ފިލްމަކުން އާރިޔަން ނުފެންނާނެ، އެއީ ލިޔުންތެރިއެއް
ފިލްމަކުން އާރިޔަން ނުފެންނާނެ، އެއީ ލިޔުންތެރިއެއް

ޝާހްރުކް ހާންގެ ދަރިއަކު ބޮލީވުޑަށް ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ސަޕޯޓަރުން ތިއްބަސް އެކަން އަވަހަކަށް ވާކަށް ނެތެވެ. ޑައިރެކްޓަރަކަށް ވުމަށް އުއްމީދުކުރާ ޝާހުގެ ދޮށީ ފިރިހެން ދަރިފުޅު، އާރިޔަން ހާން އޭނާގެ މަސައްކަތް ފަށައިފި އެވެ. އެކަމަކު ލިޔުންތެރިއެއްގެ ގޮތުގަ އެވެ.

އިންޑިއާގެ ނޫސްތަކަށް ޝާހުއާ ގާތް މީހަކު ދިން އިންޓަވިއެއްގައި ބުނީ އާރިޔަން ސްްކްރިޕްޓެއް ލިޔުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ތަފާތު އެކި ހިޔާލުތައް ހޯދައިގެން ވެބް ސީރީޒަކާއި ފިލްމެއްގެ ސްޓޯރީ ތައްޔާރުކުރުމުގެ މަސައްކަތް އޭނާ އެބަ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ސްކްރިޕްޓް ތައްޔާރުކުރަމުން އަންނަ ވެބް ސީރީޒް ދައްކާނީ އެމެޒަން ޕްރައިމް އިން ކަމަށާއި އަދި ފިލްމަކީ ޝާހުގެ އަމިއްލަ ރެޑް ޗިލީ އެންޓަޓައިންމަންޓްގެ ޕްރޮޖެކްޓެއް ކަމަށް ވެސް ބުންޏެވެ.

ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ، މި އަހަރުގެ ތެރޭގައި އާރިޔަންގެ ކޮންމެ ވެސް އެއް މަސައްކަތެއް ފެންނާނެ ކަމަށް ވެސް އެ މީހާ ބުންޏެވެ. އަދި މީގެ ތެރެއިން އެއް މަަސައްކަތް އާރިޔަން ކުރަނީ ލިޔުންތެރިޔާ ބިލާލް ސިއްދީގުއާ އެކު އެވެ.

ޝާހުގެ ދަރިފުޅު، ލިޔުންތެރިއެއްގެ ގޮތުގައި ފިލްމީ ދާއިރާ އަށް ނިކުންނަން ތައްޔާރުވަމުން އަންނައިރު، އޭނާގެ އަންހެން ދަރިފުޅު ސުހާނާ ހުރީ ފިލްމުތަކުގައި އެކްޓްކުރަން ކެތްމަދުވެފަ އެވެ. ސުހާނާ ފިލްމީ ދާއިރާ އަށް ނިކުންނާނީ ޒޯޔާ އަކްތަރު ޑައިރެކްޓްކުރާ ވެބް ސީރީޒަކުންނެވެ. ނެޓްފްލިކްސް އިން ދައްކަން ނިންމާފައިވާ އެ ޝޯ ދައްކަން ފަށާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޝާހުގެ ދެ ދަރިން ވެސް ފިލްމީ މަސައްކަތަށް ނިކުންނަނީ އެ ދާއިރާ އިން ކިޔަވައިގެންނެވެ.