މުޅި ރާއްޖެ އަށް ބާއްވާ "ރާއްޖެ އެޓޯލް ވޮލީ ޗެމްޕިއަންޝިޕް" އަންނަ މަހު ފަށަނީ
މުޅި ރާއްޖެ އަށް ބާއްވާ "ރާއްޖެ އެޓޯލް ވޮލީ ޗެމްޕިއަންޝިޕް" އަންނަ މަހު ފަށަނީ

މުޅި ރާއްޖެ އަށް ހުޅުވައިލައިގެން ބާއްވާ "ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް" އަންނަ މަހު ބޭއްވުމަށް ވީއޭއެމުން އިއުލާން ކޮށްފި އެވެ.

ވީއޭއެމްއިން އިއްޔެ ގެޒެޓްކުރި އިއުލާނުގައި ވަނީ އަތޮޅު އަދި ސިޓީ ކައުންސިލްތަކާ ގުޅިގެން މި މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅައި އަދި މުބާރާތް ބާއްވާނެ ތާރީހެއް ކަނޑައެޅުމުން ވަކިވަކި އަތޮޅު އަދި ސިޓީތަކުން މި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މުބާރާތް ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހައިލައިގެންނެވެ. އަތޮޅުތަކުގައި މެޗްތައް ކުޅޭނީ ރަށްރަށުގެ މެދުގަ އެވެ. ސިޓީގައި ނަމަ އެ ސިޓީ އަކަށް ނިސްބަތްވާ އަވަށްތަކުގެ މެދުގަ އެވެ. ކޮންމެ ރަށަކުން ނުވަތަ އަވަށަކުން ބައިވެރިވެވޭނީ ކައުންސިލުން އެންޑޯޒްކުރާ އެންހެން އަދި ފިރިހެން ޑިވިޝަންގެ ތެރެއިން ކޮންމެ ޑިވިޝަކުން އެއް ޓީމަށެވެ.

އަތޮޅު މުބާރާތް ކާމިޔާބުކުރާ ޓީމެއް ކޮލިފައި ވާނީ ޒޯން ބުރަށެވެ. ވީއޭއެމް އިން ވަނީ ހަތް ޒޯނަކަށް މުޅި ރާއްޖެ ބަހާލައިފަ އެވެ. އަތޮޅަކުން އެއް ޓީމު ބައިވެރިވެއްޖެ ނަމަ އެ ޓީމަކީ އެ އަތޮޅުގެ ޗެމްޕިއަން ޓީމު ކަމަށް ކަނޑައަޅައި ޒޯން ބުރަށް ކޮލިފައި ވާނެ އެވެ. ޒޯން ބުރަށް ކޮލިފައިވާ ޓީމު އެހާ ހިސާބުން މުބާރާތުން ވަކިވިޔަސް އެ އަތޮޅެއްގެ އެހެން ޓީމަކަށް އެ ފުރުސަތު ނުދިނުމަށް ވީއޭއެމްއިން ވަނީ ހަމަޖައްސައިފަ އެވެ.

- ޒޯން 1: ހއ، ހދ، ށ

- ޒޯން 2: ނ، ރ، ބ، ޅ

- ޒޯން 3: ކ، އއ، އދ، ވ

- ޒޯން 4: މ، ފ، ދ

- ޒޯން 5: ތ، ލ

- ޒޯން 6: ގއ، ގދ

- ޒޯން 7: ފުވައްމުލައް، އައްޑޫ

އަންނަ މަހު ފ. އަތޮޅުގެ އަތޮޅު މުބާރާތް މަގޫދޫގައި ބޭއްވުމަށް ވީއޭއެމްއިން ވަނީ އިއުލާންކޮށްފަ އެވެ. އެ އަތޮޅުން މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ރަށަކުން އަންހެން އަދި ފިރިހެން ޓީމުތަކަށް ހުޅުވާލާނެ އެވެ.