ގައުމީ ސާފް ލީގު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބާއްވަނީ
ގައުމީ ސާފް ލީގު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބާއްވަނީ

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މި އަހަރުގެ ގައުމީ ސާފް ލީގު ފަސް ސަރަހައްދެއްގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

އެމްއެސްއޭ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވާ މި އަހަރުގެ އެމްޓީސީސީ ދިވެހި ސާފް ލީގުގެ ފުރަތަމަ މުބާރާތް ބާއްވަން ހަމަޖެހިފައި އޮތީ މާދަމާ އިން ފެށިގެން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ގދ. ގައްދޫގަ އެވެ.

މީގެ ކުރިން ގައްދޫ ޕްރޯ 2020 ނަމުގައި ރާޅާއެޅުމުގެ މުބާރާތެއް އެ ރަށުގައި ބޭއްވި ނަމަވެސް މި އަހަރު ބާއްވާ ސާފް ލީގުގެ ނަން ވެސް ވަނީ ބަދަލު ކޮށްފަ އެވެ. އެ ރަށެއްގެ ރާޅާއަޅާ ސަރަހައްދާ ގުޅުވައިގެން މުބާރާތްތަކުގެ ނަން ކިޔަން އެމްއެސްއޭ އިން ނިންމާފައިވާއިރު، ގައްދޫގައި ބާއްވާ މުބާރާތުގެ ނަމަކީ "ކަޅެގަލެކޮޑާ 2022" އެވެ.

ގައްދޫގައި ބާއްވާ މުބާރާތަށް ފަހު ދެން އޮންނާނީ މެއި މަހު މ. މުލީގައި ބާއްވާ ރާޅު މުބާރާތެވެ. އޭގެ ފަހުން ޖުލައި މަހު ރ. ކިނޮޅަހުގައި ބާއްވާ މުބާރާތަށް ފަހު، އޮކްޓޯބަރު މަހު މުބާރާތް ބާއްވާނީ ކ. ހިންމަފުށީގަ އެވެ. އަދި ގައުމީ ރާޅު ލީގު ނިންމާލާނީ ނޮވެމްބަރު މަހު މާލޭގައި ބާއްވާ "ރަންނަމާރި ޗެލެންޖް" އިންނެވެ.

ކަޅެގަލެކޮޑާ 2022 ގެ ފިރިހެން އޯޕަން ޑިވިޝަނުގައި 37 ސާފަރުން ބައިވެރިވެފައިވާއިރު، ޖޫނިއާ ޑިވިޝަނުގައި 18 ބައިވެރިން ވާދަކުރާނެ އެވެ. އަދި އަންހެން ޑިވިޝަން ވެސް ގައްދޫގައި މުޅިން އަލަށް މި އަހަރު ކުރިޔަށް ގެންދާނެ އެވެ. އަންހެން އޯޕަން ޑިވިޝަނުގައި ތިން ސާފަރުން ވަނީ ބައިވެރިވެފަ އެވެ.

ގައްދޫ ޕްރޯ މުބާރާތުގައި ވެސް އަންހެން ޑިވިޝަން ބާއްވާގޮތަށް ހަމަޖެއްސި އެވެ. ނަމަވެސް އެތުލީޓުން ބައިވެރި ނުވާތީ އެ ޑިވިޝަން ކެންސަލް ކުރީ އެވެ. އަންހެން ޑިވިޝަނުގައި މަދުވެގެން ހަތަރު އެތުލީޓުން ވާދަ ނުކުރާނަމަ މިއަހަރުގެ އަންހެން ޑިވިޝަން ނުބާއްވަން އެމްއެސްއޭ އިން ގަވާއިދު ހެދި ނަމަވެސް، ތިން ބައިވެރިންނާ އެކު މުބާރާތް ކުރިޔަށް ގެންދަން ސާފިން އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ.

އަންހެން ޑިވިޝަނުގައި ވާދަކުރާ ތިން ބައިވެރިންނަކީ އައިމިނަތު ޝައިޝާ ރަޝީދާއި، މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖް ކާމިޔާބުކުރި އާޔާ ނަސީމްގެ އިތުރުން ފާތިމަތު ރިޝްތާ ޝުޖާ އެވެ. ރިޝްތާ ވެސް ވަނީ ރަންނަމާރި ޗެލެންޖުގައި ވާދަކޮށްފަ އެވެ. މިއީ ޝައިޝާ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

އަންހެން އޯޕަން ޑިވިޝަނުގައި ތިން ހީޓެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، އެއްވަނައަށް ދާނީ ތިން ހީޓު ކުރިޔަށް ގެންގޮސް، އެންމެ ނަތީޖާ ރަނގަޅު އެތުލީޓެވެ. ޖޫނިއާ ޑިވިޝަނުގައި އަންހެން އެތުލީޓެއް ބައިވެރިވެފައެއް ނުވެ އެވެ.

28-24 ފެބްރުއަރީ: ގދ. ގައްދޫ

18-10 މެއި: މ. މުލި

9-5 ޖުލައި: ރ. ކިނޮޅަސް

8-4 އޮކްޓޯބަރު: ކ. ހިންމަފުށި

25-18 ނޮވެމްބަރު: ކ. ކާލެ