23 ފެބުރުއަރީ 2022 - 00:46

ދިވެހި ޕްރިމިއާ ލީގުގައި މިރޭ، ގްރީން ސްޓްރީޓްސްއިން ކްލަބް ވެލެންސިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައިފި އެވެ.

މެޗަށް ނުކުތް އިރު ވެލެންސިއާ އޮތީ ތިން ޕޮއިންޓް ހޯދައިފަ އެވެ. ގްރީން އަށް އޮތީ އެއް ޕޮއިންޓެވެ. މިރޭގެ މެޗުން މޮޅުވެ ގްރީންއިން މިހާރު ވަނީ ޕޮއިންޓްގެ ގޮތުން ވެސް ވެލެންސިއާ އަށް ވުރެ ކުރިއަށް ޖެހިލައިފަ އެވެ.
ވެލެންސިއާ މެޗަކުން ބަލި މިވީ މެޗަކުން ބަލިނުވެ ނުވަ މެޗް ފުރިހަމަ ކުރުމަށް ފަހު އެވެ. އެޓީމުން މީގެ ކުރިން މެޗަކުން ބަލިވީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަތުންނެވެ. އޭގެ މިރޭގެ މެޗާ ހަމައަށް އެޓީމު އައީ އެއް ވެސް މެޗަކުން ބަލި ނުވެ އެވެ.
އެދެމެދުގައި އެޓީމުން ވަނީ، މާޒިޔާ ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފަ އެވެ. ޕްރެޒިޑެންޓްސް ކަޕް ލީގު ބުރުގައި ވެސް މާޒިޔާ ބަލި ކުރި އެވެ.
ވެލެންސިއާ މެޗަށް ނުކުތީ ބަދަލު ތަކާ އެކު އެވެ. އެންމެ ފާހަގަ ކުރެވޭ ކަމަކީ ކުޅުން ހުއްޓާލަން ތައްޔާރުވަމުންދާ ކަމަށް މިދިޔަ ހަފުތާގައި އިއުލާން ކުރި ކީޕަރު މުހައްމަދު ފައިސަލް އަށް އަލުން ފުރަތަމަ 11 އިން ފުރުސަތު ދިނުމެވެ. ފައިސަލް ބެލެހެއްޓި ގޯލަށް މިރޭ ގްރީންގެ ލަނޑު ޖެހީ ހަސަން ނަޒީމް (ޗޯޓް) އެވެ.
ޗޯޓް ލަނޑު ޖެހީ އެހަމަލާ އުފައްދަން ގްރީންއިން އުފެއްދި ބިލްޑް އަޕްގައި ވެސް ހިއްސާ ވަުމަށްފަހު އެވެ. ގްރީންގެ ފަހަތުން އެޓީމުގެ ކެޕްޓަން ރިލްވާން ވަހީދު ދިން ބޯޅަ ލިބުނީ އަލީ ޝާމިސް (ތޮއްޕެ) އަށެވެ. ޝާމިސް ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޗޯޓް އަށް ދިނެވެ. ޗޯޓް ބޯޅަ ހޯލްޑް ކުރުމުން ޝާމިސް ވިންގުން ކުރިއަށް އެރުމުން އަލުން ޗޯޓް އެބޯޅަ ޝާމިސް އަށް ދިނުމަށް ފަހު ކުރިއަށް އެރި އެވެ. ޝާމިސް އަލުން ބޯޅަ ދިނީ އޭރިއާ ބޭރުގައި ޗޯޓް ހުއްޓަ އެވެ. ލިބުނު ބޯޅަ ހިފައިގެން އޭރިއާގެ އަރިމަތިން އަރައި ޗޯޓް ވަނީ ގޯލްގެ ތެރެއަށް ތިރިތިރިން އެބޯޅަ ވައްދައިލައިފަ އެވެ.
ފުރަތަމަ ހާފުގައި ވެލެންސިއާއިން އުފެއްދި ނުރައްކާތެރި ތިން ހަމަލާއެއް ދިފާއު ކުރުމުގައި ގްރީންގެ ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެެވެ. ދެވަނަ ހާފުގައި އޭނާ އަށް ކުރަން ޖެހުނު އެންމެ އުނދަގޫ ސޭވް އަކީ ވެލެންސިއާގެ ޑިފެންޑަރު އެންޓޯނިއޭ ބޮޅުން ފޮނުވާލި ބޯޅަ އެވެ. ސާގިބް އެބޯޅަ ދިފާއު ކުރީ ގޯލް ރޮނގުމަތިންނެވެ.