23 ފެބުރުއަރީ 2022 - 07:10

އާދިއްތަ ދުވަހާ ގުޅޭ
ދެން އުފެދުނު ސުވާލަކީ، ޖަނާނަށް މީޒާ ކަމުދިޔައީ ކީއްވެގެން ހެއްޔެވެ؟ މީޒާގެ ފަރާތުން ޖަނާނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ. ޖަނާނަކީ މާ މުއްސަނދި މީހެކެވެ. މީޒާއަށް ފާހަގަކުރެވުނީ ބާކީ އޮތް ދެ ސަބަބެވެ. އެއީ މީޒާގެ ސިފައެވެ. ނުވަތަ މިޒާޖެވެ. އެ ދެ ސިފަޔަށް އެތައް ބަދަލެއް އަތުވެއްޖެއެވެ. އޭގެ ސަބަބުން ޖަނާންގެ ލޯތްބަށް އަންނާނީ ކޮން ކަހަލަ ބަދަލެއް ބާއޭ މީޒާ ހިތަށްއެރިއެވެ. ހިތާއި ސިކުނޑި އެއްބައިވެގެން މަސައްކަތްކޮށްގެން ވެސް އޭގެ ޖަވާބެއް މީޒާއަކަށް ނުހޯދުނެވެ.
މައްސަލައަށް އޮތް ހަމަ އެކަނި ހައްލަކީ ޖަނާނާ އެ ސުވާލުކުރުމެވެ. އެކަމަކު މީޒާ ބިރުގަތެވެ. ޖަނާން ތެދަށް ނުބުނެފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ތެދަށް ބުނެފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހިކެން މީޒާއަށް މަސައްކަތްކުރެވިދާނެއެވެ. ބުރުގާއެއް ނުނެގޭނެއެވެ. އެ ކަމުގައި މީޒާ ދެވަނަ ވިސްނުމަކަށް ވެސް ދެނެއް ނުދާނެއެވެ. ކޮންމެކޮންމެ ވާހަކައެއް ދެއްކޭ ކަހަލަ ރައްޓެހިންނެއް މީޒާގެ ނުތިބެއެވެ. ހުރީ ހަމަ އެންމެ މީހެކެވެ. މަންމައެވެ.
"މަންމައަށް ކިހިނެއް ހީވަނީ؟" ފޯނުން ވަރަށް ދިގު ސުރުހީއެއް އަޅައިފައި މީޒާ އެހިއެވެ. "އަހަރެން ދެކެ އޭނަ ފޫހިވެދާނެތަ؟"
"ފުރަތަަމަ ބުނެބަލަ ދަރިފުޅު ތިހެން ތި އެހީ ކީއްވެގެންކަން؟" ހަފީޒާ ވެސް ކުރީ ސުވާލެކެވެ. "އޭނަ ކީކޭ ބުނީ؟"
ޖަނާން އެއްޗެއް ނުބުނެއެވެ. ހުރިހައި އެއްޗެއް ކިޔަނީ މީޒާގެ ހިތެވެ. މައްސަލައަކީ އެއީއެވެ. ހިތަކީ، ސައުވީސް ގަޑި އިރު އެންމެ ގާތުގައި ހުންނަ އެކުވެރިޔާއެވެ. މީޒާއާއި ހިތާ ދެމެދު ކުރެވުނު މަޝްވަރާތައް މީޒާ ހިއްސާކުރިއެވެ.
