ކޯލާއި މެސެޖްތައް ބެލުމުގެ ކުރިން އެ މީހާގެ ރުހުން އޮތްތޯ ބެލުން މުހިންމު: ހައި ކޯޓް
ކޯލާއި މެސެޖްތައް ބެލުމުގެ ކުރިން އެ މީހާގެ ރުހުން އޮތްތޯ ބެލުން މުހިންމު: ހައި ކޯޓް

މީހުން ފޯން ކޯލްތަކާއި ޒާތީ މައުލޫމާތުތައް ބެލުމުގެ ކޯޓު އަމުރުތައް ހޯދުމުގެ ކުރިން އެ މީހުން ރުހުން އެކަމަށް އޮތްތޯ ބަލަންޖެހޭ ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

ސޯޝަލް މީޑިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ތާއީދުކޮށް، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދޭ ކަމަށް ތުހުމަތުވާ މީހެއްގެ ހުރިހާ ފޯން ކޯލްތަކާއި މެސެޖްތަކާއި ސެލް ޓަވަރުތަކުގެ ތަފްސީލުތައް ކޮމިއުނިކޭޝަންސް އޮތޯރިޓީ (ކޭމް) މެދުވެރިކޮށް ހޯދުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި މި މަހު ފުލުހުން އެދުމުން އެ ކޯޓުން އެކަމަށް ދެކޮޅު ހެދި އެވެ.

އެ އަމުރު އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ގާނޫނު އޮންނަ ގޮތުން ކޭމްގައި ހުންނަ މީހުން ޒާތީ މުއާމަލާތްތައް ބެލުމުގެ ކޯޓު އަމުރަކަށް އެދުމުގެ ކުރިން އެ މީހަކު އެކަމަށް ރުހުންދީފި ނަމަ، ކޯޓު އަމުރަކާ ނުލައި އެ މައުލޫމާތު ކޭމް އަށް ދޫކުރެވިދާނެ ކަމަށެވެ. އެހެންވެ، އެފަދަ އަމުރަކަށް އެދުމުގެ ކުރިން އެ މީހާ ރުހުން އެކަމަށް އޮތްތޯ ނުބަލަންވީ ސަބަބެއް ނެތް ކަމަށާއި އަދި އެއީ ގާނޫނު އަސާސީން ލިބިދޭ ޒާތީ މުއާމަލާތްތައް ރައްކާތެރިވުމުގެ ހައްގުގެ ބޭނުމަށް މުހިންމު ކަމެއް ކަމަށް އެ ހުކުމުގައި ވެ އެވެ.

"މައުލޫމާތެއް ހޯދައި، ލިބިގަތުމުގެ ކުރިން އެ ތަކެތީގެ ވެރިފަރާތުގެ ރުހުން އޮތްތޯ ނުބަލަންވީ ސަބަބެއް އޮތް ކަމަށް ނުދެކެމެވެ. ސަބަބަކީ މައުލޫމާތެއް ދޫކުރުމުގެ ހުއްދަ އޭގެ ވެރިފަރާތުން ލިޔުމުން ދީފައިވާ މައުލޫމާތުތަކަކީ ކޭމްއަށް ދޫކުރެވޭނެ މައުލޫމާތު." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެހެން ނަމަވެސް، ޒާތީ މުއާމަލާތްތައް ހޯދަން ދުރާލާ އުޅޭކަން އެނގިއްޖެ ނަމަ، އޭގެ މަގްސަދު ގެއްލިދާނެ ކަމަށް ބެލެވޭ ނަމަ އެ މީހާގެ ރުހުން އޮތްތޯ ބެލުމެއް ނެތި ކޯޓު އަމުރަށް އެދެވޭނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އެކަމަކު އެ މައްސަލާގައި އެފަދަ ކަންތައްތަކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

"އެންމެހައި ފޯން ކޯލްތަކާއި އެންމެހައި ކޯލްތަކުގެ ރެކޯޑިން އާއި އެންމެހައި ޓެކްސް މެސެޖްތަކުގެ ތަފްސީލުތަކަށް އެދިފައިވާއިރު، އެއީ ތުހުމަތު ކުރެވޭ މައްސަލަ އާއި ޒާތީ މުއާސަލާތްތައް ރައްކާތެރި ކަމަށް އޮތް ހައްގާއި އަޅާ ބަލާއިރު މާ ފުޅާ ހުށަހެޅުމެއް." އެ މައްސަލާގައި ހޯދަން އެދުނު މައުލޫމާތުތަކާ ގުޅިގެން ހުކުމުގައި ބުނެފައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި އަންގާފައި ވާނީ އެ މައްސަލާގައި ޒާތީ މުއާމަލާތްތައް ހޯދުމުގެ ކޯޓު އަމުރަށް އެދުމުގެ ކުރިން، ތުހުމަތު ކުރެވޭ މީހާގެ ރުހުން އެކަމަށް އޮތްތޯ ބެލުމަށެވެ. އަދި އެ މީހާ ބުނާ އެއްޗެއް ލިޔުމުން ރެކޯޑް ކުރުމަށްފަހު އަދި އެ މީހާ އެ މައުލޫމާތު ދޭން ދެކޮޅު ހަދާ ނަމަ، އެފަދަ އަމުރަަށް ދަށު ކޯޓުގައި އެދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.