މޭޔަރުގެ އަމާޒަކީ ރޯދަމަސް ފެށެންވާއިރަށް ޕެލެޓްތައް ނެގުން
މޭޔަރުގެ އަމާޒަކީ ރޯދަމަސް ފެށެންވާއިރަށް ޕެލެޓްތައް ނެގުން

ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ހުރި ޕެލެޓުތައް ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ނަގަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މޭޔަރުގެ އަމާޒަކީ ރޯދަމަސް ފެށެންވާއިރަށް ޕެލެޓްތައް ނެގުން
މޭޔަރުގެ އަމާޒަކީ ރޯދަމަސް ފެށެންވާއިރަށް ޕެލެޓްތައް ނެގުން

ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތައް ތަރުތީބުކުރަން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިދިޔަ ނޮވެމްބަރު ދެ ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވެސް ކައުންސިލުން ވަނީ ޕާކިން ޒޯންތަކުގައި ޕެލެޓުތައް ބަހައްޓާފައި ހުންނަ މައްސަލަ ހައްލުކުރަން ނިންމައިފަ އެވެ.

މޭޔަރުގެ އަމާޒަކީ ރޯދަމަސް ފެށެންވާއިރަށް ޕެލެޓްތައް ނެގުން
މޭޔަރުގެ އަމާޒަކީ ރޯދަމަސް ފެށެންވާއިރަށް ޕެލެޓްތައް ނެގުން

އެކަމަކު، މަގުމަތީގެ ތަރުތީބު ގެއްލިގެންދާތީ އަދި ރޯދަ މަސް ކައިރިވަމުން ދާތީ މޭޔަރު ވަނީ ކައުންސިލްގެ މުނިސިޕަލް ކޮމިޓީން މަޝްވަރާކުރުމަށް ފަހު، ޕެލެޓްތައް ނެގުމުގެ ކަންކަން އަންނަ ހަފުތާގައި އިއުލާނުކުރެވޭނެ ގޮތެއް ރާވައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ މީހުން ބޭނުންވާ ގޮތެއް ޕެލެޓްތަކުގެ މައްސަލާގައި ހުށަހެޅުމަށް ދެ ހަފުތާގެ މުއްދަތެއް ދިނުން ރަނގަޅު ކަމަށެވެ.

އެހެން އުޅަނދުތައް ޕާކް ނުކުރެވޭ ގޮތަށް ގަރާޖާއި ފިހާރަތަކުގެ ދޮރުމަތީގައި ޕެލެޓުތައް ބަހައްޓައި ބަންދުކޮށްފައި ހުންނަ މައްސަލަ އަބަދު ވެސް ވަރަށް ބޮޑެވެ. އެކަން ހައްލުކުރަން ސިޓީ ކައުންސިލުން މީގެ ކުރިން އެ ޕެލެޓުތައް ނަގައި މަގުތައް ހުޅުވައިލި އެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ، އަނެއްކާ ވެސް ޕެލެޓުތައް ބަހައްޓަ އެވެ. ކުރީގެ މޭޔަރު ޝިފާ މުހައްމަދު މަގާމުގައި ހުންނެވި ދުވަސްވަރު ޕެލެޓް ނެގުމުގެ ކަންކަން ދޭތެރެދޭތެރެއިން ސިޓީ ކައުންސިލުން ކުރެ އެވެ.

މިހާރުގެ މޭޔަރު މުއިއްޒު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވީ، ބައެއް ސަރަހައްދުތަކުގައި ޕާކްކޮށްފި ނަމަ ގަރާޖަށް ވެހިކަލް ވައްދަން ނުވަތަ ވިޔަފާރިއަށް ވަދެ ނުކުމެ އުޅެން ދަތިވާ ކަމަށެވެ. އެ ކަހަލަ ބައިވަރު ގޮންޖެހުންތައް އެ މީހުންނަށް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އަނެއް ކޮޅުން، ޕެލެޓު ބަހައްޓައި ބަންދުކޮށްގެން ހިންގާ ބައެއް ތަންތަނަކީ ގަވައިދާ އެއްގޮތަށް ހުރި ތަންތަނަށް ނުވެދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭރުން ގަވައިދުގެ ތެރެއަށް ވަނުމާ އެކު، ޕެލެޓު ބެހެއްޓުމުގެ ބަދަލުގައި އެ ފަރާތްތަކުން އެދޭ ގޮތް ރަސްމީކޮށް ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހުއްދަ ނަގައިގެން ގަރާޖު ނުވަތަ ފިހާރަ ހިންގާ ނަމަ ރަސްމީކޮށް އިއުލާނު ކޮށްގެން ދޭނެ ފުރުސަތަކީ، މޭޔަރު ވިދާޅުވި ގޮތުގައި، ދޮރު ކުރިމަތީގައި ޕާކްނުކުރެވޭ ގޮތަށް ރޮނގު ދަމައިދިނުން އަދި ގަރާޖެއް ނަމަ މުދާ އަރުވައި ބާލާ ތަނެއްކަން އަންގައިދޭ ޒޯނެއް ހަދައިދިނުމެވެ.

"އެކަހަލަ ފުރުސަތުތަކެއް ދީފިއްޔާ އަޅުގަނޑުމެންނަށް ވެސް އެކަން ކުރެވޭނެ ގޮތް ހަމަޖައްސައިދެވި، ޕެލެޓުތަކާއި މި ފަދަ އެއްޗެހި މަގުމަތިން ނެގިގެން ދާނީ. އަދި ގަވާއިދާ ހިލާފަށް ހިންގާ ތަންތަން ވެސް އޭރުން ފާހަގަ ވެގެން ދާނީ،" މޭޔަރު ވިދާޅުވި އެވެ.

"ގަވައިދާ ހިލާފަށް ހިންގާ ތަންތަން ކޮންމެ ގޮތެއް ވިޔަސް އެގޮތަކަށް އަޅުގަނޑުމެންނަކަށް ރޮނގު ދަމައިދީ ބަންދެއް ނުކޮށްދެވޭނެ. އެ ތަންތަން ޖެހޭނީ ގަވައިދުގެ ތެރެއަށް ވަންނަން. އެ ތަންތަނުގެ ކުރީމަތީގައި ޕެލެޓު ބަހައްޓާނެ ފުރުސަތެއް ވެސް ނުދެވޭނެ އަދި އެ ތަންތަން ޖެހޭނީ އޮންނަ އުސޫލުން ޕާކްކުރަން ފުރުސަތުދޭން."

އޭނާ ވިދާޅުވީ ހުއްދަ އޮތް ތަންތަނަށް އެ ފުރުސަތު ދީފި ނަމަ މާލެ ތެރެއިން ޕެލެޓުތައް ނެގޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"އަމާޒަކީ ރޯދަ މަސް ފެށެންވާއިރަށް މާލެތެރެއިން ޕެލެޓުތައް ނެގުން،" މޭޔަރު ވިދާޅުވި އެވެ.

މުދާ އަރުވައި ބާލައި ޒޯނެއް ހެދުމަށް ފަހު، ކައުންސިލަށް އާމްދަނީ ލިބޭ ގޮތަށް ހެދުމަކީ ވެސް ރަނގަޅު ކަމަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، މާލެތެރޭގައި ޕެލެޓުތައް ހުރެގެން ނުވާނެ ކަމަށާއި މިހާރު ހުރި ޕެލެޓުތައް ބެހެއްޓުން ހަމައަކަށް އަޅުވަންޖެހޭ ކަމަށެވެ.