"އޭނަ ނުބުނޭ އެއްވެސް އެއްޗެއް،" މީޒާ ހިތްހަމަނުޖެހިފައި ބުންޏެވެ. "އެކަމަކު އެހެނެއް ނުވާނެއްނު މަންމާ! އަހަރެންގެ އަލަމާރީގަ މިހާރު ގިނަވާނީ އަހަންނަށް ނުލެވޭ ހެދުން. ކުރިން ޖަނާ އަހަންނަށް ހެދުން ގެނެސްދޭނެ. މިހާރު ދެނީ ހެދުން ގަންނަން ލާރި. ދުވާމެޝިނެއް ވެސް ގެނެއްސި. އޭނަ ބުނީ އޭނައަށް ގެނައި އެއްޗެކޭ. އެކަމަކު އެހެރީ އޭނަ ހުންނަ ގޮތް. ކުރިޔަށް ވުރެ ހިކި. މަންމައަށް ހީވޭތަ ޖަނާ ކޮންމެވެސް އެއްޗެއް އަހަންނަށް އަންގާހެން؟"
މީޒާ ކިޔައިދިން ނަންބަރުތައް އެއްކޮށްލައި، ހިސާބުހަދައިލުމުން ހަފީޒާއަށް ލިބުނީ އެންމެ ޖަވާބެކެވެ. ދުވަހަކަށް ވުރެ ދުވަހެއް ޖަނާން އެ ދަނީ ދުރަށެވެ. އެހެނަސް އެހެން ބުނާކަށް ހަފީޒާ ބޭނުމެއް ނުވިއެވެ.
"ތީ ހަމަ ޝައްކުބަލި!" ހަފީޒާ ބުނީ ހިތުގައި އޮތް އެއްޗެއް ނޫނެވެ. "މިހާރު ތި ތިބީ ދެ ކުދިން ލިބިފަ. ކުދިން ލިބުނީމަ ފިރިހެނުންގެ މިޒާޖު ބަދަލުވާނެ. ބަލާބަލަ ދަރިފުޅުގެ ބައްޕަ އުޅޭ ގޮތް. އެކަމަކު މަންމައަށް ފެނޭ ދަރިފުޅު ކުޑަކޮށް ހަށިގަނޑަށް ބަލާލަން. ދަންވި ވަރަކަށް ބަނޑުހައިވެފަ، ހުސް ފޮނި އެއްޗެހި ތި ކަނީ. ދުވާމެޝިނަށް ވެސް އަރާލަބަލަ!"
"އައި ނޯ މަންމާ!" މީޒާ ވެސް އެއްބަސްވިއެވެ. "މީ އޮކްޓޫބަރ މަހެއްނު. އަންނަ އަހަރު ޖެނުއަރީ ފަސްޓުގަ އެކްސަސައިޒް ފަށާނަން. އެބަ ޖެހޭ ޓެނިހަކާ އެއްޗެހި ވެސް ގަނެލަން."
މީޒާއަށް ކަނޑައެޅެނީ ދުވަހެވެ. ދުވަސް އައިސް ފާއިތުވެގެންދެއެވެ. އަނެއްކާ ވެސް އަނެއް ތާރީހު ކަނޑައަޅައެވެ. އަންނަ ހަފުތާއެވެ. ރޯދަމަހަށް ފަހުއެވެ. އަނެއްކޮޅުން ޖަނާން ޖިމަށް ދާން ފެށިއެވެ. ދުވަން ދާން ފެށިއެވެ. ޖިސްމާނީ ގޮތުން ދެމަފިރިންގެ ފަރަގު ދިޔައީ ބޮޑުވަމުންނެވެ. އެ ވަރުން ވެސް ސީދާކޮށް މީޒާ ގާތުގައި، މީޒާގެ ހަށިގަނޑާ ބެހޭ ގޮތުން ޖަނާން އެއްޗެއް ނުބުނެއެވެ.
އެއްދުވަހަކު މަންމަ ބައިގައި އިނދެފައި މީޒާ ކޮޓަރިއަށް އައި އިރު ޖަނާން އެނދުގައި އިށީނދެލައިގެން އިނެވެ. ފިކުރަކަށް ގެއްލިފައެވެ. އެއީ އާންމުކޮށް ޖަނާން އިންނަ ގޮތެއް ނޫނެވެ. މީޒާ އައިސް އެނދުގައި އިށީނދެލިއެވެ.
"ކިހިނެއްވީ؟" މީޒާ ސުވާލުކުރިއެވެ.
"ކަމެއް ނުވޭ!" އެނދުގައި އޮށޯވެލަމުން ޖަނާން ބުންޏެވެ. "އިހަށް ދުވަހަކު މާލެ މި އައީ. އަނެއްކާ ފުރަން ޖެހިއްޖެ! ޑެޑް އެބަ ބޭނުންވޭ މުޅި ރާއްޖޭގަ ފިހާރަ ހުޅުވަން. އަހަރެން ބޭނުމެއް ނޫން ދާކަށް."
