މާލޭގެ މިސްކިތްތަކުގައި ރޯދައިގެ ކުރިން ކެމެރާ ހަރުކޮށް ނިމޭނެ: މުއިއްޒު
މާލޭގެ މިސްކިތްތަކުގައި ރޯދައިގެ ކުރިން ކެމެރާ ހަރުކޮށް ނިމޭނެ: މުއިއްޒު

މާލެ އަދި ވިލިމާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކުރުން އަންނަ ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތުގެ އެތެރެ އާއި ބޭރުގައި ކެމެރާ ހަރުކުރާނެ ކަމަށެވެ.

ސިޓީ ކައުންސިލުން މިދިޔަ އޮގަސްޓް މަހު ބޭއްވި ބައްދަލުވުމެއްގައި މޭޔަރު ވިދާޅުވީ މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް، މިސްކިތްތައް އެއް ނެޓްވޯކަކުން ގުޅައިލަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ވެސް، ސީސީޓީވީން މާލެ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.

މިސްކިތްތަކުގައި ކެމެރާ ހަރުކުރަން ފެށިއިރު، މި ފަހުން މިސްކިތުގައި ޑްރަގްސް ބޭނުންކުރުމުގެ މައްސަލަ މި ދޭތެރެއިން ފެންމަތިވި އެވެ. އަދި އެ ތަންތަނުގައި ނިދައި، އެއްޗެހި ދޮވެ، އަދި އެކަށީގެން ނުވާ ކަންކަމުގައި މިސްކިތްތައް ބޭނުންކުރާކަމުގެ ޝަކުވާ ވެސް ވަރަށް ބޮޑުވި އެވެ.

ފުލުހުން ވަނީ މަސްތުވާން މިސްކިތަށް އަރާ ކަމުގެ ތުހުމަތުކުރެވޭ ބަޔަކު ވެސް މިދިޔަ އަހަރު ހައްޔަރުކޮށްފަ އެވެ.