ޝަކުވާ ބޮޑުވެ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކައުންސިލް އިންތިހާބުގެ ދެ ދާއިރާއެއްގެ ވޯޓުލުން ފަސްކޮށްފި
ޝަކުވާ ބޮޑުވެ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކައުންސިލް އިންތިހާބުގެ ދެ ދާއިރާއެއްގެ ވޯޓުލުން ފަސްކޮށްފި

މާދަމާ ބާއްވަން ނިންމާފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ އިންތިހާބާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބިފައި ވާތީ، އެ އިންތިހާބުގައި ދެ ދާއިރާއެއްގެ މެމްބަރުން ހޮވުމަށް ލާން ޖެހޭ ވޯޓް ފަސްކުރަން އިއްޔެ ނިންމައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް އިންތިހާބުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ގޮތުން ވޯޓު ލުމުގައި އެންމެ ފުރިހަމަ އަށް ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބިފައި ވާތީ ދެ ދާއިރާއެއްގެ ވޯޓު ފަސްކޮށްފައިވާ ކަމަށެވެ.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރެއް.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެ މީހުން އިންތިހާބުކުރާ މެންބަރެއް.

މިހާރު ހުރި އިންތިޒާމުތަކާ އެކު، އެ ދެ ދާއިރާގެ ވޯޓުލުން މާދަމާ ބާއްވައިފި ނަމަ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވޯޓު ލުމުގެ ހައްގު ގެއްލިދާނެތީ، ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާ ފަހުން އެ ވޯޓުލުން ބާއްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، އެ ދާއިރާތަކުގެ ވޯޓު ލުން ދެން އޮންނާނެ ތާރީހެއް އަދި ނުބުނެވެ.

އެ ދާއިރާތަކުގެ އިންތިހާބު ފަސްކުރި ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ހިދުމަތް ދޭ މަދަނީ ޖަމިއްޔާތަކުން އިންތިހާބުކުރާ މެންބަރެއް ހޮވުމަށް ބާއްވާ ވޯޓު ލުން މާދަމާ އޮންނާނެ އެވެ. އެ ދާއިރާގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 9 އިން މެންދުރު ފަހު 2 އަށް ޖެންޑާ މިނިސްޓްރީގަ އެވެ.

މިނިސްޓްރީން އެ އިންތިހާބު ފަސްކުރަން ނިންމިއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކޮމިއުނިޓީގެ ތެރޭގައި އިންތިހާބާ ގުޅިގެން ޝަކުވާތައް ގިނަވެފައިވެ އެވެ. އެ އިންތިހާބަށް، އެ ކޮމިއުނީޓީގެ ތެރޭގައި މީހުން ހޭލުންތެރިކުރުމަށް އެކަށީގެންވާ މައްސަކަތްތަކެއް ކޮށްފައި ނެތުމާއި ރީ ރެޖިސްޓްރޭޝަންގެ އުނދަގޫތަކާއި އަދި ވޯޓު ލާން ދިއުމަށް ކަނޑައެޅި ދުވަހާއި ވަގުތާ ގުޅިގެން ވެސް ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

ރައީސް އާއި ޖެންޑާ މިނިސްޓްރީން ކަނޑައަޅާ މެމްބަރަކާ އެކު އެ ކައުންސިލްގައި ޖުމްލަ ހަތް މެމްބަރުން ތިބޭނެ އެވެ. މީގެ ތެރެއިން އިންތިހާބުކޮށްގެން ހޮވަނީ ފަސް ދާއިރާއަކުން، ނުކުޅެދުންތެރިކަން މީހުން ތަމްސީލުކުރާނެ މެމްބަރުންނެވެ. އެއީ؛

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރީންގެ ތެރެއިން ނުވަތަ ބަލަދުވެރީންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ޖަމިއްޔާތަކުން ނުވަތަ އެފަދަ މީހުންނަށް ހިދުމަތް ދޭ ޖަމިއްޔާތަކުން އިންތިހާބު ކުރާ މެންބަރެއް.

- ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރީންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެންބަރެއް.

- ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ތެރެއިން އެ މީހުން އިންތިހާބު ކުރާ މެމްބަރެއް.

ނަފްސާނީ ބަލިތަކާ ބެހޭ ސިއްހީ ހިދުމަތްތެރީންގެ ބައިންނާއި އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ބައިން އެންމެ ކެނޑިޑޭޓަކު އެ އިންތިހާބަށް ކުރިމަތިލާފައިވާ ވާތީ އެ މީހުން މިހާރު ވަނީ ހޮވިފަ އެވެ.

ނުކުޅެދެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަން ޖެހޭ މި ކައުންސިލްގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނުކުޅެދޭ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ދޭ "ރިވެލި" އެވޯޑެވެ.