23 ފެބުރުއަރީ 2022 - 12:32

ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިފައިވާ ވެސްޓަން އޭޝިއާގެ ޖޫނިއާ ޗެސް މުބާރާތް އއ. އުކުޅަހުގައި ބޭއްވުމަށް ނިންމައިފި އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ، އެ މުބާރާތް އުކުޅަހުގައި ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަންނަ ޖުލައި 15-20 އަށް ބާއްވާ މުބާރާތުގައި 26 ގައުމުން ވާދަކުރާނެ އެވެ. މުބާރާތް ކުރިއަށްދާނީ އުކުޅަހުގެ ކޮންވެންޝަން ސެންޓަރުގަ އެވެ.
ޝައުކަތު ވިދާޅުވީ ގާތްގަނޑަކަށް 300 އެއްހާ ކުދިން މުބާރާތުގައި ބައިވެރިވާނެ ކަމަށެވެ. އަދި ޖޫނިއާ ކުދިންގެ ބެލެނިވެރިން ވެސް ޒިޔާރަތް ކުރާނެތީ ގާތްގަނޑަކަށް 700 މީހުންނަށް އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެ ކަމަށް އޭނާ ލަފާ ކުރައްވަ އެވެ.
"އެ ހުރިހާ އެންމެންގެ ކޭޓަރިންގެ ކަންކަން ހަމަޖެއްސުމަށާއި އެކޮމެޑޭޝަން ހަމަޖެއްސުމާ ބެހޭގޮތުން އަޅުގަނޑުމެން މިހާރު މިދަނީ މިރަށުގެ ގެސްޓް ހައުސް އެސޯސިއޭޝަނާ ވާހަކަ ދައްކަމުން،" ޝައުކަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗެސް އެސޯސިއޭޝަނާ ވާހަކަ ދައްކައިގެން އިވެންޓް އިންތިޒާމް ކުރުމަށް ވެސް ހާއްސަ ފަރާތެއް ހަމަޖެއްސުމަށް ވެސް މަސައްކަތް ކުރާނެ އެވެ.
"އެކަން އަޅުގަނޑުމެން ކުރާނީ ޗެސް އެސޯސިއޭޝަނުން ވެސް ބޭނުންވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހަރަކާތަކީ މުޅި އުކުޅަހުގެ ކޮމިޔުނިޓީ ޝާމިލުވާނެ ހަރަކާތެއް ކަމަށެވެ. އެ ފުރުސަތު އުކުޅަހަށް ދިނުމުން އޭނާ ވަނީ މިނިސްޓަރު އަހުމަދު މަހްލޫފާއި ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން އަށް ޝުކުރު އަދާކުރައްވައިފަ އެވެ.