ކަންގަނާ ފިލްމު ކުޅެގެން ދިރިއުޅުން ދަސްކޮށްފި
ކަންގަނާ ފިލްމު ކުޅެގެން ދިރިއުޅުން ދަސްކޮށްފި

ކަންގަނާގެ މައިންބަފައިންނަށް އޭނާއަކީ "ބޭނުން ނެތް" ދަރިއެކެވެ. އެހެންވެ ކުޑައިރު އޭނާ އުޅުނީ މައިންބަފައިންގެ ބަސްނާހަ އެވެ. ފިލްމީ ކެރިއަރެއް ޚިޔާރުކުރީ ވެސް ބައްޕައާ ދެކޮޅަށެވެ. ނަމަވެސް ބޮލީވުޑް ފިލްމުތައް ކުޅެގެން ގިނަ އަދަދެއްގެ ފައިސާ އާއި ކާމިޔާބުތައް ލިބުމުން މިހާރު މައިންބަފައިންނަށް ވެސް ކަންގަނާ ވަރެއް ނެތެވެ.

ކަންގަނާ ރަނާވަތު ކުޑައިރު ބޮޑާދައްކާ ރުޅިގަދަކޮށް އުޅުނަސް މިހާރު އޭނާއަކީ މުޅިން ބަދަލުވެފައިވާ މީހެކެވެ. އުމުރުން 29 އަހަރުގެ އެކްޓަރު ބުނަނީ އޭނާގެ މައިވަންތަކަމުގެ ޖަޒުބާތު ހޭލަން ފަށައިފި ކަމަށެވެ. އަދި ދަރިން ހޯދަން ބޭނުން ކަމަށް ވެސް ބުންޏެވެ. ނަމަވެސް ކައިވެންޏާ ބެހޭ ގޮތުން އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

އިންޑިއާ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑަށް ވަނުމުގެ ސަބަބުން އޭނާގެ ކިބައިގައި ހުރި ހަރުކަށި އަދި ރުޅިގަދަ ގޮތްގަނޑު ކެނޑި މައިތިރި ވެއްޖެ ކަމަށެވެ. މިހާރު އޭނާއަށް ކެތްތެރިކަމާއި މަޑުމައިތިރިކަން ދަސްވެފައިވާކަމަށް ވެސް އެއްބަސްވި އެވެ.

ކްރިއޭޓިވް ދާއިރާއަކަށް ނުކުމެވުމުން އަމިއްލަ ނަފްސަށް އިތުބާރު ލިބި ފުރިހަމަ އިންސާނަކަށް ވެފައިވާ ކަމަށް ކަންގަނާ ބުނެ އެވެ. އެއީ "ކުއީން" ފަދަ ފިލްމުތައް ކުޅެގެން ލިބުނު ތަޖުރިބާއިންނެވެ.

އިނގިރޭސިން ރީތިކޮށް ވާހަކަ ދައްކަން ނޭނގޭތީ ގިނަ ބަޔަކު ކަންގަނާ އަށް މަލާމާތްކުރި އެވެ. ނަމަވެސް ނޫސްވެރިންގެ ސުވާލުތަކަށް އެކަށީގެންވާ ރައްދު ޖަވާބު އޭނާ ދެ އެވެ. އެހެންކަމުން ގިނަ ނޫސްވެރިން ވެސް ކަންގަނާ ސިފަކުރަނީ ހިތަށްއެރި ކޮންމެ އެއްޗެއް ވެސް ބުނެލަން ކެރޭ ބަތަލާއެއްގެ ގޮތުގަ އެވެ.