5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!
5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!

އުމުރުން ދުވަސްވީ މީހުންނަށް 5،000ރ.ގެ އިނާޔަތެއް ދެނީ ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމަކަށް ފަހިކޮށްދިނުމަށެވެ. އެކަމަކު 65 އަހަރު ފުރުމާ އެކު ދައުލަތުން ދޭން ފަށާ އިނާޔަތުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި އޭގެ ހައްގުވެރިންނަށް ކުރޭ ހެއްޔެވެ؟

5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!
5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!

މީގެ 13 އަހަރުކުރިން ވުޖޫދުވި ޕެންޝަން ގާނޫނުގެ ދަށުން ދުވަސްވީ މީހުންނަށް އެލަވަންސް ދޭން ފެށީ 2010 ގަ އެވެ. ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހާ ހަމައަށް 17،676 މީހުންނަށް އިނާޔަތް ލިބެ އެވެ. މިއީ އަހަރެއްގެ މައްޗަށް 88 މިލިއަން ރުފިޔާ އެވެ. އަދި އަހަރެއް މައްޗަށް ބަލާ ނަމަ، ބިލިއަނެއްހާ ރުފިޔާ އެވެ.

5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!
5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!

މި އިނާޔަތް ކިތަންމެ ރަނގަޅު މަގްސަދެއްގައި ދޭން ފެށި ނަމަވެސް އަޑުއިވެމުންދަނީ ކަންބޮޑުވާން ޖެހޭ ފަދަ ވާހަކަތަކެކެވެ. އިނާޔަތް ލިބެން ފަށައިފި ކަން އެނގުނަސް ލޮލުން ނުދެކޭ މީހުން އެބަތިއްބެވެ. އަތަށް އެ ފައިސާ ނާރާއިރު ހޭދަވާ ގޮތެއް ނޭނގޭ މީހުން އެބަތިއްބެވެ. ބަލިވެގެން ބޭސްފަރުވާ ކުރަން ޖެހިގެން އިނާޔަތް ކޮބައިތޯ ބަލާއިރު ވީ ގޮތެއް ނޭނގިފައި ވެސް އެބަހުއްޓެވެ.

5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!
5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!

އެ ފައިސާކޮޅަށްޓަކައި މައިންބަފައިން ބެލުމާއި އެ އިނާޔަތް ނަގާ ދަރިފުޅު ނޫން މީހަކު މައިންބަފައިން ބަލަން ނުޖެހޭ ކަމަށް ބުނެ ބައެއް އާއިލާތަކުގެ މެދުގައި މަސްލަހަތު ގެއްލޭ ހިސާބަށް ކަންކަން ގޮސްފައި ހުރި ކަމުގެ މައްސަލަތައް ފެންމަތިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިފަދަ ބައެއް ޝަކުވާ ލިބިފައިވެ އެވެ.

5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!
5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!

އެލަވަންސް ބޭނުންކުރެވެނީ އެންމެ ހިތްހަމަޖެހޭ ގޮތަށްތޯ "މިހާރު"ން ސުވާލުކުރި އުމުރުން ދުވަސްވީ ބައެއް މީހުންގެ ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުންތަކެވެ. އެ ފައިސާ ހޭދަވަނީ ގިނަ ބަޔަކު އެންމެ އެދޭގޮތަކަށް ނޫނެވެ.

5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!
5،000ރ.ގެ އިނާޔަތް ލިބޭ، އެކަމަކު އެ ލޮލުން ނުދެކޭ މީހުން ވެސް އެބަތިބި!

މާލޭގައި ދިރިއުޅެމުން އަންނަ މީހަކު ބުނީ، އޭނާގެ ކޭޝް ކާޑު އޮންނަނީ ދަރިއެއްގެ އަތުގައި ކަމަށާއި އިނާޔަތަށް ހަދާ ގޮތެއް އޭނާއަކަށް ނޭނގެ ކަމަށެވެ. ލޮލަށް އެންމެ ރުފިޔާއެއް ވެސް ނުފެންނަ އިރު، ބޭނުންކުރަނީ އޭނާގެ ގާތުގައި އަހާފައި ބުނާ ގޮތަކަށް ވެސް ނޫން ކަމަށެވެ.

"އެ ފައިސާއެއް އަތަކަށް ނުލިބޭ. ބޮޑަށް ހީވަނީ އެ ކުދިން އެ ބޭނުންކުރަނީ ގޭގެ ކަންކަމަށް ހެން،" އޭނާ ބުންޏެވެ.