އެހާ ލޯބިވާ ފިރިޔެއް ލިބުނީތީ މީޒާ ޝުކުރުކުރިއެވެ. ފުރަނީ ކޮން ތާކަށްތޯ އެހުމުގެ ބަދަލުގައި މީޒާ ބެލީ ޖަނާނަށް ވިސްނައިދެވޭތޯއެވެ. ވަފާތެރި އަންބެއްގެ ވާޖިބު އަދާކުރެވޭތޯއެވެ. ފޮށްޓަށް އެއްޗެހި އެޅުމުގައި ވެސް މީޒާ އެހީވިއެވެ. އެހެން ފަހަރުތަކާ ހިލާފަށް، އެ ފަހަރު މީޒާގެ ފޮޓޯއެއް ވެސް ޖަނާން ގެންދިޔައެވެ. ފޯނުގައި އެ ފަދަ އެއްޗެހި ރައްކާކުރެވޭ ޒަމާނެއްގައި ފޮޓޯގަނޑެއް ގެންދާ ސަބަބެއް މީޒާއަކަށް ނުވިސްނުނެވެ. ދެ ދަރިން ގައިގައި ބައްދައިލައިފައި ޖަނާން ފުރައިގެންދިޔައެވެ.
ޖެހިގެންއައި ދުވަހަކީ، ހަގު ދަރިފުޅު ގަޔަށް ވެކުސިނެއް ޖަހަން ޖެހޭ ދުވަހެކެވެ. މަންމައަށް ގުޅައިފައި، ދާންޖެހޭ ގަޑި ބުނެފައި ވެކުސިން ކާޑު ހޯދާހޯދާ އެ ކާޑެއް ނުފެނުނެވެ. ޖަނާނަށް ގުޅުމުގެ ކުރިން، ތަންކޮޅެއް ރަނގަޅަށް އަލަމާރި ބަލައިލާނަމޭ ހިތައި ހާވަނިކޮށް ފެނުނީ ވެކުސިން ކާޑެއް ނޫނެވެ. ޖަނާންގެ ޕާސްޕޯޓެވެ. ސުވާލު އުފެދުނީ ދެނެވެ. ޕާސްޕޯޓު ނުލައި ޖަނާން ދިޔައީ ކޮން ތަނަކަށް ހެއްޔެވެ؟ އެ ކަމާ ވިސްނަން އިންދައި ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. ދޮރު ހުޅުވައިލި އިރު ދޮރުމަތީގައި ހުރީ ޖަމީލެވެ. ޖަނާންގެ ބައްޕައެވެ. އޭނަ ހީކުރީ ޖަނާން ކޮޓަރީގައި އުޅޭ ކަމަށެވެ. އޮޅުންބޮޅުން ހައްތަހާ ދިޔައީ ބޮޑުވަމުންނެވެ. ޖަމީލު ދިޔުމުން ޖަނާނަށް ގުޅޭތޯ މީޒާ މަސައްކަތްކުރިއެވެ. ދެ ފަހަރަކު ރަނގަބީލުވެލައިފައި ފޯނުކެނޑެނީއެވެ. އެ ވަގުތު އަނެއްކާ ވެސް ވެކުސިން މަތިން ހަނދާންވެގެން، އަނެއްކާ ވެސް އެ ކާޑު ހޯދަން މަސައްކަތް ފެށިއެވެ. މުޅި ދުވަސް ދިޔައީ އެ ކަމުގައެވެ. ވެކުސިން ޖަހައިގެން ދަރިފުޅު ވަރަށް ރުޔެވެ.
