްކީ އޭނާ އެވެ.