އުމުރުން 68 އަހަރުގެ ފިރިހެނަކު ބުނި ގޮތުގައި އޭނާގެ އަތުގައި ކޭޝް ކާޑު އޮތަސް އޭނާގެ އަމިއްލަ ބޭނުންތަކަށް ފައިސާ ހަރަދުކުރެވެނީ މަދު ފަހަރެއްގަ އެވެ. ދެތިން މަހުގެ ފައިސާ ނުނަގައި ރައްކާވެފައި ހުއްޓަސް ދަރިންނަށް ކަމެއް ޖެހޭއިރަށް ބޮޑެތި އަދަދުތަކުން ނަގާ ކަމަށް އޭނާ ބުންޏެވެ. އެކަމުގައި އޭނާގެ ހިތްބުރަ ކަމެއް ވެސް ނެތެވެ.

އެކަމަކު ދަރިން އޭނާއަށް ހަރަދުނުކުރާ ތަނުގައި، ބަލިވެ ކަމެއް ޖެހުނަސް ބޭނުންކުރަން އޭނާގެ އަތުގައި އޮންނަ ފައިސާކޮޅު އަތުލުމުން ދެރަވާ ކަމަށް ބުންޏެވެ.

"އެ މީހުންނަށް މުސާރަ ލިބުނީމަ، ނަގާ ލާރިކޮޅު ދިނީމަ ދޯ ދެން ކަމަކު ޖެހޭއިރު ވެސް ދޭން އޮންނާނީ. ބޮޑު ބައްޔެއް ވިޔަސް މިހާރު މިވާ ގޮތުން ހަރަދުކުރާކަށް ފައިސާއެއް ނޯންނާނެތާ. ބުނަން ވެސް ބުނަން ބައެއް ފަހަރު. އެކަމަކު އެހެން ބުނެފިއްޔާ ވެސް ހީކުރަނީ ނުދޭންވެގެން އުޅެނީއޭ،" އޭނާ ކިޔައިދިނެވެ.

ރަށެއްގައި ދިރިއުޅުން ހޭދަކުރާ މީހަކު ބުނީ "5،000 ރުފިޔާ ކާލަނީ ދަރިން" ކަމަށެވެ. އެގޮތަށް ނެގިއަސް ކޮންމެވެސް ވަރެއް ބަހައްޓާނެ ކަމަށް އޭނާ ހުރީ ހީކޮށްގެންނެވެ.

"އަހަންނަށް ދެން އަހާނުލެވޭ ކޮބާތޯ ފައިސާ. އަހަންނަކަށް ފައިސާ ހުރީ ކިހާ ވަރެއްތޯ ބަލާކަށް ވެސް އެނގެނީއެއް ނޫން. ދަރިން ބުނާ އެއްޗެއް ގަބޫލުކޮށްލައިގެން ހުންނަންތާ ޖެހޭނީ،" އޭނާ ބުންޏެވެ.

އެކަމަކު އެކައުންޓުގައި އެންމެ ރުފިޔާއެއް ވެސް އޭނާ ބޭނުންކުރަން ނެތް ކަން އެނގުނީ ބޮޑު ބައްޔެއްގައި ހޭދަތަކެއް ކުރަން ޖެހުމުންނެވެ.

"މިކޮޅުން [ރަށުން] ބެލި ޑޮކްޓަރު ބުނީ މާލެއަށޭ ދާން ޖެހޭނީ. ދެން މާލެ ދާންވެގެން ފައިސާ އެބަހުރިހޭ އެހީމަ މި އެނގުނީ މި ފައިސާ ވެސް އެއްކޮށް ބޭނުންކުރަނީކަން މި ކުދިން. އެޔަކު ނެތް އެކައްޗެއް ވެސް. ހަމަ އެކީ ކާލާފައި. ދެން ވަކި ކީއްކުރާނީ. ބަލަން ތިބި ދަރިން ވީމަ ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެއެއްނު،" އޭނާ ބުންޏެވެ.

ދުވަސްވީ މީހުންނަށް ލިބޭ ފައިސާ، އެ މީހުންގެ ދަރިން ނޫނީ އެ މީހުން ބަލާ މީހުންގެ ބޭނުންތަކަށް އެއްކޮށް ބޭނުންކުރަމާއި ކޭޝް ކާޑު އަތުލައިގެން މައިންބަފައިންނަށް ނޭނގި ފައިސާކޮޅު އެކީ "ތަޅާ ބުރުވާލަމުން" އައި ނަމަވެސް މި ފަދަ މައްސަލަތައް ޕެންޝަން އޮފީހަށް ރިޕޯޓްކުރެވޭ ވަރު ވަރަށް މަދެވެ.