ރޭގަނޑު ވައިބާ ހުޅުވައިލި އިރު، ނުދަންނަ ނަންބަރަކުން މެސެޖެއް އައިސްފައި އޮތެވެ. ފޮނުވި މީހާގެ ނަމަކަށް ޖަހައިފައި އޮތީ ފުރެންޑުއެވެ. އޭނަ އަހައިފައި އޮތީ ސުވާލެކެވެ. ފިރިމީހާ ކޮބައި ހެއްޔެވެ؟ ނުދަންނަ ނަންބަރުން ފޮނުވާ މެސެޖަކަށް މީޒާ ޖަވާބެއް ނުދެއެވެ. އެ ފަހަރު ވެސް ކަން ކުރަން ވިސްނީ އެ ގޮތަށެވެ.
"އަހަރެން ބުނަންތަ އޭނަ ހުރި ތަން؟" އެ ވަގުތު މެސެޖެއް އައެވެ.
ދެން ވެސް މީޒާ އެއްޗެއް ނުބުނެއެވެ. އާނއެކޭ ބުނަން ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. އެއް ފަހަރަކު އަތް ހަރަކާތްކުރި ވެސް މެއެވެ. އެހެނަސް، ފޯނުގެ ކަވަރު ލައްޕައިލައިފައި ފޯނު ބޭއްވި ތަނާ މެސެޖެއް އައި އަޑު އިވުނެވެ. މީޒާގެ ހިތް ބުންޏެވެ. އެއީ އިންޒާރެއްގެ ރަނގަބީލެވެ. ފޯނު ހުޅުވައިލި އިރު އޮތީ ފޮޓޯއެކެވެ. ފޮޓޯއިން ފެންނަނީ ސައިކަލެއް މަތީގައި އިން މީހެކެވެ. ރަނގަޅަކަށް މޫނެއް ނުފެނެއެވެ. އެހެނަސް މީޒާގެ ފިރިމީހާ މީޒާއަކަށް ނޯޅެއެވެ. ޖަނާން ލައިގެން ހުރި ގަމީހަކީ، މީޒާއަށް ރީތިވެގެން ގަތް ގަމީހެކެވެ. އެ ގަމީސް ފޮށްޓަށްލީ ވެސް މީޒާގެ އަތުންނެވެ. ޖަނާން ހުރީ ރާއްޖޭގެ ރަށެއްގައެވެ. ކޮން ރަށެއްގައި ހެއްޔެވެ؟ އެ ސުވާލު އަހަން މީޒާ އިންތިހާއަށް ބޭނުންވިއެވެ. ޗެޓުގައި އެ ސުވާލު ލިޔުނެވެ. އެއަށް ފަހު ފުހެލީއެވެ.
އެތައް އިރަކު މަސައްކަތް ކުރުމަށް ފަހު ޖަނާނަށް ވައިބާއިން މެސެޖެއް ފޮނުވިއެވެ. ޕާސްޕޯޓު ފެނުނު ވާހަކައެއް ނުބުނެއެވެ.
"ކޮން ތާކު ތިހިރީ؟" މީޒާ އެހިއެވެ.
ޖަވާބެއް ނައެވެ. ދެން މީޒާ ބެލީ ޖަނާންގެ އެފްބީ އެކައުންޓެވެ. އިންސްޓަގްރާމް ވެސް ބެލިއެވެ. އޭގައި އެންމެ ފަހުން ލާފައި ހުރީ ތަންކޮޅެއް ކުރީގެ ފޮޓޯއެކެވެ.
"އަހަރެންގެ ބިޓު ނޫން މީހަކު އޭނަޔަށް ނުފެނުނީތަ؟" ކުރިން މެސެޖު އައި ނަންބަރުން އަނެއްކާ ވެސް މެސެޖެއް އައެވެ.
