ހުޅުމާލޭގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފި
ހުޅުމާލޭގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން އަންގައިފި

ހުޅުމާލޭގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ވީހާ ވެސް އަވަހަކަށް ނެގުމަށް އެޗްޑީސީން މިއަދު އަންގައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ ހާބަ 1، ހާބަ 2 އަދި ޗެނަލް 2 ޕްރޮޖެކްޓް ފެށުމަށް ބިން ހުސްކޮށް އަންނަ މަހު ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އެ މަސައްކަތް ކުރުމަށް ބިންތައް ދޫކުރުމަށް، ހުޅުމާލޭގެ ފުރަތަމަ އަދި ދެ ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ހުއްދަ ނެތި ބަހައްޓާފައިވާ ތަކެތި ނެގުމަށް މިދިޔަ މަހުގެ 18 ގައި ކުރި އިއުލާނުގައި ވެސް އެދިފައިވެ އެވެ.

ނަމަވެސް ބިންތައް ހުސްކޮށްފައެއް ނުވެ އެވެ. އެ ޕްރޮޖެކްޓުތައް ފެށުމަށް ކަނޑައަޅާފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ކުރުމަށް އެޗްޑީސީން ވަނީ ނިންމައިފަ އެވެ. އެ ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތީގެ ވެރިފަރާތްތަކުން އެ މުއްދަތުގެ ކުރިން އެ ތަކެތި ނެގުމަށް ވަނީ އެދިފަ އެވެ.

"އެ މުއްދަތުގެ ފަހުން އެ ބިންތަކުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ އެ ތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްފައިވާ ތަކެތި ކަމުގައި ބަލައި، އެ ތަކެއްޗާ މެދު މި ކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލުކުރެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މި މަސައްކަތުގައި ތަކެއްޗަށް/ތަކެތީގެ ވެރިފަރާތަށް ލިބޭ ގެއްލުމަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެކަން އާއްމުކޮށް އަންގައި އިއުލާނުކުރީމެވެ،" އިއުލާނުގައިވެ އެވެ.

ހުޅުމާލޭގެ ހުސް ބިންތައް އާއްމުކޮށް ފުރާލާފައި އޮންނަނީ ބޭނުން ނުކުރާ ނުވަތަ ބާވެފައިވާ ވެހިކަލްތަކުންނެވެ.