ޕެންޝަން އޮފީހުން ބުނީ، ދުވަސްވީ މީހުންނަށް ލިބޭ ފައިސާ އެ މީހުން ނޫން ބަޔަކު ބޭނުންކޮށްގެން މިދިޔަ ފަސް އަހަރުގެ ތެރޭގައި ރިޕޯޓްކޮށްފައި ވަނީ އެންމެ ދެ މައްސަލަ ކަމަށެވެ.

އެކަމަކު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިދިޔަ އަހަރު އާންމުކުރި ހިއުމަން ރައިޓްސް ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި އުމުރުން ދުވަސްވެފައިވާ މީހުން ގިނައިން ތަހައްމަލުކުރަން ޖެހެނީ މާލީ ގޮތުން ކުރާ ދަތިކުރުމާއި އެ މީހުންނަށް ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާ އާއިލާގެ އެހެން މީހުން ކޮންޓްރޯލް ކުރާ މައްސަލަތަކެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން ޒިޔާދު "މިހާރު" އަށް ވިދާޅުވީ މަޖިލީހުގެ މަސައްކަތުގެ ތެރޭގައި، ދުވަސްވީ މީހުންގެ ފައިސާއާ ގުޅޭ ޝަކުވާ އައިސްގެން ލިބުނު މައުލޫމާތުން އެނގުނީ ގިނަ ބަޔަކު އެ ފައިސާ އަށް ވާ ގޮތެއް ނުބަލާ ކަމަށެވެ. ދަރިންނަށް އިތުބާރުކޮށް ހަވާލުކޮށްފައި ހުންނަނީ ކަމަށެވެ. އެކަމަކު ބައެއް ފަހަރަށް ބޮޑެތި ލަނޑުތައް ލިބިފައިވާ ކަމަށް އަޑުއިވިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވަނީ ކޮންމެ މަހަކު ޖަމާވާ ފައިސާ ރައްކާކޮށްގެން ހައްޖަށް ދިއުމުގެ އުއްމީދުގައި ތިބި މީހުންނަށް އެފަދަ ކަންކަން ހާސިލްނުވެ އިތުރު ހިތްދަތިކަމެއް ކުރިމަތިވާ ވާހަކަ އެވެ.

ޕެންޝަންގެ ފައިސާ ލިބުނަސް އޭގެ ތެރެއިން ގިނަ މީހުންނަށް ހިތްހަމަޖެހުމެއް ނުލިބެނީ މިފަދަ ކަންކަމާ ހެދި އެވެ. ގައިބާރު ދެރަވެ އެނދުމަތިވާ ދުވަހު ރަނގަޅު ފައިދާ ހުރި ކާނާ ކާން ނުލިބުމާއި ހަމަޖެހިލައިގެން އަމިއްލަ ހަރަދުތައް ހިފަހައްޓާލުމުގެ އުފާވެރިކަން ވެސް ނުލިބެނީ އެވެ.

"އެލަވަންސްގެ މަގްސަދު އެންމެ ފައިދާ ހުރި ގޮތުގައި ހާސިލެއް ނުވޭ. އެއީ، މައިންބަފައިން ބަލަންދޭ ފައިސާއެއް ނޫން. މިހާރު ބައެއް ކުދިން ދެކެނީ އެ ފައިސާއަކީ މައިންބަފައިން ބަލަންދޭ އެއްޗެއްގެ ގޮތުގައި. ހަގީގަތަކީ އެ ލާރި ނުލިބުނަސް އެ މީހަކު އެމީހެއްގެ މައިންބަފައިން ބަލަން ޖެހޭކަން،" އޭނާ ވިދާޅުވި އެވެ.

އެލަވަންސް މިގޮތުގައި ހޭދަވާ މައްސަލަތައް ފެންމަތިވިޔަސް ވަރަށް ރަނގަޅަށް އެ ފައިސާ ބަލަހައްޓާ ދަރިން ވެސް ތިބިކަން ޒިޔާދު ފާހަގަކުރެއްވި އެވެ. މަންމަ ނުވަތަ ބައްޕަ އަށް ލިބޭ ފައިސާ ކޮޅުގައި އެއްވެސް ވަރަކަށް ނުޖެހި އެ ފައިސާ ސޮދަގާތްކުރުން ފަދަ ހެޔޮކަންކަމަށް ހޭދަކުރަން ބާރުއަޅާ ދަރިން ވެސް ތިބޭކަން ދިމާވި ބައެއް މީހުންގެ ފަރާތުން ފެނިފައި ހުރި ކަމަށް ވިދާޅުވި އެވެ.