މީޒާއަކަށް ގަބޫލެއް ނުކުރެވުނެވެ. ޖަނާންއަކީ އެހެން އުޅޭ މީހެއް ނޫނެވެ. ދެން އައީ އިންސްޓަގްރާމް ލިންކެކެވެ. ޖަހައިފައި އޮތް ނަމުގެ ގޮތުން އެއީ ފިރިހެނެއްގެ އެކައުންޓުކަމެއް ނުވަތަ އަންހެނެއްގެ އެކައުންޓުކަމެއް ނޭނގެއެވެ. ގިނައިން ހުރީ ގުދުރަތީ މަންޒަރުތަކާއި މަލުގެ ފޮޓޯއެވެ. އެންމެ ފަހުން ލާފައި ހުރި ފޮޓޯތަކުން ފެންނަނީ ދެ މީހެއްގެ ދެ އަތެވެ. އަތުގުޅުވައިލައިގެން ތިއްބައެވެ. ނުވަތަ ދެ އަތުން އެއް ޖޫސްތަށި ހިފައިގެން ތިއްބައެވެ. ފައި ފެންނަނީ ދިޔަރެހުގައި ހިނގާފައި ދަނިކޮށެވެ. އެ އަތާއި އެ ފަޔެއް މީޒާއަކަށް އޮޅުވައެއް ނުލެވޭނެއެވެ. އެއީ ޖަނާންއެވެ. އަތުގައި އަޅާފައިވާ އަނގޮޓި ނުދައްކަން މަސައްކަތް ކޮށްފައި ހުރި ނަމަވެސް، އެއް ފޮޓޯގައި އެ މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެކަމަކު އޭގެ ދެވަނަ އަނގޮޓިއެއް މީހެއް އަތުގައި ނޯންނާނެކަމެއް މީޒާއަކަށް ޔަގީނެއް ނޫނެވެ. ޔަގީންނުވަނީސް ޖަނާނަށް ޝައްކުކުރާކަށް މީޒާ ބޭނުމެއް ނޫނެވެ. ދެން ވިސްނުނީ މާ މޮޅު ގޮތެވެ.
މީޒާ ވެކުސިން ކާޑުގެ ފޮޓޯއެއް ނެގިއެވެ. ވެކުސިން ކާޑު ބޭއްވީ ޕާސްޕޯޓުގެ މަތީގައެވެ. އަރިމަތިން ޕާސްޕޯޓު އަރާ ގޮތަށެވެ. އެހެންނަމަވެސް ފޯކަސް ބެހެއްޓީ ވެކުސިން ކާޑަށެވެ.
"ވަރަށް ރުއި. މިހާރު ހަމަޔަކަށް އެޅިއްޖެ!" ފޮޓޯގެ ތިރީގައި މީޒާ ލިޔުނެވެ.
މެސެޖު ދިޔައެވެ. ޖަނާނަށް ލިބުނެވެ. ނުއެއް ބަލައެވެ. އެތައް އިރެއްވީ އިރު ވެސް ނުބަލައެވެ. އެ ވަގުތު ހަފީޒާ ގުޅައި، ދަރިފުޅުގެ ހާލު އެހުމުން، އެ ވަގުތަށް އަނެއްކާ ވެސް ވައިބާއިން ނުކުތީއެވެ. ދަރިފުޅު ކުޑަކޮށް ހުން ވައްތަރު ވެސް ވިއެވެ. ފީކަމުން ފީ ކުކުޅެކޭ އެއްވަރެވެ. ދަރިފުޅު މަސަލަސްކުރަން ދެ ގަޑިއެއްހާ އިރު މަސައްކަތްކޮށް، ދަރިފުޅު ނިދުމުން ވައިބާ ބަލައިލި އިރު ޖަނާން ފޮޓޯ ބަލައިފިއެވެ. އެކަމަކު އެއްޗެއް ބުނެފައެއް ނެތެވެ. ނުވެސް ގުޅިއެވެ. އޭގެ މާނަ މީޒާއަށް ވިސްނުނުކަން ސާބިތުކޮށްދިނީ މީޒާގެ ލޮލުން ފާއްދައިލި ކަރުނައެވެ.
ދެ ދުވަހެއް ފަހުން ޖަނާން މާލެއައެވެ. ގެއަށް އައީ، ދުވަހެއްގެ ހަވީރު ވަގުތުއެވެ. ދެ ކުދިން ގޮވައިގެން ކުޅެން މީޒާ އިންދައި އެޕާޓުމަންޓުގެ ދޮރު ހުޅުވައިލައިފައި ޖަނާން ވަނެވެ.
"މީޒާ! މީ މެހެރީން!" ޖަނާން ބުންޏެވެ.
ނުނިމޭ