ރަޝިޔާގެ ގޭސްހޮޅިއަށް ހުއްދަދިނުން ޖަރުމަނުން މަޑުޖައްސާލައިފި
ރަޝިޔާގެ ގޭސްހޮޅިއަށް ހުއްދަދިނުން ޖަރުމަނުން މަޑުޖައްސާލައިފި

ރަޝިޔާ ސިފައިން ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށް އެރުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަމުރުކުރެއްވުމާ ގުޅިގެން، ރަޝިޔާގެ ގޭސްހޮޅިއަށް ހުއްދަ ދިނުން ޖަރުމަން ވިލާތުން މަޑުޖައްސާލައިފި އެވެ.

ރަޝިޔާ އިން ޖަރުމަން ވިލާތަށް އަޅާފައިވާ ގޭސްހޮޅީގެ ދެ ވަނަ ފިޔަވަހީގެ ހޮޅި، ނޯޑް ސްޓްރީމް 2 އަށް ހުއްދަ ދިނުން ޖަރުމަން ވިލާތުގެ މުސްތަޝާރު އޮލްފް ޝޯލްޒް މަޑު ޖައްސަވައިލެއްވީ، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުންނެވެ. މި ފިޔަވަޅުގެ ސަބަބުން ޖަރުމަނަށް ވެސް ގެއްލުންތަކެއް ލިބޭނެކަން ދެނެ ތިބެ ޖަރުމަނުން މި ފިޔަވަޅު އެޅީ، ޔޫކްރޭންގެ މިނިވަންކަމަށް ރަޝިޔާ އަރައިގަތުމާ ގުޅިގެން، ވިލާތުގެ ހުރިހާ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރަން ނިންމުމުންނެވެ.

ނޯޑް ސްޓްރީމް 2ގެ ގޭސް ހޮޅިއަކީ ރަޝިޔާގެ އުސްޓް-ލޫގާ އިން ޖަރުމަން ވިލާތުގެ ލުބްމިން އަށް، ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ގޭސް ހޮޅިއެކެވެ. މި ގޭސްހޮޅީގެ ޒަރީއާ އިން ޖަރުމަން ވިލާތަށް ރަޝިޔާގެ ތެޔޮ ވިއްކަނީ، ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނި ގެޒްޕްރޮމް އިންނެވެ.

ދިގުމިނުގައި 750 މޭލު ހުންނަ މި ގޭސް ހޮޅި ކަނޑު އަޑިން އަޅައި ނިމުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް، އެ ހޮޅީގެ ޒަރީއާ އިން ޖަރުމަން ވިލާތަށް ތެޔޮ އެތެރެ ކުރުމަށް، ޖަރުމަން ވިލާތުގައި ގޭހުގެ ވިޔަފާރި ހިންގުމަށް ހުއްދަ ދޭ ސަރުކާރުގެ އިދާރާ އިން މިހާތަނަށް ހުއްދައެއް ނުދެ އެވެ.

އެ ހުއްދަ ދިނުމުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް، ރަޝިޔާ ސިފައިން ޔޫކްރޭނަށް އެރުމާ ގުޅިގެން، އެ ހުއްދަ ދިނުން މަޑުޖައްސައިލީ އެމެރިކާ އިން އެކަމަށް ބާރު އެޅުމުގެ ސަބަބުންނެވެ. ރަޝިޔާ އިން ޖަރުމަން ވިލާތަށް އަޅާފައިވާ ގޭސް ހޮޅީގެ ފުރަތަމަ ފިޔަވަހީގެ ހޮޅި، ނޯޑް ސްޓްރީމް 1، ގެ ޒަރީއާއިން މިހާރު ވެސް ޖަރުމަން ވިލާތަށް ރަޝިޔާގެ ތެޔޮ ފޮނުވަ އެވެ.

ނަމަވެސް ރަޝިޔާގެ ގުދުރަތީ ގޭސް ޖަރުމަން ވިލާތަށް ފޮނުވަން ފެށޭނީ، ނޯޑް ސްޓްރީން 2 އަށް ޖަރުމަން ވިލާތުން ހުއްދަ ދިނުމުންނެވެ. ނޯޑް ސްޓްރީމް 2 ގެ މަސައްކަތް، 2015 ވަނަ އަހަރު އިއުލާންކުރުމާ އެކު، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ އިތުރުން ޔޫކްރޭނުން ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.

އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ބުނާ ގޮތުގައި، އެ ގޭސް ހޮޅީގެ ސަބަބުން ޔޫރަޕްގައި ރަޝިޔާގެ ނުފޫޒު ބޮޑުވާނެ އެވެ. ނަމަވެސް ޖަރުމަން ވިލާތަށް ހެޔޮ އަގުގައި ގޭސް ލިބުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ނޯޑް ސްޓްރީމް 2 އިން އަހަރެއްގެ ތެރޭގައި 55 ބިލިއަން ކޮޑި މީޓަރުގެ ގޭސް ރަޝިޔާ އިން ޖަރުމަން ވިލާތަށް ފޮނުވޭނެ އެވެ. އެއީ ޖަރުމަން ވިލާތުގައި އަހަރެއްގެ ތެރޭގައި ބޭނުންކުރާ ގޭހުގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނަ މިންވަރެކެވެ. އަދި މިހާރު ރަޝިޔާ ސަރުކާރުގެ ގޭސް ކުންފުނިން ގޭސް ވިއްކާ އަގަށް ބަލާއިރު، 15 ބިލިއަން ޑޮލަރުގެ އަގު ބޮޑު ވިޔަފާރިއެކެވެ.