ޕެންޝަން އޮފީހުން ދުވަސްވީ މީހުންނަށް ފައިސާ ޖަމާކުރަނީ އެމީހުންގެ އަމިއްލަ ނަމުގައި ހަދާފައިވާ އެކައުންޓަކަށެވެ. ޖޮއިންޓް އެކައުންޓަކަށް ފައިސާ ޖަމާކުރިޔަސް އޭގެ ތެރޭގައި އެ ފައިސާ ހައްގު މީހާ ހިމެނެން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި ފެންމަތިވަމުންދާ މައްސަލަތަކަށް ބަލާއިރު އެ ފައިސާ ބޭނުންކުރަނީ ކޮން ބައެއްކަން އެނގެން ޖެހެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރަރު، ޖީހާން މަހްމޫދު، "މިހާރު" އަށް ވިދާޅުވީ ދުވަސްވީ މީހުންނަށް ލިބޭ އެލަވަންސް ބޭނުންކުރަނީ ނިޒާމުގެ ތެރެއިންތޯ ބަލަން ޖެހެނީ އެ ފައިސާއާ ގުޅިގެން އަޑުއަހަން ދަތި ވާހަކަތައް ވެސް އިވޭތީ ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ ކަންބޮޑުވުމަކަށް ވެސް ވީ އުމުރުން ދުވަސްވީ މީހުންނަށް ދެ އިނާޔަތް އެހެން މީހުން ބޭނުންކުރާ މައްސަލަތަކެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުވަސްވީ މީހުންގެ ބޭސް ފަރުވާ އާއި އިތުރު ކަންކަމަށް ސަރުކާރުން ދޭ ފައިސާއަށް ހިޔާނަތްތެރިނުވާނެ ގޮތެއް ހޯދަން ޖެހެ އެވެ.

"މިއީ ހުރިހާ އާއިލާތަކުގެ ހަގީގަތަކަށް ނުވިޔަސް ގާނޫނެއް ހަދާއިރު ބަލަން ޖެހޭ އެބަ މި ފައިސާ ބޭނުންކުރަނީ ކިހިނެއްތޯ، ކޮން ބައެއްތޯ. އެހެން ނޫނީ މި ސްކީމުގެ މަންފާއެއް ނުކުރާނެ،" ޖީހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުވަސްވީ މީހުންނާ މެދު ސިޔާސަތުތައް އޯގާތެރިކޮށް ބައްޓަންކުރެވިގެން ނޫން ގޮތަކަށް މުޖުތަމައުގެ ތެރެއިން އެ އޯގާތެރިކަމެއް ނުފެންނާނެ ކަމަށެވެ. ކޮމިޓީގެ މަސައްކަތް ބައްޓަންކުރާނީ އެ މައްސަލަތަކަށް ހައްލު ހޯދައި ގާނޫނީ ނިޒާމުގެ ތެރެއިން ހިމަޔަތާއި ރައްކާތެރިކަން އަދި އަޅާލުމާއި އޯގާތެރިކަން މިހާރަށް ވުރެން ބޮޑަށް ލިބޭނެ ގޮތަކަށް ގާނޫނު ވުޖޫދަށް ގެނެވޭތޯ ކަމަށް ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ލިބެންޖެހޭ ހުރިހާ އެހީތެރިކަމެއް އިސްރަށްވެހިންގެ ގާނޫނުގައި ހިމެނުމާ އެކު އިޖުތިމާއީ ރައްކާތެރިކަމުގެ އެކި ސްކީމްތަކުގައި އެ މީހުން ބައިވެރިކުރެވިއްޖެ ނަމަ، މިހާރު ދިމާވާ ގިނަ މައްސަލަަތަކަކަށް ހައްލެއް ހޯދޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެކަމަކު ގާނޫނެއްގެ ކުރިން ވެސް އާއިލާތަކުގެ ހިތް އުމުރުން ދުވަސްވީ މީހުންނަށް ހުޅުވާލަން ޖެހެ އެވެ. ދައުލަތުން އެ މީހުންނަށް ފޯރުކޮށްދޭ އެހީ، އެ މީހުންގެ ރުހުމެއް ނެތި ބޭނުންކުރުން ހުއްޓާލަން ޖެހެ އެވެ. އެ މީހުންގެ ހައްގެއް ބޭނުންކުރުމުގައި ބައިވެރިވުން އޮންނަން ޖެހެ އެވެ.