ކޮވިޑް ނިމިއްޖެ، އާންމު ހާލަތަކަށް ގެންނަން ޖެހޭ: އާޒިމް
ކޮވިޑް ނިމިއްޖެ، އާންމު ހާލަތަކަށް ގެންނަން ޖެހޭ: އާޒިމް

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެސް އާންމު ހާލަތަކަށް ގެންނަން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ގޮވާލައިފި އެވެ.

ނައިފަރުގެ އިފްތިތާހު ސްކޫލްގެ މައްސަލަތަކާ ބެހޭ ގޮތުން އެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ތައުލީމީ ދާއިރާ އަށް އެޅޭ ހުރަސްތަކަކީ މަޖިލީހުން ބަލައިގަންނާނެ ކަންތައްތަކެއް ނޫން ކަމަށާއި މިވަގުތު ތައުލީމީ ދާއިރާ އަށް އޮތް އެންމެ ބޮޑު ހުރަހަކީ ކޮވިޑް-19 ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ދެ އަހަރުވެފައި ވާއިރު އެއީ "ބޮޑު ޖޯކެއް" ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމާ ގުޅިގެން އެތައް ގާނޫނުތަކެއް ސަސްޕެންޑުކޮށްފައިވާ ކަމަށާއި ރާއްޖެ އަލުން އާންމު ހާލަތަކަށް ގެންނަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް ވިދާޅުވި މި މަޖިލިސް ހުޅުވަމުން ކޮވިޑާ އެކު އަޅުގަނޑުމެން އުޅެން ދަސްކުރަން. ނިއު ނޯމަލްގައި އަޅުގަނޑުމެން އުޅޭށޭ ޖެހޭނީ. މިއަދު އެ ހާލަތު މި އޮތީ އައިސްފައި،" އާޒިމް ވިދާޅުވި އެވެ.

މިދިޔަ ދެ އަހަރު ތެރޭގައި ދަރިވަރުންނަށް އެއްވެސް އެއްޗެއް އުނގަންނައިދީފައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ކުދިން ސްކޫލުތަކަށް ގޮސް އެކަކު އަނެކަކާ ބައްދަލުވެ ކިޔަވާ ކިޔެވުން މުހިންމު ކަމަށާއި އެގޮތަށް ރުޖޫއަވާން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި "ކޮވިޑްގެ މާފިއާ ވިޔަފާރީ"ގެ ސަބަބުން ދަރިންގެ ކިޔެވުމަށް އެޅިފައިވާ ހުރަސް ސަރުކާރުން ނައްތާލަން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"މާސްކް ހުއްޓާލަން ޖެހޭ، ދެ ޑޯޒް 80 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން ދެވިއްޖެ. ބޫސްޓާ ޑޯޒް ޖެހިއްޖެ، މިހާރު ނިއު ނޯމަލްގައި އުޅެންޖެހޭ،" އާޒިމް ވިދާޅުވި އެވެ.

ކޮވިޑަކީ އާދައިގެ ރޯގާއެއް ގޮތުގައި ގިނަ ގައުމުތަކުން ނިންމާފައިވާ ކަމަށާއި ކޮވިޑް ނިމިއްޖެ ކަމަށް މަޖިލީހުން ސަރުކާރަށް ދަންނަވަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

ގިނަ ގައުމުތަކުން ކޮވިޑަކީ އާދައިގެ ރޯގާއެއްގެ ގޮތުގައި ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވި ނަމަވެސް ގިނަ ގައުމުތަކުގައި އެގޮތަކަށް ނުނިންމަ އެވެ. މިގޮތަށް ނުބެލުމަށް ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

"ކުރީގެ ދިރިއުޅުމަށް ރުޖޫއަ ވާން ޖެހޭ. ތައުލީމީ ނިޒާމް ކުރީގެ އޮތް ގޮތަށް ރުޖޫއަ ކުރަން ޖެހޭ. މި ގަރާރާއެކުގައި ސަރުކާރަށް ދަންނަވަން ޖެހޭ ކޮވިޑް ނިންމާލާފައި ސްކޫލުތައް ނިއު ނޯމަލްގައި އަލުން ފަށައިގަންނަން،" އާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 166،525 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 151،009 މީހުން ވަނީ އެ ބަލިން ފަސޭހަވެފަ އެވެ. އޮމިކްރޮން ވެރިއަންޓާ އެކު ކޮވިޑްގެ ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް ދިއުމަށް ފަހު މިހާރު ވަނީ އަދަދުތައް ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މީގެ އިތުރުން 370،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފަ އެވެ.